އަފްރާޝީމްގެ މަރާ ރައީސާ ގުޅުމެއް ނެތް، އެކަން ކުރީ އެމްޑީޕީ އެކްޓިވިސްޓުން: އުމަރު

އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު ޑރ. އަފްރާޝިމް އަލީ އަވަހާރަކޮށްލުމުގައި ރައީސް އަބްދުﷲ ޔާމީންގެ އެއްވެސް ބައިވެރިވުމެއް ނެތް ކަމަށާއި އަފްރާޝިމްގެ އަވަހާރަކޮށްލީ އެމްޑީޕީގެ އެކްޓިވިސްޓުން ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ތުހުމަތު ކުރައްވައިފި އެވެ.
އެ މަރާ ގުޅޭ ގޮތުން ފުލުހުން ކޮށްފައިވާ ތަހުގީގުތަކުގެ ބައެއް މައުލޫމާތުތައް ދިޓީވީގެ ހަބަރުތެރެއިން ޕްރޮގްރާމްގައި ހާމަ ކުރައްވަމުން އުމަރު ވިދާޅުވީ، އަފްރާޝީމް ގަތުލުކޮށްލީ ހުމާމް ކަމަށާއި ޑީއެންއޭ ރިޕޯޓްތަކުން އަފްރާޝީމްގެ ލޭ ހުމާމްގެ ގައިގާ ހުރިކަން ޝައްކެއް ނެތް މިންވަރަކަށް ސާބިތުވެފައިވާ ކަމަށެވެ. އަދި އަފްރާޝިމް މަރާލުމަށް ހުމާމްއާ ބައްދަލުކޮށް އެކަމަށް ފައިސާ ހުށަހެޅީ، ކުޑަ ހެންވޭރަށް ނިސްބަތްވާ އަޒްލިފް ރައޫފް އާއި އެމްޑީޕީގެ ސީނިއާ އެކްޓިވިސްޓް އާދަމް ސޮލާހް (ސްޕައި) އާއި ރީކޯ މޫސާ މަނިކުގެ ދަނބިދަރި އަބްދުﷲ ޖާވިދު އަދި އޭނާގެ ބޭބެ ޝާހީން މުހައްމަދު ކަމަށް ވެސް އުމަރު ވިދާޅުވި އެވެ. އަދި އެ ބައްދަލުވުމުގައި ޖާވިދު އާއި ޝާހީން އަށް ނިސްބަތްކޮށް އެކަމަށް ފަންޑް ކުރަނީ އެ ދެމީހުން ކަމަށް އަޒްލިފް ހުމާމް ކައިރީ ބުނެފައިވާ ކަން ތަހުގީގު ލިޔުންތަކުން އެނގޭ ކަމަށް ވެސް ވިދާޅުވި އެވެ.
"މިއީ އަޅުގަނޑު އެ ލިޔުންތައް ގެނެސް ދިރާސާ ކުރުމަށް ފަހު ދައްކާ ވާހަކަ. ހުމާމް ނޫން ހުރިހާ މީހުންނަކީ ހަމަ ސީދާ އެމްޑީޕީގެ އެކްޓިވިސްޓުން. އެއްވެސް ހިސާބެއްގައި މި ތަހުގީގުގެ ނެތް ރައީސް ޔާމީންނާ ނޫނީ ޕީޕީއެމްއާ ގުޅުވޭނެ ގޮތެއް. އެކަން ކުރި ބަޔަކު ތިބި ނަމަ އެ ތިބީ އެމްޑީޕީގައި. އެކަން ކުރީ ސީދާ އެމްޑީޕީގެ އެކްޓިވިސްޓުން ރާވައިގެން،" އުމަރު ވިދާޅުވި އެވެ.
ނަމަވެސް އުމަރު ވިދާޅުވީ އެ ގަތުލުގެ އިލްޒާމް އެމްޑީޕީގެ ތެރެއިން ވަކި ބައެއްގެ ބޮލުގައި އަޅުވަން ބޭނުން ނުވާ ކަމަށެވެ. އަދި ރައީސް ޔާމީނާ އަފްރާޝީމްގެ މަރާ ގުޅުމެއް އޮތް ކަމަށް ދުވަހަކު ވެސް ނުބުނާ ކަމަށް އުމަރު ވިދާޅުވި އެވެ. އަދި އެމްޑީޕީ އިން އެ ވާހަކަ ދައްކަނީ އޮޅުވާލައިގެން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި އަފްރާޝީމްގެ މަރުގެ މައްސަލައިގައި ތުހުމަތު ކުރެވޭ ކުއްޖަކު ރައީސް ޔާމީނާ ބައްދަލު ކުރަން އައެވެ. ނަމަވެސް ޔާމީން އެ ކުއްޖާޔާ ބައްދަލު ނުކުރާކަން ޔަގީން ކުރެއްވި ކަމަށް ވެސް އުމަރު ވިދާޅުވި އެވެ.
"ސިޔާސީ ގޮތުން އެވާހަކަ އަނބުރައިގެން އެމްޑީޕީ މީހުން އެ ދައްކަނީ. މިއީ އެ މީހުން އަބަދުވެސް ކުރާ ކަމެއް. އެކަމަށް ވަރަށް މޮޅުވާނެ. ނަމަވެސް އަޅުގަނޑު އެއްވެސް އިރެއްގައި ނުބުނަން ރައީސް ޔާމީނާ އެ މަރާ ގުޅުން އޮތެކޭ. އަޅުގަނޑު އޭރު ސިޔާސީ ގޮތުން އެހެން ބުނީ އިރުވެސް ބުނީ އަފްރާޝީމްގެ މަރުގެ މައްސަލައިގައި ހައްޔަރު ކުރި ކުއްޖަކު ރައީސް ޔާމީނާ ބައްދަލު ކުރަން އައޭ،" އުމަރު ވިދާޅުވި އެވެ.
ތަހުގީގުގަށް ތިލަވެފައި ހުރި އިތުރު މައުލޫމާތުތައް ހާމަ ކުރައްވަމުން އުމަރު ވިދާޅުވީ، އަފްރާޝީމް މަރާލި ދުވަހުގެ ކުރީ ދުވަހުގެ މެންދުރު 1:45 އެހާކަން ހާއިރު ހުމާމް ޖާވިދަށް ގުޅި ކަމަށެވެ. ނަމަވެސް ޖާވިދު އެވަގުތު ފޯނު ނުނަގައި ކަމަށާއި އެ ދުވަހު 2:45 އެހާކަން ހާއިރު ޖާވިދު ހުމާމަށް ގުޅައި، އަފްރާޝީމް މަރާލުމާ ގުޅޭ ވާހަކަތައް ދެ މީހުން ފޯނުން ދެއްކި ކަމަށް ފޯން ރެކޯޑިންތަކުން އެނގޭ ކަމަށް އުމަރު ވިދާޅުވި އެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި އަފްރާޝީމް މަރާލި ދުވަހުގެ ހަވީރު 5:15 އެހާކަންހާއިރު، ހުމާމް ޖާވިދަށް މެސެޖްކޮށް،"މި ގުޅީ ހަނދާންކޮށްލަ ދޭން" ކަމަށް ބުނެފައިވެ އެވެ.
އެ މައްސަލައިގައި އެމްޑީޕީގެ އިތުރު އެކްޓިވިސްޓެއް ކަމަށްވާ، މަރިޔަމް ނާއިފާ އިބްރާހިމް ކިޔާ މީހަކު ހައްޔަރު ކުރި ކަމަށް އުމަރު ވިދާޅުވި އެވެ. އޭނާ ހައްޔަރުކުރަން އުޅުމުން އަތުގައި އޮތް ފޯން ވަގުތުން މޫދަށް އެއްލައިލުމުން ފޯނަށް ފެންވަދެ އޭގައި ހުރި މައުލޫމާތުތައް ރިކަވަ ނުކުރެވުނު ކަމަށް އުމަރު ވިދާޅުވި އެވެ. އެ މައުލޫމާތުތައް ނާއިފާއަށް އެނގޭ ކަމަށް ވަރަށް ބޮޑަށް ތުހުމަތު ކުރެވިފައި އޮތް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
"ހުސް މިކަމުގައި ހައްޔަރު ކޮށްފައި މިތިބީ އެމްޑީޕީގެ އެކްޓިވިސްޓުން. މިއީ އަޅުގަނޑު ދައްކާ ވާހަކައެއް ނޫން. މިހާރު މި ދައްކާ ވާހަކަ އަކީ ހަމަ ސިޔާސީ ގޮތުން ދައްކާ އަސްލެއް ނެތް ވާހަކަ. އެކަން ކުރި ބަޔަކު މިތިބީ ސީދާ އެމްޑީޕީގައި ކަން މި އޮތީ ތަހުގީގަށް އެނގެން،" އުމަރު ނަސީރު ވިދާޅުވި އެވެ.
އުމަރު ވިދާޅުވީ އެކަން ކުރުމަށް ހަތަރު މިލިއަން ރުފިޔާ ލިބޭ ކަމަށާއި އޭގެ ތެރެއިން އެއް މިލިއަން ރުފިޔާ ހުމާމަށް ދޭން ޖާވިދު އެއްބަސްވި ކަމަށް ވެސް ތަހުގީގަށް އެނގޭ ކަމަށް އުމަރު ވިދާޅުވި އެވެ. އެ ހުރިހާ ކަންތައްތަކެއް ފެންނަން ހުރި އިރު، މަހުލޫފާއި އިމްރާން އެހެން ގޮތަކަށް އެ ވާހަކަ އޮޅުވާލައިގެން ދައްކަނީ، އެމްޑީޕީ މީހުން ރުއްސަން ކަމަށް ވެސް އުމަރު ވިދާޅުވި އެވެ. ރައީސް ޔާމީނާ އެ މަރާ ގުޅުން އޮތް ކަމަށް ސާބިތު ތެދު ހެއްކެއް ނުގެނެވޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
"އެހެން ވެއްޖިއްޔާ އެއީ ހަމަ ދޮގު އެއްޗެއް. އެކަމަށް ހެއްކެއް ނެތް. މިހާރު ދެން ހަމަ އެ ވާހަކަ އެ ދައްކަނީ ސިޔާސީ ބޭނުމަށް. އަޅުގަނޑުމެން އަހުން ކަމުގައިވާ މަހުލޫފާއި އިމްރާން މިކަން މި ކުރަނީ އެމްޑީޕީ ރުއްސަން. އެ މީޙުން ރުއްސޭނީ އެކަހަލަ ދޮގު ވާހަކައެއް ދައްކައިގެން. މީގެ ކުރިން ރައީސް މައުމޫނާ ދިމާލަށް އެކި ނަންނަން ކިޔައިގެން އެމީހުން ރުއްސަން ޖެހެނީ،" އުމަރު ވިދާޅުވި އެވެ.
ހުމާމް ﷲ ގަންދީ ހުވާކޮށް އަފްރާޝީމް ނުމަރާކަމަށް ބުންޏަސް އެކަން ގަބޫލު ކުރެވޭނެ ހެއްކެއް ނެތް ކަމަށް ވެސް އުމަރު ވިދާޅުވި އެވެ. އޭނާ އެކި ފަހަރު އެކި ވާހަކަ ދައްކަނީ އެމްޑީޕީއާ ގުޅިފައިވާ ލޯޔަރުންތަކެއް ހުމާމް ކައިރީ އެ ވާހަކަ ދައްކަން ބުނެގެންކަން ވަރަށް ރަނގަޅަށް އެނގޭ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ