2026 ވަނަ އަހަރުގެ މިހާތަނަށް ރާއްޖޭން ހިމަބިހި ބަލި ޖެހުނު މީހުންގެ އަދަދު 11 އަށް އަރައިފިއެވެ.
ވޭތުވެދިޔަ ހަފުތާގެ ތެރޭގައި މާލޭން އިތުރު ދެ މީހަކު ހިމަބިއްސަށް ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިއަދު ހާމަކޮށްފިއެވެ. އެޗްޕީއޭއިން ބުނި ގޮތުގައި، ބަލި ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން މިވަގުތު ވެސް ފަސް ކޭހެއްގެ ތަހުގީގު ކުރިއަށްދެއެވެ. އަދި އެ ފަރާތްތަކާ ކޮންޓެކްޓްވި 128 މީހަކު ފާހަގަކުރެވި، އެ މީހުންގެ ހާލަތު ބަލަމުންދާ ކަމަށް އެ އިދާރާއިން ބުންޏެވެ.
ބަލީގެ ކޭސްތައް އިތުރުވަމުންދާތީ، އެޗްޕީއޭއިން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އާންމުންނަށް އިލްތިމާސްކޮށްފައެވެ. އެގޮތުން ހުމާއެކު ހަށިގަނޑުގައި ރަތް ބިހިތަކެއް ނަގައިފިނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށާއި، ބައްޔަށް ޝައްކުވެގެން ޓެސްޓެއް ހަދައިފިނަމަ ނަތީޖާ ލިބެންދެން ގޭގައި އެކަހެރިވެ ތިބުމަށް ވަނީ އަންގާފައެވެ. އަދި ބަލީގެ އެއްވެސް އަލާމާތެއް ފެންނަން ހުރިނަމަ، މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށް ވެސް އެ އެޖެންސީން އިލްތިމާސްކުރެއެވެ.
މި ބަލިމަޑުކަމާ ގުޅިގެން ހުމާއި ރަތްބިހީގެ އަލާމާތްތައް ހުންނަ ފަރާތްތަކަށް ޚާއްޞަ ފަރުވާ ދިނުމަށްޓަކައި، އައިޖީއެމްއެޗް ހޮސްޕިޓަލުގައި މިހާރު ވަނީ ޚާއްޞަ ’ހެލްޕް ޑެސްކް‘ އެއް ހުޅުވާފައެވެ. ބޮޑެތި މީހުންގެ ކުއްލި ފަރުވާދޭ ބައިގެ އެމްބިއުލާންސް މަޑުކުރާ ސަރަހައްދުގައި ހުންނަ މި ޑެސްކުން ކޮންމެ ދުވަހަކު ހެނދުނު 08:00 އިން ރޭގަނޑު 23:00 އަށް ޚިދުމަތް ލިބޭނެ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.
ރާއްޖޭގައި 1983 ވަނަ އަހަރު ހިމަބިހީގެ ވެކްސިން (އެމްއާރު) ދޭން ފެށުމަށްފަހު، 2017 ވަނަ އަހަރު ދުނިޔޭގެ ސިއްހަތު ޖަމްޢިއްޔާއިން ވަނީ ރާއްޖެއަކީ ހިމަބިހި މުޅިން ނައްތާލެވިފައިވާ ގައުމެއްގެ ގޮތުގައި ކަނޑައަޅާފައެވެ. ނަމަވެސް، އޭގެ ފަހުން ވެސް އެކި ދުވަސްވަރު މީގެ ކޭސްތައް ރާއްޖޭން ދަނީ ފެންނަމުންނެވެ.
ހިމަބިހި ކޮންޓްރޯލެއް ނުވޭ، ބަލި ޖެހުނު މީހުންގެ އަދަދު 11 އަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ