ކްރިމިނަލް ކޯޓަށް 3 ގާޒީން ހޯދަން އިއުލާނުކޮށްފި
ކްރިމިނަލް ކޯޓަށް ތިން ގާޒީއަކު ހޯދުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އިއުލާންކޮށްފިއެވެ. ޖޭއެސްސީން ބުނި ގޮތުގައި ކްރިމިނަލް ކޯޓުގެ ގާޒީ ކަމުގެ މަގާމަށް ހޮވޭ ފަރާތްތަކަށް މުސާރައިގެ ގޮތުގައި މަހަކު 37,700 ރުފިޔާ ލިބޭނެއެވެ. މީގެ އިތުރުން، އެލަވަންސްގެ ގޮތުގައި 22,300 ރުފިޔާ އާއި މެޑިކަލް އިންޝުއަރެންސް ވެސް ލިބޭނެ ކަމަށް އެ ކޮމިޝަނުން ބުންޏެވެ. މި މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި، އިސްލާމީ ޝަރީއާ ނުވަތަ ގާނޫނު ނުވަތަ ގާނޫނާއި އިސްލާމީ ޝަރީއާގެ ރޮނގުން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވުން ހިމެނެއެވެ. އަދި ފަނޑިޔާރުކަމުގައި ނުވަތަ ގާނޫނީ ވަކީލުކަން ކުރުމުގައި ނުވަތަ އެ ދެ ކަމުގައި މަދުވެގެން ތިން އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާން ޖެހެއެވެ. ޖޭއެސްސީން ބުނީ މި މަގާމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން މި މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް އެ ފުރުސަތު އޮންނާނެ ކަމަށެވެ. ކްރިމިނަލް ކޯޓުން ގާޒީ ކަމުގެ މަގާމުތަކެއް ހުސްވެފައި ވަނީ އެ ކޯޓުގައި ކުރިން މަސައްކަތް ކުރެއްވި ގާޒީ އިސްމާއިލް ޝަފީއު ހައި ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވުމާ ގުޅިގެންނާއި، ގާޒީ ހުސައިން ފާއިޒް ރަޝާދު މަގާމުން ވަކިކުރުމާ ގުޅިގެންނެވެ. މި ވަގުތު އެ ކޯޓުގައި ތިއްބެވީ ޖުމްލަ 12 ގާޒީންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ