މަނީ ލޯންޑަރިން މައްސަލާގައި ޖެކްލިންގެ މައްޗަށް ދައުވާކޮށް ޝަރީއަތް ހިންގަން ނިންމައިފި

އޮޅުވާލައިގެން ގިނަ އަދަދެއްގެ ފައިސާ ހޯދާފައިވާ ކަމަށް ތުހުމަތު ކުރެވޭ ސުކޭޝް ޗަންދުރަޝޭކަރާ ގުޅުން ހުރި 2 ބިލިއަން އިންޑިއަން ރޫޕީސްގެ މަނީ ލޯންޑަރިން މައްސަލައިގައި، އިންޑިއާގެ ފިލްމީ ތަރި ޖެކްލިން ފެނާންޑޭޒްގެ މައްޗަށް ދައުވާކޮށް ޝަރީއަތް ހިންގަން ނިންމައިފި އެވެ.
އިންޑިއާގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ނިއު ދިއްލީގެ ޕަޓިއާލާ ހައުސް ކޯޓުން ވަނީ އިންޑިއާގެ މަނީ ލޯންޑަރިން ހުއްޓުވުމުގެ ގާނޫނުގެ ދަށުން ޖެކްލިންގެ މައްޗަށް ދައުވާ ކުރެވޭނެ ފަދަ ހެކި ހުރި ކަމަށް ނިންމާފަ އެވެ.
ފަނޑިޔާރު ޕްރަޝާންތު ޝަރުމާ ވަނީ މި މައްސަލައިގައި ހިމެނޭ ތުހުމަތު ކުރެވޭ ފަރާތްތަކުގެ މައްޗަށް ދައުވާ އުފުލުމަށް އަމުރުކުރައްވާފަ އެވެ. ގާޒީ ފާހަގަކުރެއްވި ގޮތުގައި، މަނީ ލޯންޑަރިންގެ ގާނޫނާ ހިލާފު އަމަލުތަކެއް ޖެކްލިން ހިންގާފައިވާ ކަމަށް ޝައްކުތަކެއް އުފެދޭ މިންވަރަށް މައްސަލައިގެ ރެކޯޑްތަކުގައި އެކަށީގެންވާ ހެކި އެބަ ހުއްޓެވެ.
ކޯޓުން ފާހަގަކޮށްފައިވާ ގޮތުގައި، ސުކޭޝް ޗަންދުރަޝޭކަރަކީ ކުށްވެރިއެއްކަން އެނގި ހުރެ، އޭނާގެ އަތުން ގާތްގަނޑަކަށް 57.1 މިލިއަން އިންޑިއަން ރުޕީސްގެ އަގުހުރި ހަދިޔާ ޖެކްލިން ހޯދާފައިވާ ކަމަށް ތުހުމަތު ކުރެވެ އެވެ. މީގެ އިތުރުން، ކުށް ކޮށްގެން ހޯދާފައިވާ ފައިސާ ޖެކްލިންގެ އާއިލާގެ މެންބަރުންގެ ބޭންކް އެކައުންޓްތަކަށް ޖަމާކޮށްފައިވާ ކަމަށާއި، އޭނާގެ މައިންބަފައިންނަށް އަގުބޮޑު ކާރުތައް ގަނެދީފައިވާ ކަމަށް ވެސް ތަހުގީގީ އިދާރާތަކުން ވަނީ ބުނެފަ އެވެ.
ނަމަވެސް، ޖެކްލިން ފެނާންޑޭޒް މީގެ ކުރިން ތަކުރާރުކޮށް ބުނެފައިވަނީ އޭނާއަކީ އޮޅުވާލުމެއްގެ ޝިކާރައަކަށްވި މީހެއް ކަމަށާއި، ހިންގާފައިވާ އެއްވެސް މަކަރާއި ހީލަތުގެ އަމަލެއްގައި އޭނާގެ ބައިވެރިވުމެއް ނޯންނާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ