މިދިޔަ ހަފްތާގައި ހިމަބިހީގެ 22 ކޭސް، ޖުމްލަ އަދަދު 166 އަށް

ރާއްޖެއިން ކުރިން ނައްތާލާފައިވާ ބައްޔެއް ކަމުގައިވާ ހިމަބިހި (މީސްލްސް) ގެ އިތުރު 22 ކޭސް ފެނި، މި އަހަރު މިހާތަނަށް ފެނުނު ހިމަބިހީގެ ކޭސްތަކުގެ އަދަދު 166 އަށް އަރައިފި އެވެ. 
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މާލެ ސަރަހައްދުން މިދިޔަ ހަފްތާގައި ހިމަބިހީގެ 22 ކޭސް ފެނިފައިވާއިރު، މި އަހަރު މިހާތަނަށް ހިމަބިހީގެ ޖުމްލަ 166 ކޭސް ރިޕޯޓުކޮށްފައިވާ ކަމަށެވެ. 
Enterprise Development Industrial Pvt Ltd
MU STORE
MU STORE
Yes Maldives Pvt Ltd
މި ބައްޔަށް ޕޮޒިޓިވްވި 24 އަހަރުގެ ޒުވާނަކަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށް މިދިޔަ ހަފްތާގައި ވަނީ ނިޔާވެފަ އެވެ. އެ ޒުވާނާ މަރުވީ ސީދާ ހިމަބިހީގެ ސަބަބުންތޯ ދެނެގަތުމަށް އެޗްޕީއޭއިން ދަނީ މަސައްކަތްކުރަމުން ކަމަށް އެ އެޖެންސީން ބުންޏެވެ. 
ހިމަބިހި އަލުން ފެނުމާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެޗްޕީއޭއިން ވަނީ ވެކްސިން ދިނުމުގެ ކެމްޕެއިނެއް ފަށާފަ އެވެ. މިގޮތުން މިހާތަނަށް 9،918 މީހަކަށް ވަނީ ވެކްސިން ދީފަ އެވެ. 
ހިމަބިހީގެ ދެ ޑޯޒް ފުރިހަމަ ކޮށްފައިވާކަން ޔަގީންނުވާ މީހުން، ކަނޑައެޅިފައިވާ ވެކްސިންދޭ މަރުކަޒަކަށް ގޮސް ވެކްސިން ފުރިހަމަކުރަން އެޗްޕީއޭއިން ވަނީ އެދިފަ އެވެ. 
މީގެއިތުރުން ބަލިޖެހިފައިވާ މީހަކާ ކޮންޓެކްޓުވިކަން އެނގޭ މީހުން، ހުޅުމާލެ ނުވަތަ އާބަން ޕްރައިމަރީ ހެލްތު ކެއާ ސެންޓަރުން ކޮންޓެކްޓަރުންނަށް ހިމަބިހީގެ ވެކްސިން ޖަހަން ކަނޑައަޅާފައިވާ ވަގުތު ވެކްސިން ޖަހަންވެސް އެ އެޖެންސީން ވަނީ އިލްތިމާސްކޮށްފަ އެވެ. 
ހިމަބިހީގެ ވެކްސިން މާލެ ސަރަހައްދުގެ ހޮސްޕިޓަލުތަކުގެ އިތުރުން ރަށްރަށުގެ ސިއްހީ މަރުކަޒުތަކުން ކަނޑައެޅިފައިވާ ގަޑިތަކެއްގައި ދަނީ ވެކްސިން ޖަހައި ދެމުންނެވެ. 
އެޗްޕީއޭއިން ވަނީ ބަލީގެ އަލާމާތްތައް ހުރިހަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދާން އިލްތިމާސްކޮށްފަ އެވެ. އަދި، ހިމަބިއްސަށް ޝައްކުވެގެން ޓެސްޓް ހަދައިފިނަމަ، ނަތީޖާ ލިބެންދެން އެކަހެރިވެގެން ހުރުމަށާއި ބަލީގެ އަލާމާތެއް ހުރިނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުގޮސް ގޭގައި މަޑުކުރަން އެދިފައިވެ އެވެ.
އޭގެ އިތުރުން، ހުންއައިސް، ގައިގައި ރަތް ބިހިތަކެއް ނަގައިފިނަމަ ލަސްނުކޮށް ސިއްހީ ފަރުވާ ހޯދައި، އަދި ފަރުވާ ހޯދަން އަންނައިރު މާސްކު އެޅުމުގެ އިތުރުން އާންމު ދަތުރުފަތުރުގެ ވަސީލަތްތައް ބޭނުން ނުކުރަން އެޗްޕީއޭއިން ވަނީ އެދިފަ އެވެ. 
ހިމަބިއްސަކީ 2017 ވަނަ އަހަރު ރާއްޖެއިން މުޅިން ނައްތާލާފައިވާ ބައްޔެއްގެ ގޮތުގައި ޑަބްލިއުއެޗްއޯއިން ކަނޑައަޅާފައިވާ ބައްޔެކެވެ. ނަމަވެސް 2020 ވަނަ އަހަރާއި 2023 ވަނަ އަހަރުގެ އޭޕްރިލް މަހުގައި ވެސް ވަނީ ހިމަބިހީގެ ކޭސްތަކެއް ރާއްޖެއިން ފެނިފަ އެވެ. އެ ކޭސްތައް އޭރު ވަނީ ކޮންޓުރޯލް ކޮށްފަ އެވެ.
ހިމަބިހިން ރައްކާތެރިވުމުގެ ވެކްސިން ދެނީ ދެ ޑޯޒަކަށް ބަހާލައިގެންނެވެ. ފުރަތަމަ ޑޯޒް ދެނީ އުމުރުން އެއް އަހަރުގަ އެވެ. ދެވަނަ ޑޯޒް ދެނީ އުމުރުން ގާތްގަނޑަކަށް ތިން އަހަރުގަ އެވެ. މިހާރު ވެކްސިންދެމުން ދަނީ ދެ ޑޯޒް ފުރިހަމަ ނުކުރާ ފަރާތްތަކަށެވެ. 
ހިމަބިހިން ރައްކާތެރިވުމަށްޓަކައި ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ވެކްސިން ޖެހުން ކަމަށް ޑޮކްޓަރުން އަންނަނީ ބުނަމުންނެވެ. އަދި ވެކްސިނާއެކު ރާއްޖެއިން ނައްތާލެވިފައިވާ ބަލިތަކަކީ ކައިރި ގައުމުތަކުން އައިސްދާނެ ބަލިތައް ކަމަށްވާތީ، ވެކްސިން ޖެހުމުގައި ފަރުވާ ކުޑަ ނުކުރަން ޑޮކްޓަރުން އިލްތިމާސްކުރެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ