އިތުބާރު ހުރި ނަތީޖާ ލިބޭ ޑުރަގް ޓެސްޓް ކިޓްތަކެއް އެމެރިކާ އިން ހަދިޔާކޮށްފި

އެމެރިކާގެ ޑިޕާޓްމަންޓް އޮފް ސްޓޭޓް، ބިއުރޯ އޮފް އިންޓަނޭޝަނަލް ނާކޮޓިކްސް އެންޑް ލޯ އެންފޯސްމަންޓް އެފެއާޒްގެ ފަރާތުން ދިވެހި ފުލުހުންގެ ހިދުމަތަށް ޑްރަގް ޓެސްޓް ކިޓްތަކެއް ހަދިޔާކޮށްފި އެވެ.
ފުލުހުން ބުނީ، އެމެރިކާ އިން ހަދިޔާކުރި 150 ޑްރަގް ޓެސްޓް ކިޓަކީ އަވަސް އަދި އިތުބާރު ހުރި ނަތީޖާ ލިބޭ ގޮތަށް ފަރުމާކޮށްފައިވާ ކިޓްތަކެއް ކަމަށެވެ.
އިސްކަންދަރު ބިލްޑިންގައި މިއަދު ބޭއްވި ރަސްމިޔާތެއްގައި ދިވެހި ފުލުހުންގެ ހިދުމަތުގެ ފަރާތުން އެ ތަކެއްޗާ ހަވާލުވެލެއްވީ ކޮމިޝަނަރު އޮފް ޕޮލިސް (ސީޕީ) އަހުމަދު މުހައްމަދެވެ.
ބިއުރޯ އޮފް އިންޓަނޭޝަނަލް ނާކޮޓިކްސް އެންޑް ލޯ އެންފޯސްމަންޓް އެފެއާޒްގެ ފަރާތުން އެ ތަކެތި ހަވާލުކޮށްދެއްވީ އެމެރިކާ އެމްބަސީގެ ރީޖަނަލް ސެކިއުރިޓީ އޮފިސަރު މިހްޔާ އަލް ނިފެއިޑީއާއި ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫއެންއޯޑީސީ)ގެ ފަރާތުން އެންރިކޯ ބޮނިންސެނާ އެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސީޕީ އަހުމަދު މުހައްމަދު ވިދާޅުވީ، އެމެރިކާއިން ހަދިޔާކުރި ޑްރަގް ޓެސްޓް ކިޓްތަކާއެކު، ޑުރަގުގެ މައްސަލަތަކުގައި ފްރަންޓްލައިންގައި މަސައްކަތްކުރާ ފުލުހުންގެ މަސައްކަތްތައް އަވަސްވެ އިތުރު ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ. އަދި ޑުރަގާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތައް އިތުރަށް ހަރުދަނާވެ، ތަހުގީގުތަކަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށްވެސް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ