ފަޅު ހިއްކުމާއި ފުންކުރުމުގެ މަޝްރޫޢުތަކާއި ދޫކޮށްފައިވާ ހުއްދަތަކާއި ޚިލާފަށް މަސައްކަތް ކުރާ ފަރާތްތަކާމެދު ޤާނޫނީ ގޮތުން ފިޔަވަޅު އަޅާނެ ކަމަށް އެންވަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީން ވިދާޅުވެއްޖެއެވެ.
އެ އޮތޯރިޓީން މިހެން ވިދާޅުވީ، ރާއްޖޭގެ އަތޮޅުތަކުގައި ހިންގާ ފަޅު ހިއްކުމާއި ފުންކުރުމުގެ މަޝްރޫޢުތަކާއި ގުޅިގެން ލިބިފައިވާ ޝަކުވާތަކާއި ގުޅޭގޮތުން އެންވަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީން ނެރުނު ބަޔާނެއްގައެވެ.
އެ އޮތޯރިޓީން ވިދާޅުވީ، ފަޅު ފުންކުރުމާއި ބިން ހިއްކުމުގެ މަޝްރޫޢުތަކާއި ގުޅިގެން ގިނަ އަދަދެއްގެ ޝަކުވާ އެ އޮތޯރިޓީއަށް ލިބެމުން އަންނަ ކަމަށެވެ. އަދި އެ އޮތޯރިޓީއަށް ލިބިފައިވާ ޝަކުވާތަކުގެ ތެރޭގައި ތިމާވެށްޓަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް ފުރިހަމައަށް ނާޅާ ފަޅު ފުންކުރުމާއި، ހިއްކުމުގެ މަޝްރޫޢުތަކާއި ގުޅޭ މަސައްކަތްތައް ކުރިޔަށް ގެންދިއުން ހިމެނޭ ކަމަށެވެ.
އެގޮތުން، ހިއްކުމުގެ މަސައްކަތުގެ ސަބަބުން ފަޅުތެރޭގައި އުފެދޭ ސެޑިމެންޓޭޝަންގެ އަސަރު ކުޑަ ކުރުމަށް ހިއްކުމުގެ މަސައްކަތް ފެށުމުގެ ކުރިން ޖަހަންޖެހޭ ބަންޑްވޯލް އަދި ސިލްޓް ސްކްރީން ޤާއިމް ނުކުރުމާއި، ވެލި ނެގުމަށް ހުއްދަ ދީފައިވާ ސަރަހައްދުތަކުގެ ބޭރުން ވެލި ނެގުމާއި، މާ ކައިރިން ވެލި ނެގުމުގެ އިތުރުން މޫސުން ގޯސްވެ ރީނދޫ ސަމާލު ނެރެފައިވާ ދުވަސްވަރުގައިވެސް މަސައްކަތް ކުރަމުން ދިއުން ހިމެނޭ ކަމަށެވެ.
އެހެންކަމުން އެފަދަ މަޝްރޫޢުތަކަށް އެ އޮތޯރިޓީން ފާސްކޮށްފައިވާ އީއައިއޭ ރިޕޯޓުތަކުގައި، މަޝްރޫޢުގެ ސަބަބުން ކުރިމަތިވާނެ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް ބަޔާންކޮށްފައިވާ ފިޔަވަޅުތައް ފުރިހަމައަށް ތަންފީޒު ކުރުމަށް އަންގާފައިވެއެވެ.
އެގޮތުން ބަންޑްވޯލް އަދި ސިލްޓް ސްކްރީން ޤާއިމްކުރުމާއި، އަތޮޅުތެރެއިން ވެލިނަގާނަމަ މީހުން ދިރިއުޅޭ ރަށްރަށާއި ރިސޯޓުތަކުގެ ހައުސް ރީފްއިން ފެށިގެން މަދުވެގެން 500 މީޓަރުގެ ދުރުމިނެއް ބެހެއްޓުމާއި، އެފަދަ މަޝްރޫޢުތަކަށް އެ އޮތޯރިޓީން ދޫކޮށްފައިވާ ހުއްދައިގައިވާ ގޮތަށް ވެލި ނެގުމަށް އަންގާފައިވެއެވެ.
އަދި ފަރުތަކާއި ނާޒުކު ސަރަހައްދުތަކާ ދުރުން ކަނޑައެޅިފައިވާ ޑްރެޖަރ ރޫޓުތައް ބޭނުން ކުރުމާއި، ރީނދޫ ސަމާލު ނެރެފައިވާއިރު ވެލި ނެގުމާއި ހިއްކުމުގެ މަސައްކަތް މަޑުޖައްސާލުމަށްވެސް އެދިފައިވެއެވެ.
އެ ބަޔާނުގައި ވިދާޅުވީ، އެ އޮތޯރިޓީއަށް ހުށަހެޅޭ ޝަކުވާތަކަށް ޚާއްސަ އިސްކަމެއްދީ ވަރަށް ގާތުން ބަލަމުންދާ ކަމަށާއި، ހުއްދަތަކާއި ޚިލާފަށް މަސައްކަތް ކުރާ ފަރާތްތަކަށް ފިޔަވަޅު އަޅާނެ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.
ޤަވާއިދާއި ޚިލާފަށް ފަޅު ހިއްކަންޏާ ފިޔަވަޅު އަޅަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ