ބަލޮގަންގެ ރަތް ކާޑުގެ ކަންކަން ބަލަން ފީފާގައި އެދުނީ އަހަރެން އަމިއްލަ އަށް: ޓްރަމްޕް

ނިއު ޔޯކް، ޔުނައިޓެޑް ސްޓޭޓްސް (ޖުލައި 6) - ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި އެމެރިކާ އިން ގަދަ 32 ޓީމުގެ ބުރުގައި، ބޮސްނިއާއާ ދެކޮޅަށް ކުޅުނު މެޗުގައި، ފަލޮރިން ބަލޮގަން އަށް ދެއްކި ރަތް ކާޑުގެ ކަންކަން ރަނގަޅަށް ބަލަން ފީފާގައި އެދުނީ އޭނާ ކަމަށް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.
ބޮސްނިއާ އަތުން އެމެރިކާ މޮޅުވި މެޗުގައި ބަަލޮގަން ފުރަތަމަ ހާފުގައި އެމެރިކާ އަށް ލީޑުނަަގައިދިންއިރު، ދެ ވަނަ ހާފުގައި ބޮސްނިއާގެ ޑިފެންޑަރު، ޓަރެކް މުހަރެމޮވިޗަށް ނުރައްކާތެރި ފައުލެއް ކުރި ކަމަށް ބުނެ، ރަތް ކާޑެއް ދެއްކި އެވެ. ބަލޮގަން، ބޯޅަ ހޯދަން އުޅުމުގެ ތެރޭގައި ފައިން އެރުނީ މުހަރެމޮވިޗްގެ ފައި މައްޗަށެވެ.  ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބަލައިގެން ބަލޮގަން އަށް ދެއްކި މި ރަތް ކާޑާ އެކު، އޭނާ އަށް އެއް މެޗުގެ ސަސްޕެންޝަނަށް އަންނާނެ އެވެ. އެހެންވެ، ގަވާއިދު ބުނާގޮތުން، އެމެރިކާ އިން ވޯލްޑް ކަޕްގެ ގަދަ 16 ޓީމުގެ ބުރުގައި ބެލްޖިއަމާ ކުޅޭ މެޗުގައި ބަލޮގަން އަށް ގެއްލޭނެ ކަމަށް ބެލެވުނެވެ.
އެކަމަކު، ފީފާ ޑިސިޕްލިނަރީ ކޮމިޓީން ނިންމީ ބަލޮގަންގެ މި ރަތް ކާޑުގެ ސަސްޕެންޝަނަށް އަމަލުކުރުން ސަސްޕެންޑްކޮށްފަ އެވެ. މި ސަސްޕެންޝަނާ އެއްގޮތަށް ބަލޮަގަން، އަދަބު ތަންފީޒުކުރާނީ، އެ ފަދަ ފައުލެއް ތަކުރާރުކޮށްފިނަމަ އެވެ. 
ވޯލްޑް ކަޕްގައި ބޮސްނިއާއާ ދެކޮޅަށް ކުޅުނު މެޗުގައި އެމެރިކާގެ ފަލޮރިން ބަލޮގަން އަށް ދެއްކި ރަތް ކާޑުގެ ސަސްޕެންޝަން ފީފާ އިން އުވާލުމުން، އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް އެ ނިންމުމަށް މަރުހަބާ ވިދާޅުވެ ފީފާ އަށް ޝުކުރު އަދާކުރައްވައިފި
ފީފާ ޑިސިޕްލިނަރީ ކޮމިޓީގެ މި ނިންމުމާ ގުޅިގެން، ފީފާ އަށް ގިނަ ބަޔެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ. އެ ގޮތުން، ބެލްޖިއަމް ފުޓްބޯޅަ ފެޑެރޭޝަނުން ތަފާތު ދެ ބަޔާނެއް ނެރެ، ފީފާ އިން އުސޫލުތައް މުގުރާލައި ވަކި ބަޔަކަށް މަންފާ ވާ ގޮތަށް ކަންކަން ކުރުން ވަނީ ކުށްވެރިކޮށްފަ އެވެ. އަދި، ޔޫރަޕްގެ މައި ފުޓްބޯޅަ އިދާރާ އިން ވެސް ވަނީ ބަޔާނެއް ނެރެ، ފީފާ އިން މި ނިންމި ދެކޮޅު ނުޖެހޭ ނިންމުން ފުޓްބޯޅައިގެ މެދުގައި އޮންނަ އިތުބާރު ގެއްލުވާލައިފި ކަމަށް ބުނެފަ އެވެ. މީގެ އިތުރުން، ފީފާގެ ކުރީގެ ރައީސް ސެޕް ބްލެޓާ ވިދާޅުވީ، ފުޓްބޯޅައިގެ ނިންމުންތަކަކީ ސިޔާސީ ފޯނު ކޯލުތަކުން އަންނަން ޖެހޭ ކަންކަން ނޫން ކަމަށް ބުނެ، އިންފަންޓީނޯ އަށް ފާޑުކިޔައިފަ އެވެ. 
މި މައްސަލަ ހޫނުވެފައި އޮއްވައި، ވައިޓް ހައުސްގެ އިވެންޓެއްގައި ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވީ، ބަލޮގަންގެ ރަތް ކާޑުގެ ކަންކަން ރިވިއު ކުރަން އޭނާ ފީފާ އަށް ގުޅާފައިވާނެ ކަމަށެވެ. އެކަމަކު، މި ކަމުގައި އަމަލުކުރަންވީ ގޮތެއް ފީފާ އަށް އަންގާފައިނުވާނެ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ. 
"އަހަރެން އެދުނީ އެ ރަތް ކާޑުގެ ކަންކަން ރިވިއުކުރަން. އެ ރަތް ކާޑުގެ ސަސްޕެންޝަނަށް ހަދަންވީ ގޮތް ނިންމީ ފީފާ އިން. ފުރަތަމަ ކަމަކަށް އަހަންނަށް ފެންނަ ފެނުމުގައި އެއީ ފައުލެއް ވެސް ނޫން. މިއީ، ދެ ކުޅުންތެރިއަކު ބޯޅަ ހޯދަން އުޅުމުގެ ތެރޭގައި ދިމާވި ކަމެއް،" ޓްރަމްޕް ވިދާޅުވި އެވެ. 
އޭނާ ވިދާޅުވީ، މި ފަދަ ހާލަތެއް ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ހެރީ ކޭން ފަދަ ކުޅުންތެރިއަކަށް ދިމާވިނަމަ، ފީފާގެ ނިންމުން ދިފާއުކޮށް ވާހަކަ ދައްކާނެ ގިނަ ބަޔަކު ތިބޭނެ ކަމަށެވެ. 
ބަލޮގަން އަށް ގަދަ 16 ބުރުގައި ބެލްޖިއަމާ ދެކޮޅަށް މެޗު ކުޅެވޭ ގޮތަށް ފީފާ އިން ނިންމުމާ ގުޅިގެން، އެ ކަމާ ބެހޭގޮތުން، ނޫސްވެރިންގެ ބައްދަލުވުމުގައި ބެލްޖިއަމްގެ ކޯޗު ރުޑީ ގާސިއާއާ ވަނީ ސުވާލު އަމާޒުވެފަ އެވެ. ގާސިއާ ބުނީ، ފީފާ އިން ޖުލައި ފަަސް ވަނަ ދުވަސް މި ކަނޑައެޅީ އޭޕްރީލް ފޫލް ދުވަހެއްގެ ގޮތުގައި ކަމަށެވެ. 
ބެލްޖިއަމް އެފްއޭ އިން ވަނީ ބަލޮގަންގެ ރަތް ކާޑުގެ ސަސްޕެންޝަނަށް ލުއިދޭން ފީފާ އިން ނިންމި ނިންމުމާ ދެކޮޅަށް އެޕީލްކޮށްފަ އެވެ. ސުވާލަކީ، މެޗު ފެށެން ކުޑަ ވަގުތުކޮޅަކަށް ވެފައި އޮއްވައި، ފީފާ ކޮމިޓީން މި މައްސަލަ ބަލައި ނިންމާނެތޯ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ