ރާއްޖެ އެތެރެކުރަން އުޅުނު 2000 އަށްވުރެ ގިނަ ވޭޕު އަތުލައިގެންފި

ރާއްޖެ އެތެރެކުރަން އުޅުނު 2000އަށް ވުރެ ގިނަ ވޭޕުގެ ސާމާނު ކަސްޓަމްސްއިން އަތުލައިގެންފި އެވެ.
ވީ ކިހިނެއް؟ - ދުންފަތް ކޮންޓްރޯލު ކުރުމުގެ ގާނޫނަށް ގެނައި އިސްލާހާ އެކު މިދިޔަ ޑިސެމްބަރުން ފެށިގެން ރާއްޖޭގައި ވޭޕު ވިއްކުމާއި ބޭނުންކުރުން ވަނީ މަނާކޮށްފަ އެވެ. އޭގެ ފަހުން ވޭޕު ބޭނުންކުރި ބައެއް މީހުންނާ މެދު ފިޔަވަޅު އަޅައި ޖޫރިމަނާކޮށްފައި ވެސްވެ އެވެ. އަދި މާލޭގައި ވޭޕު ވިއްކަމުން ދިޔަ ބިދޭސީއަކު ވެސް މިފަހުން ވަނީ ހައްޔަރުކޮށްފަ އެވެ.
ތަފްސީލު - ކަސްޓަމްސް އިން މިއަދު ބުނިގޮތުގައި ގިނަ އަދަދެއްގެ ވޭޕުގެ ސާމާނުތަކެއް އަތުލަައިގަތީ ވައިގެ މަގުން އެތެރެކުރަން އުޅެނިކޮށެވެ. އެގޮތުން ބުނީ:
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)އިން މިތަކެތި އަތުލައިގެންފައިވަނީ މިދިޔަ ހަފުތާގެ ބުދަ ދުވަހު 
އޭގެ ތެރޭގައި 2008 ވޭޕުގެ ސާމާނު ހިމެނޭ
އެނގުން މުހިންމު - ދުންފަތް ކޮންޓްރޯލު ކުރުމުގެ ގާނޫނަށް ގެނައި އިސްލާހު އޮތީ އެތަކެތި ބޭނުންކޮށް، ވިޔަފާރި ކުރުމުގެ އިތުރުން ހިލޭ ބަހައިފި ނަމަ ވެސް ބޮޑެތި ޖޫރިމަނާތަކެއް އަންނަ ގޮތަށެވެ. އެގޮތުން:
ވޭޕް ކުރުމަށް ބޭނުން ކުރާ އާލާތްތަކާއި އެ އެއްޗެއްސަށް ބޭނުން ކުރުމަށް ތައްޔާރުކޮށްފައިވާ އުފެއްދުންތައް އެތެރެކޮށްފި ނަމަ، 50،000ރ. އިން ޖޫރިމަނާ ކުރެވޭނެ؛ އެތެރެކުރި ކޮންމެ އިލެކްޓްރޯނިކް ސިނގިރޭޓެއް ނުވަތަ ވޭޕް ކުރުމަށް ބޭނުން ކުރާ އާލާތަކަށް 10،000ރ.ގެ މަގުން ޖޫރިމަނާ ކުރެވޭނެ
އެފަދަ އާލާތެއް ނުވަތަ އުފެއްދުމެއް ވިއްކައިފި ނަމަ، 20،000ރ. އިން ޖޫރިމަނާ ކުރެވޭނެ؛ ވިއްކި ކޮންމެ އެއްޗަކަށް 10،000ރ.ގެ މަގުން ޖޫރިމަނާ ކުރެވޭނެ
އެފަދަ އާލާތެއް ނުވަތަ އުފެއްދުމެއް ހިލޭ ބަހައިފި ނަމަ، 10،000ރ. އިން ޖޫރިމަނާ ކުރެވޭނެ
އެފަދަ އާލާތެއް ނުވަތަ އުފެއްދުމެއް ވިއްކީ ނުވަތަ ހިލޭ ބެހީ ކުޑަކުއްޖަކަށް ކަމަށްވާ ނަމަ، އިތުރު 50،000ރ. އިން ޖޫރިމަނާ ކުރެވޭނެ
އެފަދަ އުފެއްދުމެއް ބޭނުންކޮށްފި ނަމަ، 5،000ރ. އިން ޖޫރިމަނާ ކުރެވޭނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ