މޫސުމީ ބަދަލުތަކަށް ކެތްތެރި، ކާނާގެ ރައްކާތެރިކަން ކަށަވަރުވެފައިވާ ގައުމަކަށް ރާއްޖެ ހެދުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، ދަރިވަރުން ތިމާވެއްޓާއި ދަނޑުވެރިކަމަށް ހޭލުންތެރިކުރުވުމަށްޓަކައި "ވިލުންވެށި" ނަމުގައި ހާއްސަ ޕްރޮގްރާމެއް އިފްތިތާހުކޮށްފިއެވެ. މި ޕްރޮގްރާމުގެ ދަށުން ކުރިއަށްގެންދާ ސްކޫލް ގާޑަން ޕްރޮގްރާމްގެ ފުރަތަމަ ބަގީޗާ މިއަދު ވަނީ ހިރިޔާ ސްކޫލުގައި ހުޅުވާފައެވެ.
ހިރިޔާ ސްކޫލުގައި ގާއިމުކުރި މި ބަގީޗާއަށް ދީފައިވާ ނަމަކީ "ގާޑަން އޮފް ގްރޯތް" އެވެ. މި ބަގީޗާ ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީ އަލީ ޝަރީފާއި، ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިޝިގާމީ ރުމީކޯއެވެ. މި ރަސްމިއްޔާތުގައި ޖައިކާ މޯލްޑިވްސް އޮފީހުގެ ރެޕްރެޒެންޓޭޓިވް މޮޓޫ ޓާކީ، އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް އޭޑީބީ އަދި ހިރިޔާ ސްކޫލުގެ އިސްވެރިންނާއި ކަމާގުޅޭ އެކި ދާއިރާތަކުގެ ބޭފުޅުން ބައިވެރިވިއެވެ.
ރަސްމިއްޔާތަށްފަހު ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރ އަލީ ޝަރީފް ވިދާޅުވީ، ރާއްޖޭގެ އާބާދީ އިތުރުވެ ތަރައްގީވަމުން އަންނައިރު، ކާނާ އުފެއްދުމުގައި އާ ގޮތްތައް ހޯދަންޖެހޭ ކަމަށެވެ. އެގޮތުން ވާޓިކަލް ފާމިން ފަދަ ޒަމާނީ އުކުޅުތައް ބޭނުންކޮށްގެން ރާއްޖޭގައި ކާނާ އުފައްދާ މިންވަރު އިތުރުކުރުމުގެ މުހިންމުކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
މިނިސްޓަރ އިތުރަށް ވިދާޅުވީ ސްކޫލް ބަގީޗާތަކަކީ ހަމައެކަނި އެންވަޔަރަންމަންޓް ކްލަބްގެ ދަރިވަރުންނަށް އަމާޒުކޮށްފައިވާ ތަނަކަށް ނުހަދައި، ހުރިހާ ދަރިވަރުން ބައިވެރިވާ ތަނަކަށް ހަދަންޖެހޭ ކަމަށެވެ. "ސްކޫލުން ދަސްކުރާ މިފަދަ ހުނަރުތަކަކީ ގޭބިސީ ފެންވަރުގައި ބޭނުންކޮށްގެން އާއިލާތަކުގެ އާމްދަނީ ވަރުގަދަކޮށް، މޫސުމީ ބަދަލުތަކަށް ކެތްތެރި މުޖުތަމައެއް ބިނާކުރުމަށް އެޅޭ ބާރެއް،" މިނިސްޓަރ ވިދާޅުވިއެވެ.
ހިރިޔާ ސްކޫލުގައި ގާއިމުކުރި ބަގީޗާއަކީ ގްރީންހައުސް އާއި ހައިޑްރޯޕޯނިކް ޓަވަރު ސިސްޓަމް ބޭނުންކޮށްގެން މި ޕްރޮގްރާމުގެ ދަށުން ހެދި ފުރަތަމަ ބަގީޗާއެވެ. ޖަޕާނު ސަފީރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވީ، މިއީ މޫސުމީ ބަދަލުތަކާ ދެކޮޅަށް ރާއްޖެއާއި ޖަޕާނުން ކުރާ މަސައްކަތުގައި ގުޅުން ބަދަހިވެގެންދާނެ ކަމެއް ކަމަށެވެ.
މި ޕްރޮގްރާމަކީ އެންވަޔަރަންމަންޓް މިނިސްޓްރީއާއި އެޑިއުކޭޝަން މިނިސްޓްރީ ގުޅިގެން ހިންގާ "އެންހާންސިންގ ކްލައިމެޓް ރެޒިލިއަންސް އެންޑް ފުޑް ސެކިއުރިޓީ" (އީސީއާރުއެފްއެސް) މަޝްރޫއުގެ ބައެކެވެ. އޭޑީބީ އާއި ޖަޕާނު ފަންޑުގެ އެހީގައި ކުރިއަށްގެންދާ މި މަޝްރޫއުގެ ދަށުން ރާއްޖޭގެ ފަސް ސްކޫލެއްގައި މިފަދަ ބަގީޗާތައް ގާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ.
ހިރިޔާ ސްކޫލުގައި "ވިލުންވެށި" ސްކޫލް ގާޑަން ޕްރޮގްރާމް އިފްތިތާހުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ