އައިންމަތީ ދޫނިތައް މަދުވެ، ތޭރަވާ 'ގެއްލި ހުސްވެއްޖެ'

ރާއްޖޭގައި ކުރިން ވަރަށް ގިނައިން ފެނުނު އައިންމަތީ ދޫނިތައް މަދުވެ، ތޭރަވާ އެއްކޮށްހެން ގެއްލި ހުސްވެއްޖެ ކަމަށް އެކަމާ ގުޅޭގޮތުން ހެދި ދިރާސާ ރިޕޯޓެއްގައި ބުނެފި އެވެ.
ވީ ކިހިނެއް؟ - އެންވަރަމެންޓް ޕްރޮޓެކްޝަން އޮތޯރިޓީ (އީޕީއޭ)އިން މިއަދު ވަނީ، ރާއްޖޭގައި އާލާވާ އަދި އާލާ ނުވިޔަސް އާއްމުކޮށް ހިޖުރަކޮށް އުޅޭ ދޫނީގެ ހާލަތު ދެނެގަތުމަށް ހެދި ދިރާސާ ރިޕޯޓު އާއްމުކޮށްފަ އެވެ. މި ދިރާސާގައި 29 ދޫންޏެއްގެ މައުލޫމާތު ވަނީ އާއްމުކޮށްފަ އެވެ.
ތަފްސީލް - އެ ރިޕޯޓުގައި ބުނި ގޮތުގައި:
10 ބާވަތުގެ އައިންމަތީ ދޫންޏާއި ހަތަރު ބާވަތުގެ މާކަނަ އާއި ތިން ބާވަތެއްގެ ކަނބިލި އަދި ރާއްޖެއަށް ނިސްބަތްވާ އެއްގައުމުގައި އުޅޭ ދެ ބާވަތެއްގެ ދޫނި ރާއްޖޭގެ އެހި ހިސާބުތަކުގައި އުޅޭ ކަމަށް ވަނީ ފާހަގަވެފައި
އެކަމަކު ރާއްޖޭގެ އެކި ހިސާބުތަކުން އައިންމަތީ ދޫނިތައް ފެންނަ އަދަދު މަދުވެ، ދޫނިތަކުގެ އާބާދީ ދަށްވަމުންދާ ކަމަށް؛ އެކަމާ ގުޅޭ ގޮތުން އިންޓަވިއުކުރި މީހުން ބުނި
މީގެ ކުރިން، އައިންމަތީ ދޫނިތައް ގިނަ އަދަދަކަށް ރާއްޖޭގެ އެކި ހިސާބުތަކުން ފެނޭ އަދި މަސްވެރިން މަސް އައިން ހޯދުމަށް ބޭނުން ކުރާ އެންމެ މުހިއްމު ވަސީލަތަކީ އެއީ
ރިޕޯޓުގައިވާ ގޮތުން، އައިންމަތީ ބައެއް ދޫނިތައް ކަމަށްވާ، ދޮންދީނި އާއި މާރަނގަ އާއި ކުރަނގި އާއި ވައްލަ އާއި ހޯރަ އާއި ދިވެހި ހޯގުޅަ އާއި އައިންމަތީ ގާދޫންޏާއި ބޮޑުގާދޫނި ފަދަ ދޫނިތައް މިހާރު ރާއްޖެއިން ފެންނަނީ ވަރަށް މަދުންނެވެ. ކުރިން މި ފަދަ ދޫނިތައް ރާއްޖޭގެ ރަށްރަށާއި ފިނޮޅުތަކާއި އެތެރެވަރިން ހާހުން ފެނެ އެވެ. މަސްވެރިން މަސައްކަތުގައި މި ދޫނިތަކަށް ބަރޯސާ ވެ އެވެ. އެކަމަކު މިހާރު މީގެ ތެރެއިން ބައެއް ދޫނިތައް ރާއްޖޭގައި ބިސް އަޅާ، އާލާވުން ހުއްޓިއްޖެ ކަަމަށާއި ގިނަ ދޫނިތައް ފެންނަނީ ހިޖުރަކުރާ ދޫނީގެ ގޮތުގައި ކަމަށް ބުނެފައި ވެ އެވެ.
އިންޓަވިއުދިން ކަމާ ގުޅޭ މާހިރުންނާއި މަސްވެރިންނާ ހަވާލާދީ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ތޭރަވާ އަކީ ކުރިން ރާއްޖޭގައި ވަރަށް އާއްމު އަދި އެކި ހިސާބުތަކުން ފެނުނު ދޫންޏެކެވެ. އާއްމުކޮށް މި ދޫނި ފެންނަނީ، އިރުވައި މޫސުމުގެ ކުރީކޮޅު، ވައިގަދަވާ ދުވަސްވަރުގައި ކަމަށް ބުނެފައިވެ އެވެ. އެކަމަކު މިހާރު މި ދޫނި ވަނީ ރާއްޖެއިން މުޅިންހެން ގެއްލިފަ އެވެ.
ރިޕޯޓުގައި ބުނެފައިވާ ގޮތުގައި:
ރާއްޖޭގެ ބައެއް އަތޮޅުތަކުން، މިދިޔަ 10-20 އަހަރުގެ ތެރޭގައި ތޭރަވާ ވަނީ ގެއްލިފައި
ބައެއް އަތޮޅުތަކުން މިދިޔަ 30-40 އަހަރުގެ ތެރޭގައި ގެއްލިއްޖެ
އައިންމަތީ ދޫނި ރާއްޖޭގައި އާލާވެ، މަދުވުމާއި ތޭރަވާ ގެއްލި ހުސްވުމުގެ ސަބަބުތަކުގެ ތެރޭގައި ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަމުގެ ތެރޭގައި ހިމެނެނީ:
ރަށްރަށް ތަރައްގީ ކުރުމާއި ވެލި ނެގުމާއި، ބިން ހިއްކުން
ރިސޯޓުތައް ތަރައްގީކުރުމާއި ފިނޮޅުތައް ބޭނުންކުރުން
ގަސްކެނޑުން
ވިޔަފާރިކުރުމަށް ދޫނީގެ ބިސް ނެގުޟާއި ދޫނި ހިފުން
ދޫނި ބިސް އަޅާ ރަށްރަށް މީހުންގެ ފަރާތުންގެ ކުރިމަތިވާ އުނދަގޫ
ތޭރަވާ ފަދަ ދޫނި އުޅެނީ އައްޔާ ދުރުގައި. އެކަމަކު 'ލައިޓް ޕޮލިއުޝަން'ގެ ސަބަބުން ދޫނި ފެނުން މަދުވި
ދޮންދީނި ފަދަ ދޫނިތަކަށް ކާޅުގެ ނުރައްކާ ބޮޑު
ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، މި ފަދަ ގެއްލުންތަކުގެ އަސަރު، މާކަނަ އާއި ކަނބިލި އަދި އެއްގަމުގައި އުޅޭ ބައެއް ދޫނީގެ ބާވަތްތަކަށް ކުރި މިންވަރު ކުޑަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ