ހުކުރު ދުވަހާއި ހަމަޔަށް އުތުރާއި މެދުރާއްޖެ ތެރެއަށް މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭ ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ.
އެ އިދާރާއިން ވިދާޅުވީ، މިވަގުތު ކުޑަކޮށް މޫސުން ރަނގަޅުވި ނަމަވެސް ކުރިޔަށް އޮތް ދުވަސްތަކުގައި މި ސަރަހައްދުތަކަށް ވިއްސާރަ ކުރާނެ ކަމަށެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މި ހަފުތާގައި ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އެގޮތުން އުތުރާއި މެދުރާއްޖެ ތެރޭގެ ކަނޑުތައް މިދުވަސްތަކުގައި ގަދަވާނެ ކަމަށާއި، ވައި ޖެހޭނީ ގަޑިޔަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށެވެ. އަދި ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށާއި، ވިލާގަނޑުގައި ދެކުނުގެ ކަނޑުތައްވެސް ގަދަވާނެ ކަމަށެވެ. މީގެއިތުރުން ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށްވެސް މެޓް އޮފީހުން ވިދާޅުވެއެވެ.
އެ އިދާރާއިން ލަފާކޮށްފައިވާ ގޮތުގައި މެދުތެރެއާއި އުތުރުގެ ކަނޑުތަކުގައި ރާޅުގެ އުސްމިން 4 ފޫޓާއި 7 ފޫޓާ ދެމެދުގައި ހުންނާނެއެވެ. ދެކުނުގެ ކަނޑުތަކުގައި ރާޅުގެ އުސްމިން ހުންނާނީ، 3 ފޫޓާއި 6 ފޫޓާ ދެމެދުގައެވެ.
ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ މޫސުން ކުރިޔަށް ލަފާކުރާ ގޮތަށް ބަލާލާއިރު ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވެ ވާރޭވެހުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ވިދާޅުވެއެވެ. ޚާއްސަ ގޮތެއްގައި ދެކުނުގެ އަތޮޅުތަކުގެ މަތިން ގިނަ އަދަދަކަށް ވާރޭ ވިލާ އުފެދިފައިވާތަން ސެޓްލައިޓް ފޮޓޯތަކުން ދައްކާ ކަމަށާއި، އެ ސަރަހައްދުގެ ރަށްތަކަށް ކުރިޔަށް އޮތް 24 ގަޑިއިރު ތެރޭގައި ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް މެޓް އޮފީހުން ވިދާޅުވެއެވެ.
މީގެއިތުރުން އެ އިދާރާއިން ވިދާޅުވީ، މިދުވަސްވަރު ވިއްސާރަ ކުރިނަމަވެސް ހުކުރު ދުވަހުން ފެށިގެން ރާއްޖެއަށް މޫސުން ރަނގަޅުވާން ފަށާނެ ކަމަށެވެ.
މެޓު އޮފީހުން ނެރެފައިވާ ތަފާސްހިސާބުތަކަށް ބަލާލާއިރު، ވޭތުވެދިޔަ 24 ގަޑިއިރު އެންމެ ގިނައިން ވާރޭވެހިފައިވަނީ، ފ.ނިލަންދޫއަށެވެ. އެ ރަށަށް 19.2 މިލިމީޓަރުގެ ވާރޭ ވެހިފައިވެއެވެ. މީގެ އިތުރުން ފ.ބިލެއްދޫއަށް 12.4 މިލިމީޓަރު އަދި ޅ.އޮޅުވެލިފުއްޓަށް 12.3 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމަށް ތަފާސް ހިސާބުން ދައްކައެވެ.
މިދުވަސްވަރަކީ، ޢީދު ބަންދަށްފަހު ގިނަ އަދަދެއްގެ ބަޔަކު ދަތުރުކުރަމުންދާ ދުވަސްވަރަކަށްވާތީ ދަތުރުކުރާއިރު މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކުރައްވާފައެވެ.
އުތުރާއި މެދުރާއްޖެތެރެއަށް މޫސުން ގޯސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ