އިންޑިއާ ކަނޑުން އީރާނުގެ ތެޔޮ ޓޭންކަރެއް އެމެރިކާ ސިފައިން ހިފަހައްޓައިފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އީރާނަށް އަސްކަރީ ހަމަލާތަކެއް ދީފާނެ ކަމުގެ އިންޒާރުތައް ދެމުންދާ ދަނޑިވަޅެއްގައި، އީރާނާ ގުޅުންހުރި ސާފުނުކުރާ ތެޔޮ އުފުލާ ޓޭންކަރެއް އިންޑިއާ ކަނޑުގެ ސަރަހައްދުން އެމެރިކާ ސިފައިން އަތުލައިގަނެފިއެވެ.
"ވޯލް ސްޓްރީޓް ޖާނަލް" އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ރޭގަނޑުގެ ވަގުތެއްގައި ހިންގި ހާއްސަ އޮޕަރޭޝަނެއްގައި އަތުލައިގަތީ އީރާނުން ބޭރުކުރުން މަނާކޮށްފައިވާ ތެޔޮ އުފުލުމުގައި ހަރަކާތްތެރިވާ ނެޓްވޯކެއްގެ ބައެއް ކަމަށްވާ "ސްކައިވޭވް" ނަމަކަށް ކިޔާ އުޅަނދެކެވެ. މިއީ މިއަހަރުގެ މާޗު މަހުގެ ތެރޭގައި އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ އުޅަނދެއްކަން ވެސް އެމެރިކާގެ ތިން އޮފިޝަލަކު ވަނީ ކަށަވަރުކޮށްދެއްވައިފަ އެވެ.
އުޅަނދު ދަތުރުކުރި މަގު ދައްކައިދޭ ޓްރެކިން ޑޭޓާތަކުން އެނގޭ ގޮތުގައި، މި ހަފުތާގެ ކުރީކޮޅު މަލަކާ ކަނޑުއޮޅި ހުރަސްކުރުމަށް ފަހު، މި އުޅަނދު ދަތުރުކުރަމުންދިޔައީ މެލޭޝިއާގެ ހުޅަނގުންނެވެ. އިންޓެލިޖެންސް ރިޕޯޓްތަކާއި ޝިޕިން މައުލޫމާތުން ދައްކާ ގޮތުގައި، މި ޓޭންކަރަށް ފެބްރުއަރީ މަހު އީރާނުގެ ޚަރްޖު އައިލެންޑުން އެއް މިލިއަނަށްވުރެ ގިނަ ފީފާގެ ސާފުނުކުރާ ތެޔޮ ބަރުކޮށްފައިވެއެވެ.
އޮފިޝަލުން ވިދާޅުވި ގޮތުގައި، މި އުޅަނދު ހަރަކާތްތެރިވަމުން ދިޔައީ، ސިއްރިއްޔާތުގައި އެއް އުޅަނދުން އަނެއް އުޅަނދަށް ތެޔޮ ބަދަލުކުރުމަށް މަޝްހޫރު ސަރަހައްދެއްގައެވެ. މިއީ ދަތިކުރުމުގެ ފިޔަވަޅުތަކުން ސަލާމަތްވުމަށްޓަކައި "ޝެޑޯ ފްލީޓް" ނުވަތަ ކަނޑުގެ ކަޅު ބާޒާރުގެ އުޅަނދުތައް ބޭނުންކުރާ އުކުޅެކެވެ.
އީރާނާ ގުޅުންހުރި ތެޔޮ އުފުލާ އުޅަނދުތަކާ ދެކޮޅަށް އެމެރިކާއިން މީގެ ކުރިން ވެސް މިފަދަ އޮޕަރޭޝަންތައް ހިންގާފައިވެއެވެ. އޭޕްރީލް މަހު ވެސް، އެމެރިކާގެ ކަމާބެހޭ ފަރާތްތަކުން ވަނީ އިންޑިއާ ކަނޑުން "މެޖެސްޓިކް އެކްސް" އަދި "ޓިފާނީ" ނަމަކަށް ކިޔާ އުޅަނދެއް ހިފަހައްޓައިފައެވެ.
އީރާނާއި ރަޝިއާގެ ތެޔޮ، ބައިނަލްއަގުވާމީ ދަތިކުރުމުގެ ފިޔަވަޅުތަކާ ހިލާފަށް އުފުލާ ގާތްގަނޑަކަށް 1،000 ބޯޓުގެ މައްޗަށް އެކުލެވޭ އީރާނުގެ މި "ޝެޑޯ ފްލީޓް" އާ ދެކޮޅަށް އެމެރިކާއިން ވަނީ ފިޔަވަޅުތައް ވަރަށް ބޮޑަށް ވަރުގަދަކޮށްފައެވެ. ރިޕޯޓްތައް ބުނާގޮތުގައި މީގެ ގިނަ ތެޔޮ ފޮނުވަނީ ޗައިނާ އާއި އިންޑިއާއިން ތެޔޮ ގަންނަ މީހުންނަށެވެ.
އެމެރިކާގެ ޖޮއިންޓް ޗީފްސް އޮފް ސްޓާފްގެ ޗެއާމަން ޖެނެރަލް ޑޭން ކޭން އޭޕްރީލް މަހު ވިދާޅުވެފައިވަނީ، އީރާނުގެ ތެލުގެ ވިޔަފާރިއަށް އެހީތެރިވާ އުޅަނދުތައް ހޯދުމަށް އެމެރިކާގެ އަސްކަރިއްޔާއިން ހަރުކަށި ފިޔަވަޅުތަކެއް އަޅާނެ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އީރާނުގެ ދިދަ ނަގާފައިވާ ކޮންމެ އުޅަނދެއް ނުވަތަ އީރާނަށް މާއްދީ އެހީތެރިކަން ފޯރުކޮށްދޭން އުޅޭ ކޮންމެ އުޅަނދެއްގެ ފަހަތުން ވެސް އެމެރިކާ ސިފައިން ދާނެއެވެ.
މި އުޅަނދު އަތުލައިގަތީ އެމެރިކާ އާއި އީރާނާ ދެމެދު މަސްރަހު އިތުރަށް ގޯސްވެފައި ވަނިކޮށެވެ. އަންގާރަދުވަހު ޓްރަމްޕް ބުނީ، އީރާނަށް އާ އަސްކަރީ ހަމަލާތަކެއް ދިނުމުގެ ހުއްދަ ދިނުމާ ދާދި ގާތަށް ދިޔުމަށް ފަހު، ގަލްފުގެ ބައިވެރިންނާ މަޝްވަރާކުރުމަށް ފަހު ނިންމުން ފަސްކުރީ ކަމަށެވެ. މިކަމާ ގުޅޭގޮތުން ޕެންޓަގަންއިން ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.
އެމެރިކާ އާއި އީރާނާ ދެމެދު އޮތް ގުޅުން ފާއިތުވީ އަހަރުތަކުގައި ވަރަށް ބޮޑަށް ގޯސްވެފައިވަނީ، އީރާނުގެ ނިއުކްލިއާ މަޝްރޫއާ ގުޅިގެން 2015 ވަނަ އަހަރު ގާއިމުކުރި ބައިނަލްއަގުވާމީ އެއްބަސްވުމުން އެމެރިކާ ވަކިވެ، އީރާނުގެ އިގްތިސާދާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތަކެއް އަޅަން ފެށި ހިސާބުންނެވެ.
ހާއްސަކޮށް އީރާނުގެ އާމްދަނީގެ މައިގަނޑު ވަސީލަތް ކަމަށްވާ ސާފުނުކުރާ ތެޔޮ ބޭރުކުރުން ހުއްޓުވުމަށް އެމެރިކާއިން އިސްނަގައިގެން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން، ދުނިޔޭގެ އެންމެ މުހިންމު ކަނޑުގެ މަގުތަކުގައި ދެ ގައުމުގެ އަސްކަރީ ކުރިމަތިލުންތަކާއި އުޅަނދުތައް ހިފެހެއްޓުމުގެ ހާދިސާތައް ވަނީ ފަހަކަށް އައިސް ވަރަށް ބޮޑަށް އިތުރުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ