މިނިވަން ދުވަހަށް ޕީއެސްއެމް ނިއުސްގެ ޚާއްޞަ ޑޮކިއުމަންޓްރީއެއް

މިއަހަރުގެ މިނިވަންދުވަހާ ދިމާކޮށް ޚާއްސަ ޑޮކިއުމަންޓްރީއެއް ތައްޔާރުކުރުމުގެ މަސައްކަތް ޕީއެސްއެމް ނިއުސްއިން ފަށައިފިއެވެ. މިކަމަށްޓަކައި ޕީއެސްއެމްގެ ޓީމުންވަނީ ލަންކާއަށް ދަތުރުކޮށްފައެވެ.
ރާއްޖޭގެ ފަޚުރުވެރި މިނިވަން ދުވަހާ ދިމާކޮށް ކޮންމެ އަހަރަކުވެސް އަންނަނީ ދިވެހީންގެ ތާރީޚާއި، އެވޭލާ ދިވެހީންގެ ދިރިއުޅުމާއި ގުޅުން ހުރިކަންކަން އަދުގެ ޖީލަށް ގެނެސްދިނުމަށް އެކި މަސައްކަތްތައް ކުރަމުންނެވެ. މިދިޔަ އަހަރުވެސް މިނިވަން ދުވަހާއި ގުޅިގެން ޚާއްސަ ޑޮކިއުމަންޓްރީއެއް ވަނީ ގެނެސްދީފައެވެ.
މިއަހަރުގެ މިނިވަން ދުވަހާ ދިމާކޮށްވެސް ރާއްޖޭގެ މިނިވަންކަމާއި އަދި ލަންކާއާއި ރާއްޖޭގެ ގުޅުމުގެ މައްޗަށް އަލިއަޅުވާލާ ޚާއްސަ ޑޮކިއުމަންޓްރީއެއް ގެނެސް ދިނުމަށް ޕީއެސްއެމްގެ ޓީމުންދަނީ މަސައްކަތްކުރަމުންނެވެ.
ފަންނާ ސަޤާފަތާއި ތަރިކައާ ބެހޭ ވުޒާރާއާއި ޕަބްލިކް ސަރވިސް މީޑިއާ އަދި ލަންކާގައި ހުންނަ ދިވެހި ހައި ކޮމިޝަން ގުޅިގެން ގެނެސްދޭ މިޑޮކިއުމަންޓްރީގައިވެސް ޚާއްސަ ކަންތައްތަކެއް ހުންނާނެއެވެ.
ޑޮކިއުމަންޓްރީއަށް ބޭނުންވާ ބައެއް މަންޒަރުތައް ނެގުމަށާއި މަޢުލޫމާތު ހޯދުމަށް ޕީއެސްއެމް ނިއުސްގެ ކްރޫވަނީ ޖޫންމަހުގެ 24 އިން 28 އަށް ލަންކާއަށް ދަތުރުކޮށްފައެވެ. މިދިޔަ އަހަރެކޭ އެއްފަދައިން މިއަހަރުގެ ޑޮކިއުމަންޓްރީގައިވެސް ދިވެހީންނާއި ގުޅުންހުރި މުހިއްމު ތަންތަނަށް ޒިޔާރަތްކޮށް، މަޢުލޫމާތު މުއްސަނދި ޑޮކިއުމެންޓްރީއެއް ގެނެސްދިނުމަށްދަނީ މަސައްކަތް ކުރަމުންނެވެ.
މިދިޔަ އަހަރު މިނިވަން ދުވަހަށް ޚާއްސަކޮށްގެން ތައްޔާރުކުރި ޑޮކިއުމަންޓްރީ ގެނެސްދީފައިވަނީ ރާއްޖޭގެ މިނިވަންކަމުގެ އެއްބަސްވުމުގައި ސޮއިކުރި ތާރީޚީ މާލަމުންނެވެ. 1965 ވަނަ އަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހު މިނިވަންކަމުގެ އެއްބަސްވުމުގައި ރާއްޖެއާއި އިނގިރޭސި ސަރުކާރާ ދެމެދު ސޮއިކުރީ ސްރީ ލަންކާގައި ހުންނަ އިނގިރޭސި ހައި ކޮމިޝަނަރުގެ ގެކޮޅުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ