ޖަލަށްލުމުން ސާބިތުވިކަމަކީ ސަރުކާރުން އުޅެނީ ހަގީގަތުގައި ވެސް ނޫސްވެރިންގެ ދޫތައް ބަންދުކުރަންކަން ކަމަށާއި އެކަމާ ދެކޮޅަށް ކުރަމުން އައި މަސައްކަތް ކުރިއަށް ވުރެ ވަރުގަދައަށް ކުރިއަށް އޮތްތާ ކުރާނެ ކަމަށް 'އަދަދު' ނޫހުގެ ނޫސްވެރިޔާ ލީވާން އަލީ ނާސިރު މިއަދު ބުނެފި އެވެ.
ވީ ކިހިނެއް؟ - ރައީސް މުހައްމަދު މުއިއްޒަށް ތުހުމަތުތަކެއްކޮށް 'އަދަދު' ނޫހުން އުފެއްދި ޑޮކިއުމެންޓްރީއާ ގުޅިގެން، އެ ނޫހުގެ ސީއީއޯ ހުސެން ފިޔާޒު މޫސާ އާއި އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް ގަޒުފު ކުރުމުގެ ކުށުގެ ދައުވާ ވަނީ އުފުލާފަ އެވެ. އެއާ އެކު، އެ ޑޮކިއުމެންޓްރީއާ ގުޅޭ އެއްވެސް ވާހަކައެއް ސީދާކޮށް ވެސް އަދި ނުސީދާގޮތުން ވެސް ދެއްކުން ކްރިމިނަލް ކޯޓުގެ ގެގް އަަމުރަކުން ވަނީ މަނާކޮށްފަ އެވެ.
އެ އަމުރާ ހިލާފަށް ހަބަރެއް ލިޔުނު ކަމަށް ބުނެ އަދި އެކަމާ ގުޅޭ ސުވާލެއް ރައީސް މުހައްމަދު މުއިއްޒާ ކޮށްގެން އެ ނޫހުގެ ނޫސްވެރިން ކަމަށްވާ ލީވާން އާއި މުހައްމަދު ޝަހުޒާންއަށް ޖަލު ހުކުމެއް އިއްވި އެވެ. ލީވާންގެ މައްޗަށް އިއްވި 10 ދުވަހުގެ ޖަލު ހުކުމް ތަންފީޒުކޮށް ނިމި މިއަދު ވަނީ މިނިވަންވެފަ އެވެ.
އެކީގައި ޖަލަށް ހުކުމް ކުރި އެ ދެ ނޫސްވެރިން ވެސް ފުރަތަމަ ތިބީ ކަރެކްޝަންސްގެ މާފުށީ ޖަލުގެ ޔުނިޓް 13ގެ ގޮޅިއެއްގަ އެވެ. ނަމަވެސް ފަހުން ވަނީ، މަރުގެ މައްސަލަތަކުގައި ހައްޔަރުކޮށްފައި ތިބޭ މީހުންގެ ޔުނިޓް 10ގެ ގޮޅިއަކަށް ލީވާން ލައި އެކަހެރިކޮށްފަ އެވެ.
ބުނީ ކީކޭ؟ - ޖަލުން ނުކުމެ ލީވާން މިއަދު ބުނީ، ހަބަރެއް ލިޔެގެން، ސުވާލެއް ކޮށްގެން ނޫސްވެރިން ޖަލަށް ދާން ޖެހުމުން ފެންނަނީ ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސް އަޅަން ކުރިން ކުރި ކަންކަން އިއާދަވަމުންދާ ތަން ކަމަށެވެ.
ލިޔާ ލިއުމަކުން ނޫސްވެރިޔަކު ޖަލަށް ދާން ނުޖެހޭނެ ކަމާ މެދު މިހާރު އެއްވެސް ޔަގީންކަމެއް ނެތް ކަމަށް އޭނާ ބުންޏެވެ. އެއީ މި ސަރުކާރުން މީޑިއާ ރެގިއުލޭޓުކުރުމަށް އުފެއްދި ކޮންޓްރޯލު ބިލުގެ މަސައްކަތް ކުރަމުންދިޔައިރު ކަންބޮޑުވުން ފާޅުކުރި ސަބަބުކަން ލީވާން ފާހަގަކުރި އެވެ.
"އޭރު ވެސް ބުނަމުންދިޔައިން ސަރުކާރުން މިއުޅެނީ ހަމަ ސީދާ އަހަރުމެންގެ ދޫތައް ބަންދުކުރަންށޭ. އެކަން އަހުރެމެން ވިޔަ ނުދޭނަން. ޖަލަށް 10 ދުވަހަށް ލާފައި މި ނެރުނީ މިއަށް ވުރެ ވަރުގަދައަށް ޖައްސާނަން،" ލީވާން ބުންޏެވެ.
ޖަލުގެ ހާލަތާ މެދު ވެސް ލީވާން ކަންބޮޑުވުން ފާޅުކުރި އެވެ. ލީވާން ބުނީ، ޖަލު ގޮޅި ބަދަލުކޮށް އޭނާ ބަހައްޓާފައިހުރީ ވަރަށް ވެސް ހާލަތު ދަށް ގޮޅިއެއްގައި ކަމަށާއި އެއީ އިންސާނުން ތިބެން ހެޔޮވާވަރުގެ ތަނެއް ނޫން ކަމަށެވެ. އެގޮތުން އޭނާ ބުނީ:
ފުރަތަމަ ނިދަން ޖެހުނީ ގޮޅީގެ ބިންމަތީގައި ކުނަލެއް އަޅައިގެން
އެތަނަށް އެނދެއް ހަމަޖައްސަދިނީ ކުރިން ހުރި ސެކިއުރިޓީ ހެޑް ބަދަލުކުރުމަށް ފަހު އެއް ދުވަސް ފަހުން
ފެންވަރަން ވެސް ޖެެހެނީ ފާހާނާކުރަން އިންނަ ކުޑަކުޑަ ތަންކޮޅެއްގައި؛ ފެން ވަރާއިރު ގޮޅީގެ ތެރެއަށް ފެންތައް ދޭ
ކެއުމަށް ދެނީ އިންސާނަކު ކާން އެންމެ ރަނގަޅު ކާއެއްޗެއްސެއް ނޫން؛ ކާތަކެތީގައި ރަހެެއް ނުލާ
"އަދި ގޮޅީގައި އަހަރެންނަށް އެނދެއް ހަމަޖައްސައިދިނަސް އެތަނުގެ ބިންމަތީގައި އެހެން ގައިދީން ނިދަނީ. އެތަނުން ހިންޏާއި އެއްޗެހި ދޭ ގައިމަތިން. ނިދަން ހެޔޮވާވަރުގެ ގޮޅިތަކެއް ނޫނޭ އެތާ އެހުރީ،" ލީވާން ބުންޏެވެ.
ނޫސްވެރިންގެ ދޫތައް ބަންދެއް ނުކުރެވޭނެ؛ ދެން ކުރިއަށްވުރެ ވަރުގަދަވާނެ: ލީވާން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ