މާޒިޔާ ދަނީ ރަނގަޅު މިސްރާބުން، ވާދަވެރިކަން ބޮޑު އެބަވޭ: ހެނާންޑޭޒް މާޒިޔާ ދަނީ ރަނގަޅު މިސްރާބުން، ވާދަވެރިކަން ބޮޑު އެބަވޭ: ހެނާންޑޭޒް

އެފްއޭއެމް ލީގު ކަޕްގައި މިހާތަނަށް ކުޅުނު ތިން މެޗުން ވެސް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން މޮޅުވެފައިވާއިރު، ޓީމު ދަނީ ޕްލޭންތަކާ އެއްގޮތަށް ރަނގަޅު މިސްރާބުން ކަމަށާއި މުބާރާތް ކުރިއަށްދާ މިންވަރަކަށް ވާދަވެރިކަން ބޮޑުވާ ކަމަށް މާޒިޔާގެ ކޯޗު ލުއިސްމާ ހެނާންޑޭޒް ބުނެފި އެވެ.
ފަސް ޓީމުގެ މެދުގައި ކުރިއަށްދާ ލީގު ކަޕްގެ ގަދަ ހަތަރެއް ސެމީ ފައިނަލަށް ދަތުރުކުރާއިރު، މާޒިޔާ އިން ރޭ 7-0 އިން މަހިބަދޫ ސްޕޯޓްސް ކްލަބް ބަލިކުރި މެޗަށް ނުކުތްއިރު ވެސް ވަނީ ގަދަ ހަތަރެއް ކަށަވަރުކޮށް ސެމީ ޔަގީންކޮށްފަ އެވެ. މާޒިޔާ އިން ލީގު ކަޕްގައި ކުޅުނު ފުރަތަމަ މެޗުން، 5-1 އިން ނިއު ރޭޑިއަަންޓް ބަލިކުރިއިރު، ދެ ވަނަ މެޗުގައި ޓީސީ ސްޕޯޓްސް ކްލަބް އަތުން ވަނީ 2-0 އިން މޮޅުވެފަ އެވެ.
"ކޮންމެ ހަފްތާ އަކު ކޮންމެ ޓީމެއް ވެސް އެބަ ރަނގަޅުވޭ. މިއަދު، އަހަރެން ދެކުނިން، ނިއު ރޭޑިއަންޓުން ޓީސީއާ ދެކޮޅަށް ކުޅުނު ކުޅުން. މިހާރު ތި މީހުންނަށް ފެންނާނެ އެ މީހުން (ނިއު) ވެސް ރަނގަޅުވެ، ވާދަކުރަން ރަނގަޅު ހާލަތަކަށް އަންނަތަން. އަހަންނަށް ފެންނަ ގޮތުގައި އެ މީހުން، ސެމީ ފައިނަލާއި ފައިނަލަށް ގޮސްފިނަަމަ އަދިވެސް ރަނގަޅުކުރާނެ،" ރޭގެ މެޗަށް ފަަހު، "އަދަދު ސްޕޯޓްސް" އަށް ދިން އިންޓަވިއުގައި ހެނާންޑޭޒް ބުންޏެވެ.
ސްޕެއިން، ލިތުއޭނިއާ، އުޒްބެކިސްތާން، ކުވެއިތު އަދި ދެކުނު ކޮރެއާގައި ފުޓްބޯޅައިގެ ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ހެނާންޑޭޒް އަކީ ކޯޗިންގައި ޔުއެފާ ޕްރޯ ލައިސަންސް ހާސިލްކޮށްފައިވާ ފުޓްބޯޅައިގެ އެކިއެކި ކާމިޔާބު ޕްރޮޖެކްޓްތަކެއްގައި ބައިވެރިވި ކޯޗެކެވެ.
ހެނާންޑޭޒް ބުނީ، ރަނގަޅު ލެވަލްގެ މެޗުތަކެއް ކުޅެގެން ޖުމްލަކޮށް މުޅި ދިވެހި ފުޓްބޯޅަ ވެސް ރަނގަޅުވާނެ ކަމަށެވެ. އަދި، ޒުވާން ކުޅުންތެރިންނަށް މާޒިޔާ އިން ފުރުސަތު ދެމުން އަންނައިރު، ސާފް 19 އަހަރުން ދަށުގެ މުބާރާތުގެ ސެމީ ފައިނަލަށް ރާއްޖެ ދަތުރުކުރުމަކީ ފުޓްބޯޅައާ މެދު އުންމީދު ލިބޭނެ ކަމެއް ކަމަށެވެ.
އެފްއޭއެމް ލީގު ކަޕްގައި މާޒިޔާ އިން ކުރިއަށްދާ ގޮތާ މެދު ހިތްހަމަޖެހޭކަން ފާހަގަކޮށް، ހެނާންޑޭޒް ބުނީ، އަދިވެސް ރަނގަޅުކުރަން ޖެހޭ ކަންކަން އެބަހުރި ކަމަށެވެ. އެ ގޮތުން، ޓީމުގެ ކޮމްބިނޭޝަންގެ ކަންކަމާއި ލަނޑު ޖަހަން ލިބޭ ގިނަ ފުރުސަތުތަކެއް ބޭނުންނުކުރެވިދާ ދިއުމަށް ހައްލެއް ހޯދުމުގެ މުހިންމު ކަމަށް ހެނާންޑޭޒް ވަނީ އަލިއަޅުވާލައިފަ އެވެ.
"ބައެއް މެޗުތަކުގައި މޮޅުވާން އޮންނަ ފުރުސަތު ވަރަށް ފަސޭހަކޮށް ފެނިދާނެ. އެއީ، އަހަރެމެން ވަރަށް ދުވަސްވެއްޖެ، ޓީމު އެއްކޮށް މަސައްކަތްކުރާތަން. އަނެއްބައި ޓީމުތައް ތަންކޮޅެއް މަދު ދުވަސްކޮޅެއް އެއްކޮށް ޓްރެއިން ކުރީ. އަހަރެންގެ މިޝަން އަކީ ކޮންމެ މެޗެއްގައި ވެސް ހައި އިންޓެންސިޓީގައި ކުޅުން،" ހެނާންޑޭޒް ބުންޏެވެ.
"މިއީ ވަރަށް ރަނގަޅު ފުރުސަތުތަކެއް އޮތް ވަގުތެއް ޒުވާން ކުޅުންތެރިންނަށް ޗާންސް ދޭން ވެސް، ކުޅުންތެރިން އެކި މަގާމުތަކަށް ކުޅެވޭނެތޯ ބަލައި. ރޮޓޭޝަންތަކެއް ހަދަން ވެސް، ވަރަށް ހިތްހަމަޖެހިއްޖެ، މިއަދު (ރޭގެ) މުޅި ޓީމުގެ ކުޅުމާ މެދު،"
ލީގު ކަޕްގެ ސެމީ ފައިނަލުގައި، ލީގު ބުރުގެ އެއް ވަނަ ކުޅޭނީ ހަތަރު ވަނައާ އެވެ. ލީގު ބުރުގައި މާޒިޔާ އިން ކުޅޭ ފަހު މެޗުގައި، މި މަހު 21 ވަނަ ދުވަހު، އޮޑި ސްޕޯޓްސް ކްލަބް އަތުން ޕޮއިންޓެއް ހޯދައިގެން ވެސް އެއް ވަނަ ޔަގީންކުރެވޭނެ އެވެ.
އެފްއޭއެމް ލީގު ކަޕްގެ މެޗުތައް ދެން އެންމެ އަވަހަށް އޮތީ އަންނަ ހޮނިހިރު ދުވަހު އެވެ. އެ ދުވަހު ހަވީރު، ޓީސީން މަހިބަދޫއާ ކުޅޭއިރު، އެ ރޭ ކުޅޭ މެޗުގައި އޮޑި ސްޕޯޓްސް ކްލަބުން ބައްދަލުކުރާނީ ނިއުއާ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ