މާލޭ ސަރަހައްދުގައި ދިރިއުޅޭ މީހުންގެ ތެރެއިން އެއްވެސް ބޯހިޔާވަހިކަމެއް ނެތް 18 އަހަރުން މަތީގެ މީހުންނަށް ބޯހިޔާވަހިކަން ދޭން މަޝްރޫއެއް މިއަހަރުތެރޭ ފަށާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ދައުލަތުގެ މީޑިއާއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ރައީސް ވިދާޅުވީ ގެދޮރުވެރިކަމަކީ ރާއްޖޭގެ ގިނަ ރައްޔިތުންނަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް މައްސަލަކަމާއި، އެކަމަށް ވަށާޖެހޭ، ދެމިގެންވާ ޙައްލެއް ހޯދުމަށް ސަރުކާރުން ގިނަ ކަންތައްތަކެއް ރާވާފައިވާ ކަަމަށެވެ. އެގޮތުން، އެކި މަޝްރޫޢުތަކުގެ ދަށުން ގިރާވަރުފަޅާއި، ގުޅީފަޅު ހިމެނޭހެން، ގްރޭޓަރ މާލެ ސަރަޙައްދުން ގޯއްޗާއި ފްލެޓް، މިދައުރުގެ ތެރޭގައި ދޫކުރާނެ ކަމަށް ވިދާޅުވި އެވެ.
މާލެ ސަރަޙައްދަށް އެކަނި، 4000 ފްލެޓް އެކަށައެޅިފައިވާ ކަމަށާއި މީގެ ސަބަބުން މިސަރަޙައްދުގައި ޒަމާންތަކަަކަށް ދެމިގެންދިޔަ ބޯހިޔާވަހިކަމުގެ މައްސަލައަށް އެކަށީގެންވާ ޙައްލެއް ލިބިގެންދާނޭކަމަށް ރައީސް ވިދާޅުވި އެވެ.
އަދި 18 އަހަރުވެފައިވާ މާލޭގެ ރައްޔިތުންނާއި މާލޭގެ ރަށްވެހިންނަށް "ފުރަތަމަ ގެ" ނުވަތަ "ފަސްޓް ހޯމް" ކަށަވަރުކޮށްދިނުމަކީ އެމަނިކުފާނުގެ ރިޔާސީ ވަޢުދެއްކަމަށާއި އެވަޢުދު ފުއްދެވުމުގެ ގޮތުން، އެފަދަ ފަރާތްތަކަށް މާލެ ސަރަޙައްދުން ގޯތި ނުވަތަ ފްލެޓް، ކަށަވަރުކޮށްދިނުމުގެ މަސައްކަތް މިއަހަރު ފެށިގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި، މިކަމަށް އެދޭ، ޝަރުތު ހަމަވާ ފަރާތްތަކަށް މިއަހަރު ނިމުމުގެ ކުރިން ގޯތި ނުވަތަ ފްލެޓް ހަވާލުކުރެވޭކަމުގެ ލިޔުން އެރުވުމަކީ ސަރުކާރުގެ އަމާޒުކަމަށްވެސް ވިދާޅުވި އެވެ.
މީގެ އިތުރުން، ރާއްޖޭގެ 57 ރަށެއްގައި ކޮންޓްރެކްޓާ ފައިނޭންސިން އުސޫލުގެ ދަށުން ނުވަތަ ދައުލަތުގެ ބަޖެޓުގެ ތެރެއިން، ގެދޮރުވެރިކަމުގެ މަޝްރޫޢުތައް ކުރިއަށް ގެންދެވޭނެ ކަމަށްވެސް ވިދާޅުވި އެވެ.
18 އަހަރުން މަތީގެ އެންމެނަށް ބޯހިޔާވަހިކަން ދޭން މަޝްރޫއެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ