ކުރިއަށް އޮތް ހަތަރު މަހު، އާންމު މިންވަރަށް ވުރެ އިތުރަށް ވާރޭ ވެހޭނެ: މެޓް
ކުރިޔަށް އޮތް ހަތަރު މަސް ދުވަހު، އާންމުކޮށް އެ ދުވަސްވަރު ވާރޭ ވެހޭ މިންވަރަށް ވުރެ އިތުރަށް ވާރޭ ވެހޭނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އޮފީހުން ލަފާކޮށްފިއެވެ. މެޓް އޮފީހުން ވަނީ ކުރިއަށް އޮތް ހަތަރު މަސް ކަމަށްވާ، ޖޫންމަހުން ފެށިގެން ސެޕްޓެމްބަރު މަހާ ހަމައަށް މޫސުން ލަފާކުރެވޭ ގޮތް އާންމުކޮށްފައެވެ. އެގޮތުން ޖޫން މަހުން ފެށިގެން ސެޕްޓެމްބަރު މަހުގެ ނިޔަލަށް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވާރޭ ވެހޭ މިންވަރު، އާންމުކޮށް ވެހޭ މިންވަރަށް ވުރެ އިތުރުވުމުގެ ފުރުސަތު ބޮޑު ކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ. https://x.com/MetMaldives/status/2050871506583093693 މެޓް އޮފީހުން ބުނީ މޫސުން ލަފާ ކުރާ ގޮތް އާންމު ގޮތެއްގައި ތައްޔާރު ކުރަނީ އޭޕްރީލް މަހުގެ މޫސުމީ ހާލަތުގެ އިތުރުން މޫސުމަށް ބަދަލު އައުމަށް މެދުވެރިވާ ސަބަބުތަކަށް ރިއާޔަތް ކޮށްގެން ކަމަށެވެ. އެ ގޮތްތަކަށް ބަލާއިރު ކުރިއަށް އޮތް ހަތަރު މަހުގައި ވެސް ރާއްޖޭގެ ހުރިހާ ސަރަހައްދެއްގެ ވެސް ފިނިހޫނުމިން އާންމުކޮށް ހުންނަ މިންވަރަށްވުރެ މަތިވާނެ ކަމަށް ބެލެވޭ ކަމަށް ވެސް މޫސުމާ ބެހޭ އިދާރާއިން ވަނީ ބުނެފައެވެ. https://sun.mv/221263 ވޭތުވެދިޔަ މާރިޗު އަދި އޭޕްރީލް މަހަކީ ރާއްޖެއަށް ހޫނުމިން ރެކޯޑް މިންވަރަކަށް ގަދަވި ދުވަސްވަރެކެވެ. އެހެންނަމަވެސް މިދިޔަ ހަފުތާގެ ތެރޭގައި ވަނީ ރާއްޖޭގެ އެކި ހިސާބުތަކުގެ މޫސުން ގޯސްވެ، ވިއްސާރަކުރަން ފަށާފައެވެ. މޫސުމާ ބެހޭ އިދާރާއިން މިއަދުވެސް ވަނީ، ރާއްޖޭގެ އެކި ހިސާބުތަކަށް، ވިއްސާރަކުރުމާއެކު، ބޯކޮށް ވާރޭ ވެރި، ގުގުރާނެ ކަމަށް ލަފާކޮށް، މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ