ރާއްޖޭން ލިބޭ ފަރުވާއެއް ނަމަވެސް، ހާލަތަށް ބަލައި އާސަންދައިން ބޭރަށް ފޮނުވަން ނިންމައިފި
ރާއްޖެއިން ލިބެން ހުރި ފަރުވާއެއް ނަމަވެސް، އެ ފަރުވާ ހޯދުމުގައި ހުރި ދަތިތަކާއި ބަލި މީހާގެ ހާލަތަށް ރިއާޔަތްކޮށް، އާސަންދަ އެހީގެ ދަށުން ރާއްޖެއިން ބޭރަށް ފޮނުވޭ ގޮތަށް އާސަންދަ ސްކީމް ހިންގުމުގެ ގަވާއިދަށް ބަދަލު ގެނެސްފިއެވެ. މިއީ ބޭސްފަރުވާގެ އެހީ ހޯދުމުގައި އާންމުންނަށް ކުރިމަތިވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް ސަރުކާރުން ނިންމި މުހިންމު ނިންމުމެކެވެ. މީގެ ކުރިން އަމަލުކުރަމުން އައި އުސޫލުގެ ދަށުން އާސަންދަ އެހީގައި ބޭރަށް ފޮނުވަނީ ހަމައެކަނި ރާއްޖެއިން ލިބެން ނެތް ފަރުވާތަކަށެވެ. ނަމަވެސް އަލަށް ގެނައި ބަދަލާއެކު، ބަލީގެ ބާވަތާއި، ބަލިމީހާގެ ހާލަތާއި، ރާއްޖޭގައި އެ ފަރުވާ ލިބުމުގައި ހުރި ދަތިތަކުގެ އިތުރުން އިޖުތިމާއީ އަދި ސިއްހީ އެހެނިހެން ކަންކަމަށް ރިއާޔަތްކޮށް ބޭރަށް ފޮނުވުމުގެ އިޚްތިޔާރު އާސަންދައަށް ލިބެއެވެ. https://www.sun.mv/222718 މި ބަދަލާއެކު މީގެ ކުރިން ބޭނުންކުރަމުން އައި "ވިރަ ފޯމް" ވަނީ ހުއްޓާލާފައެވެ. އެންސްޕާއާއި އާސަންދަ ކުންފުނިން ހާމަކޮށްފައިވާ ގޮތުގައި، ދެން ބޭސްފަރުވާގެ އެހީއަށް އެދި ހުށަހަޅަން ޖެހޭނީ "މައި އާސަންދަ" ޕޯޓަލް މެދުވެރިކޮށެވެ. މީގެ ސަބަބުން އާސަންދަ ސްކީމާއި އެންސްޕާގެ ވެލްފެއާ ސްކީމްގެ އެހީތަކަށް އެއް ފުރާޅެއްގެ ދަށުން އެދުމުގެ މަގު ފަހިވެ، އިދާރީ މަސައްކަތްތައް އަވަސްވެގެންދާނެއެވެ. އާސަންދަ ސްކީމްގެ ދަށުން ފޯރުކޮށްދޭ ޚިދުމަތްތައް ވެސް ވަނީ އިތުރަށް ފުޅާކޮށްފައެވެ. އޭގެ ތެރޭގައި މެޑިކަލް އިވެކުއޭޝަންގައި ގެންނަ ފަރާތްތަކަށް އެނބުރި ރަށަށް ދިއުމުގެ ޓިކެޓް ހަމަޖައްސައިދިނުމާއި، ބަލިމީހާގެ ހާލަތަށް ބަލައި ބޭރުން ފަރުވާ ހޯދާ ފަރާތްތަކަށް ބޭނުންވާ ތިންވަނަ ޓިކެޓާއި ދެވަނަ އެސްކޯޓުގެ ޓިކެޓް ހަމަޖައްސައިދިނުން ހިމެނެއެވެ. މީގެ އިތުރުން ކެންސަރާއި ގޯޝާ ފަދަ ބަލިތަކަށް ބޭނުންވާ ބޭސްތައް އޭޑީއެލް ލިސްޓުގައި ހިމަނައިގެން ލިބޭނެ ގޮތް ވަނީ ހަމަޖައްސާފައެވެ. https://www.sun.mv/222721 ހެލްތު މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި، އެންސްޕާއިން ކުރިއަށް ގެންދާ 'މެޑިކަލް ވެލްފެއާ ސްކީމް' ގެ ދަށުން ދެމުންގެންދާ 16 ޚިދުމަތެއް މިހާރު ވަނީ އާސަންދައިގެ ދަށަށް ބަދަލުކޮށްފައެވެ. މީގެ ތެރޭގައި ކުރިން އާސަންދައިން ކަވަރު ނުކުރާ ޓެސްޓްތަކާއި، މެޑިކަލް ޑިވައިސްތަކުގެ އިތުރުން ތެލަސީމިއާ ކުދިންގެ ބޯންމެރޯ ފޮލޯއަޕްތައް ހިމެނެއެވެ. އަދި ބޭރުގައި ކިޔަވާ ކުދިންނަށް ހާއްސަ "މެރަނަ" ސްކީމް ވެސް ވަނީ އިތުރަށް ފުޅާކޮށްފައެވެ. މި ބަދަލުތަކާ ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރުމަށް ނުވަތަ އެހީތެރިކަން ބޭނުންވާ ފަރާތްތަކުން އާސަންދައިގެ ހޮޓްލައިން ނަންބަރު 1400 އަށް ގުޅުމަށް އެ ކުންފުނިން ވަނީ އިލްތިމާސްކޮށްފައެވެ. އާސަންދައަކީ ދައުލަތުގެ ބަޖެޓުން އެންމެ ބޮޑު ޚަރަދެއް ހިނގާ އެއް ސްކީމަށް ވާއިރު، މި ބަދަލަކީ ރައްޔިތުންނަށް ޚިދުމަތްތައް ލުއިފަސޭހަކޮށްދިނުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ