މޯލްޑިވްސް ބޯޓިން އެވޯޑްސް 2026 އަށް ކުރިމަތިލުމުގެ ފުރުސަތު ނޭޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ރަސްމީކޮށް ހުޅުވާލައިފި އެވެ.
ރާއްޖޭގެ ކަނޑުދަތުރުފަތުރާއި ބޯޓިން ސިނާއަތުގައި ފާހަގަކޮށްލެވޭ ފަދަ މުހިންމު ހިދުމަތްތަކެއް ކުރަމުންދާ ފަރާތްތަކުގެ އަގުވަޒަންކުރުމުގެ މަގުސަދުގައި ބާއްވާ މި އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ 1 ޖުލައި 2026 ގަ އެވެ.
މި އެވޯޑަކީ ބޯޓިން ސިނާއަތުގައި މަސައްކަތްކުރާ ފަރުދުންނާއި، ވިޔަފާރިތަކުގެ އިތުރުން އެކި ޖަމިއްޔާތަކުން ދައްކުވައިދޭ އައު އީޖާދުތަކާއި، ލީޑާޝިޕް އަދި ފެންވަރު ރަނގަޅު ހިދުމަތްތައް ފާހަގަކޮށް އެފަރާތްތަކަށް ހިތްވަރު ދިނުމަށް ދެވޭ ޝަރަފެކެވެ.
މީގެ އިތުރުން ރާއްޖޭގެ ބޯޓިން ދާއިރާގެ ފަންނީ ފެންވަރު މަތިކުރުމަށާއި، ކަނޑުދަތުރުފަތުރުގެ ސަލާމަތީ ކަންކަމާއި ދެމެހެއްޓެނިވި ގޮތެއްގައި މި ސިނާއަތް ކުރިއެރުވުމަށް މަސައްކަތްކުރާ ފަރާތްތަކަށް މިއީ ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެކެވެ.
މޯލްޑިވްސް ބޯޓިންގ އެވޯޑްސް 2026 އަށް ނަން ހުށަހެޅުމުގެ އެންމެ ފަހު ސުންގަޑިއަކީ 15 އޮގަސްޓް 2026 އެވެ. އެވޯޑަށް ނަން ހުށަހެޅުމަށް ބޭނުންވާ ފަރާތްތަކުން އެވޯޑުގެ ރަސްމީ ވެބްސައިޓް މެދުވެރިކޮށް ފޯމު ހުށަހެޅޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖައްސާފަ އެވެ.
މި އެވޯޑަށް ހުށަހަޅާ ނަންތައް ބަލައި، އެކި ދާއިރާތަކުން އެވޯޑް ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ މަސައްކަތް ކުރިއަށްދާނީ މިނިވަން ފަނޑިޔާރުންގެ ޕެނަލަކުންނެވެ. މި ޕެނަލުން އިންސާފުކުރާނީ ކަނޑައެޅިފައިވާ ހަރުދަނާ އުސޫލުތަކެއްގެ މަތިން، ހުށަހެޅޭ ފަރާތްތަކުގެ މަސައްކަތުގެ ފެންވަރާއި ދާއިރާއަށް ކޮށްދީފައިވާ ހިދުމަތްތަކަށް ބަލައިގެންނެވެ.
މި އެވޯޑާ ގުޅޭ އިތުރު މައުލޫމާތު ސާފުކުރުމަށް ބޭނުންވާ ފަރާތްތަކުން ނޭޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ސެކްރެޓަރީ ޖެނެރަލް ޒަމްއަތު ޒާހިރާ ގުޅުއްވުމަށް އެ ޖަމިއްޔާއިން އެދެ އެވެ. އެގޮތުން 7970033 ނަންބަރު ފޯނަށް ގުޅައިގެން ނުވަތަ sg@boating.mv އަށް އީމެއިލް ފޮނުވައިގެން މައުލޫމާތު ސާފުކުރެވޭނެ އެވެ.
މޯލްޑިވްސް ބޯޓިން އެވޯޑްސް އަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ