އެމެރިކާއިން ދިން ހަމަލާތަކުގެ ސަބަބުން ދާއިމީ ބަދަލުތަކެއް އަންނާނެ: އީރާނުގެ ޚާރިޖީ ވަޒީރު

މިއަދު ފަތިހު އެމެރިކާއިން އީރާނަށް ދިން ހަމަލާތަކުގެ ސަބަބުން ދާއިމީ ބަދަލުތަކެއް އަންނާނެ ކަމަށް އީރާނުގެ ޚާރިޖީ ވަޒީރު, އައްބާސް އަރަޣްޗީ ވިދާޅުވެއްޖެއެވެ. އެމެރިކާއިން އީރާނަށް ދިން ހަމަލާތައް އަމާޒުކޮށްފައި ވަނީ އީރާނުގެ ފޯޑޯ، ނަތަންޒް އަދި އިސްފަހާންގައި ހުންނަ ނިއުކްލިއާ ތިން މަރުކަޒަކަށެވެ. އީރާނުން ބުނާ ގޮތުގައި އެ ހަމަލާތަކުގެ ސަބަބުން އިޔާދަނުކުރެވޭ ފަދަ ގެއްލުމެއް ނުލިބެއެވެ. އަރަޣުޗީ ވިދާޅުވީ އދ.ގެ ސަލާމަތީ މަޖިލީހުގެ ދާއިމީ މެންބަރެއް ކަމަށްވާ އެމެރިކާއިން އީރާނަސް ދިން ހަމަލާއަކީ އދ.ގެ ޗާޓަރާއި ބައިނަލްއަގުވާމީ ގާނޫނާ ޚިލާފަށް ދިން ހަމަލާއެއް ކަމަށެވެ. "އީރާނުގެ އިސްތިގުލާލާއި މަސްލަހަތާއި ރައްޔިތުން ދިފާއު ކުރުމަށް ހުރިހާ އިޚްތިޔާރުތަކެއް ގައުމަށް ލިބިފައިވޭ،" އަރަޣްޗީ ވިދާޅުވިއެވެ. އެމެރިކާގެ ހަމަލާތަކަށް ފަހު ރައްދުގައި އީރާނުން ތިން ކަމެއް ކޮށްފާނެ ކަމަށް ތެހެރާންގެ ސެންޓާ ފޯ މީޑިއަލް އީސްޓް ސްޓްރެޓެޖިކް ސްޓަޑީޒްގެ ސީނިއާ ރިސާޗް ފެލޯ އަބާސް އަސްލާނީ ވަނީ ލަފާކުރައްވާފައެވެ. އޭގެތެރެއިން އެއް ކަމަކީ ލިބުނު ގެއްލުމަށް ބަލާފައި، އީރާނުން ކުޑަ ރައްދެއް ދިނުމެވެ. "އެކަމަކު ހަނދާން ނައްތާލައިގެން ނުވާނެ ނިއުކްލިއާ ފެސިލިޓީތަކަށް ދިން ހަމަލާގެ އިތުރުން މިއީ އީރާނާއެކު އެމެރިކާއިން ސީދާ ހަނގުރާމައަށް ވަނުން. މި އަމަލަށް ރައްދުދޭނެ ކަމުގެ އިންޒާރު އީރާނުން ކުރިން ދީފައި އޮތީ،" އަލްސާނީ ވިދާޅުވިއެވެ. ދެވަނަ ކަމަކީ ހަނގުރާމައަކަށް ދިއުމެވެ. އީރާނުން އެމެރިކާއާއި އިސްރާއީލަށް ސީރިއަސް ހަމަލާތަކެއް ދޭން މަސައްކަތް ކުރާނެ ކަމަށާއި އޭގެ ތެރޭގައި އިސްރާއީލުގެ ނިއުކްލިއާ ސައިޓްތައް ހިމެނޭ ގޮތަށް ފުޅާ ދާއިރާއެއްގައި އެކި އަމާޒުތަކަށް ހަމަލާދީފާނެ ކަމަށްވެސް އަލްސާނީ ވިދާޅުވިއެވެ. އަދި އެ ހަމަލާތައް ދިނުމުގައި އީރާނަށް ވާގިވެރިވާ ގައުމުތަކުން ގުޅުން އެކަށީގެންވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވީ ތިން ވަނަ ގޮތަކީ އީރާނުގެ ހަމުޒް ކަނޑުއޮޅި ބަންދު ކުރުން ކަމަށެވެ. އެ ކަނޑު އޮޅިއަކީ ދުވާލަކު އެތައް ސަތޭކަ ފީފާގެ ތެޔޮ ބަރުކޮށްގެން ބޯޓުތައް ދަތުރުކުރާ ކަނޑުއޮޅިއެކެވެ. މެދުއިރުމަތީގައި މައްސަލަ ގޯސްވެފައިވަނީ މިމަހުގެ 13ގައި އިސްރާއީލުން ކުއްލި ގޮތަކަށް އީރާނުގެ ނިއުކްލިއާ މަރުކަޒުތަކާއި އަސްކަރީ ލީޑަރުންނަށް އަމާޒުކޮށް ހަމަލާ ދިނުމުންނެވެ. އޭގެ ފަހުން އީރާނުން ވެސް އިސްރާއީލަށް ހަމަލާ ދޭން ފަށައިފައިވާއިރު، އެ މިސައިލްތަކުގެ ސަބަބުން އިސްރާއީލަށް ފަހުގެ ތާރީޚެއްގައި ނުލިބޭ ފަދަ ގެއްލުންތަކެއް ދަނީ ލިބެމުންނެވެ. އެމެރިކާއާއި ހުޅަނގުގެ ގިނަ ގައުމުތަކުން ވަނީ އިސްރާއީލަށް ތާއިދުކޮށް، އިސްރާއީލުން ހަމަލާ ދެނީ އަމިއްލަ ދިފާއުގައި ކަމަށް ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ