ލަންކާގެ ޖަލެއްގައި ބޮޑު ކުރިމަތިލުމެއް، 25 ގައިދީން މަރުވި

ސްރީ ލަންކާގެ ނިގަމްބޯ ޖަލުގައި ރޭ ހިނގި ކުރިމަތިލުންތަކެއްގައި، ޖަލުގެ ހަތަރު ގާޑުން ހިމެނޭހެން މަދުވެގެން 25 މީހުން މަރުވެ، 100އަށް ވުރެ ގިނަ މީހުން ޒަހަމްވެއްޖެ އެވެ.މަރުވި މީހުންގެ ތެރޭގައި ޖަލުގެ ހަތަރު ގާޑަކު ވެސް ހިމެނޭ ކަމަށާއި މިއީ ފާއިތުވި ފަސް އަހަރު ދުވަހުގެ ތެރޭގައި ޖަލެއްގައި ހިނގި އެންމެ ނުރައްކާތެރި ހަމަނުޖެހުން ކަމަށް އޮފިޝަލުން މިއަދު ބުންޏެވެ.  ލަންކާ ފުލުހުން ބުނި ގޮތުގައި، ވެރިރަށް ކޮލަމްބޯގެ އުތުރުން އޮންނަ ނިގަމްބޯގެ ޖަލުގައ، މަސްތުވާތަކެތީގެ ދެ ގޭންގެއްގެ މެދުގައި ރޭގަނޑު ހިނގި މި ކުރިމަތިލުންތަކުގައި ޒަހަމްވި މީހުން ވަނީ ހޮސްޕިޓަލަށް ގެންގޮސްފަ އެވެ.ޖަލުގެ ބޭރުގައި ފުލުހުންގެ ހާއްސަ ކޮމާންޑޯއިން ހަރަކާތްތެރިވަމުންދާއިރު، ކަން ހިނގާ ގޮތް ބެލުމަށް ޑްރޯން ވެސް ދަނީ ބޭނުންކުރަމުންނެވެ. އަދި ޖަލުގައި ތިބި މީހުންގެ އާއިލާތަކުގެ ގިނަ ބަޔަކު ވެސް ދަނީ ޖަލު ކައިރިއަށް އެއްވަމުންނެވެ.މި ހަމަނުޖެހުން ހިނގާފައިވަނީ ލަންކާގެ ޖަލުތަކުގައި ޖާގައަށް ވުރެ މާ ގިނައިން މީހުން ބޭތިއްބުމުގެ ބޮޑު މައްސަލައެއް ކުރިމަތިވެފައިވާ ދަނޑިވަޅެއްގަ އެވެ. ރަސްމީ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، އިއްޔެގެ ނިޔަލަށް އެ ގައުމުގެ ޖަލުތަކުގައި 41،000އަށް ވުރެ ގިނަ ގައިދީން ބައިތިއްބާފައި ތިއްބެވެ. މިއީ ޖަލުތަކުގެ އަސްލު ޖާގައަށް ވުރެ ގާތްގަނޑަކަށް ހަތަރު ގުނަ އިތުރު އަދަދެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ