މެންބަރު ކުޑޫގެ މަސައްކަތްތަކުގެ އަދާހަމަ ފެންނަ ވެބްސައިޓެއް އިފުތިތާހުކޮށްފި

ގަލޮޅު އުތުރު ދާއިރާގެ މަޖިލިސް މެންބަރު، މުހައްމަދު އިބްރާހިމް (ކުޑޫ) ގެ މަސައްކަތްތަކުގެ އަދާހަމަ ފެންނަ ވެބްސައިޓެއް މިރޭ ލޯންޗުކޮށްފި އެވެ.
މިއީ މަޖިލިސް މެންބަރެއްގެ މަސައްކަތްތަކުގެ އަދާހަމަ ފެންނަ ގޮތަށް ލޯންޗުކުރި ފުރަތަމަ ވެބްސައިޓެވެ. އެ ވެބްސައިޓުގައި މަޖިލިސް މެންބަރަކަށް ކުޑޫވުމުގެ ކުރީގެ މަސައްކަތްތަކާއި މެންބަރުކަމަށް އޭނާ އިންތިހާބުވުމަށްފަހުގެ މަސައްކަތްތައް ހިމަނާފައިވެ އެވެ.
ކުޑޫގެ މަސައްކަތްތަކުގެ އިތުރުން، އެކި ކަންކަމާ ބެހޭގޮތުން އޭނާ ލިޔުއްވާފައިވާ ލިޔުންތަކާއި ގަލޮޅުގެ ބިނާތަކުގެ އިތުރުން ގަލޮޅުން ފާހަގަކޮށްލެވޭ ބައެއް ބޭފުޅުންގެ މައުލޫމާތު އެ ވެބްސައިޓުގައި ހިމަނާފައިވެ އެވެ.
އެ ވެބްސައިޓާ ބެހޭގޮތުން ވާހަކަ ދައްކަވަމުން ކުޑޫ ވިދާޅުވީ ވެބްސައިޓު މިރޭ ލޯންޗުކުރިއިރު، މިހާރު ވެސް އޭގައި 560 މަސައްކަތް ހިމެނިފައިވާނެ ކަމަށެވެ.
"އަޅުގަނޑަކީ ބްލޮގު ވެސް ކުރާ މީހެއް، އެހެންވީމާ އެ ވެސް ހުންނާނެ ވެބްސައިޓުގައި. އަސްލު ކުރަން ބޭނުންވި ކަމަކީ އަޅުގަނޑުގެ މަސައްކަތްތައް މީހުންނަށް ފެންނަ ގޮތަށް ބެހެއްޓުން. ކުރިއަށް އޮތް ތަނުގައި އަޅުގަނޑު މަޖިލީހަށް ހުށަހަޅާ މަސައްކަތްތައް ވެސް ނޫސްވެރިންނަށް ފޮނުވާނީ ވެބްސައިޓުގެ ލިންކު،" ކުޑޫ ވިދާޅުވި އެވެ.
ގަލޮޅު އުތުރު ދާއިރާގެ މެންބަރުކަމަށް އިންތިހާބުވުމުގެ ކުރިން ކުޑޫއަކީ ޓީވީ ޓޯކް-ޝޯ ހޯސްޓު ކުރުމާއި ޕޮޑްކާސްޓު ވެސް ހުށަހެޅި މީހެކެވެ. އޭގެ އިތުރުން، ޕްރޮޑަކްޝަންގެ ދާއިރާގައި ވެސް ގިނަ ދުވަސްތަކެއް ވަންދެން އޭނާ މަސައްކަތް ކުރެއްވި އެވެ.
އޭނާއަކީ މި ހިނގާ މަޖިލީހުގައި އެންމެ ގިނަ މަސައްކަތްތައް މަޖިލީހަށް ހުށަހެޅުއްވި މެންބަރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ