ޓޫރިޒަމް ދާއިރާގެ ވިޔަފާރިތައް ޓެކުހަށް އަހުލުވެރިކުރުވުމަށް މީރާއިން ޚާއްސަ ޕްރޮގްރާމެއް

ޓޫރިޒަމް ދާއިރާގައި ވިޔަފާރި ހަރަކާތްތައް ހިންގާ ފަރާތްތަކުން ޓެކުހާ ގުޅޭ އިލްތިޒާމްތައް ފުރިހަމަކުރުމުގައި ހުރި މައްސަލަތައް ދެނެގަތުމަށާއި އެކަންކަން ހައްލުކުރުމަށް އެހީތެރިވެދިނުމަށް މީރާއިން ޚާއްސަ ޕްރޮގްރާމެއް ފަށައިފިއެވެ. މި ޕްރޮގްރާމްގެ ދަށުން މީރާއިން މާފުށީގައި ހިންގާ ގެސްޓްހައުސްތައް އިންސްޕެކްޓްކުރުމުގެ ޚާއްޞަ އޮޕަރޭޝަނެއް ވަނީ ފަށާފައެވެ.
މި ހަރަކާތުގައި މާފުށީގައި ހިންގާ ގެސްޓްހައުސްތަކަށް ޒިޔާރަތްކޮށް، މައުލޫމާތާއި އެހީތެރިކަން ފޯރުވައި ދިނުމުގެ އިތުރުން، އޮޑިޓް ކުރުމަށް ކަނޑައެޅިފައިވާ ފަރާތްތައް އޮޑިޓްކުރުމުގެ މަސައްކަތް ވެސް ކުރިއަށް ގެންދާނެކަމަށް މީރާއިން ބުނެއެވެ. މީގެ އިތުރުން ޓެކުހަށް މަކަރުހެދުމުގެ ތުހުމަތުގައި މީރާއިން ތަހުގީގުކުރާ ބައެއް ފަރާތްތައް ބަލައިފާސްކުރުމަށްވެސް ހަމަޖެހިފައިވާ ކަމަށް މީރާއިން މައުލޫމާތު ދެއެވެ.
ޓެކްސް ދައްކާ ފަރާތްތަކުން ޓެކުހާ ގުޅޭ އިލްތިޒާމްތައް ފުރިހަމަކުރުމުގައި ހުރި މައްސަލަތައް ހައްލުކުރުމަށް މިފަދަ ޕްރޮގްރާމްތައް އިތުރު ރަށްރަށުގައި ވެސް ކުރިއަށް ގެންދަން ހަމަޖެހިފައިވާ ކަމަށް މީރާއިން ބުނެއެވެ. އަދި އަލަށް ހުޅުވާ ރިސޯޓްތަކާއި، މަލްޓިނޭޝަނަލް ކުންފުނިތަކާއެކު ޓޫރިޒަމް ދާއިރާގައި ހިންގާ މުއާމަލާތްތަކާގުޅޭ ގޮތުން ދައްކަންޖެހޭ ޓެކްސް ދެއްކުމުގައި ހުރި މައްސަލަތައް ހައްލުކުރުމަށް ތަފާތު ފިޔަވަޅުތައް އަޅަމުންދާކަމަށް ވެސް މީރާއިން މައުލޫމާތުދެއެވެ. އަދި ޓެކްސް ދައްކާ ފަރާތްތަކުން ޓެކުހުގެ ޤާނޫނުތަކުގެ ދަށުން އަދާކުރަންޖެހޭ އިލްތިޒާމުތައް ފުރިހަމަކުރާ މިންވަރު ބަލައި، ޓެކުހާގުޅޭ އިލްތިޒާމުތައް ގަވާއިދުން ފުރިހަމަ ކުރަމުން ނުދާ ފަރާތްތަކާމެދު މީރާއިން ފިޔަވަޅު އަޅަމުންދާނެކަމަށްވެސް މީރާއިން ހާމަކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ