ސީ ޓު އެއަރ ކާގޯ: މިދިޔަ މަހު 335 ޓަނަށްވުރެ ގިނަ މުދާ ފޮނުވައިފި

މިދިޔަ ޖޫން މަހު، ސީ ޓު އެއަރ ކާގޯ ޚިދުމަތް މެދުވެރިކޮށް 335 ޓަނަށްވުރެ ގިނަ މުދާ ރާއްޖެއިން ބޭރަށް ފޮނުވާފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މިއީ މޭ މަހާ އަޅާ ބަލާއިރު، %102 އިތުރު އަދަދެކެވެ. އެގޮތުން، މޭ މަހު ސީ ޓު އެއަރ ކާގޯ ޚިދުމަތް މެދުވެރިކޮށް ފޮނުވީ ޖުމްލަ 162 ޓަނުގެ މުދަލެވެ. މި ޚިދުމަތަކީ ކަނޑުމަގުން ރާއްޖެއަށް ގެންނަ މުދާ، ޓްރާންސިޓު ކުރުމަށްފަހު ވައިގެ މަގުން ދުނިޔޭގެ އެހެން ޤައުމުތަކަށް ފޮނުވުމަށް ފަށާފައިވާ ޚިދުމަތެކެވެ. އެގޮތުން، މި މަސައްކަތް ރާއްޖޭގައި ރަސްމީކޮށް ފަށާފައިވަނީ 15 މެއި 2024 ގައެވެ.
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ މަހު ހަތަރު އެއާލައިނެއް މެދުވެރިކޮށް، ދުނިޔޭގެ ހަތް ޤައުމަކަށް ވަނީ މުދާ ފޮނުވާފައެވެ. މިއީ ކޮންޓެއިނަރުގެ އަދަދުން ބަލާނަމަ 65 ޓީއީޔޫސްއެވެ.
މި ޚިދުމަތުގައި ބައިވެރިވި އެއާލައިންތަކުގެ ތެރޭގައި ޤަޠަރު އެއާވޭސް، ޓާކިޝް އެއާލައިން، ސައުދިއާ އަދި އެމިރޭޓްސް ހިމެނެއެވެ. މި ޚިދުމަތަކީ، އެމްޕީއެލް އާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގުޅިގެން ފޯރުކޮށްދެމުން އަންނަ ޚިދުމަތެކެވެ.
ސީ ޓު އެއަރ ކާގޯ ޚިދުމަތަކީ ދުނިޔޭގެ ގިނަ ޤައުމުތަކެއްގެ އިޤްތިޞާދަށް ބޮޑެތި މަންފާތަކެއް ލިބެމުންދާ މަސައްކަތެކެވެ. ރާއްޖެއަކީ ބައިނަލްއަޤްވާމީ ގިނަ އެއާލައިންތަކެއް ދަތުރުކުރާ މަންޒިލަކަށް ވުމާއެކު، މި ޚިދުމަތް އިތުރަށް ފުޅާކުރުމުގެ ފުރުޞަތު ރާއްޖެއަށް ބޮޑުކަމަށް ސަރުކާރުން ފާހަގަކުރައްވައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ