އުސޫލާ ޚިލާފަށް ފަޅު ހިއްކާ ފަރާތްތަކަށް ފިޔަވަޅު އަޅަނީ

އީއާރުއޭއިން ބުނިގޮތުގައި، ފަޅު ފުންކުރުމާއި ބިން ހިއްކުމުގެ މަޝްރޫޢުތަކާ ގުޅިގެން ގިނަ އަދަދެއްގެ ޝަކުވާ އެ އޮތޯރިޓީއަށް އަންނަނީ ލިބެމުންނެވެ.
އެ އޮތޯރިޓީއަށް ހުށަހެޅިފައިވާ ޝަކުވާތަކުގެ ތެރޭގައި، ހިއްކުމުގެ މަސައްކަތުގެ ސަބަބުން ފަޅުތެރޭގައި އުފެދޭ ސެޑިމެންޓޭޝަން ކުޑަކުރުމަށް ޖަހަންޖެހޭ ބަންޑްވޯލް އަދި ސިލްޓް ސްކްރީން ގާއިމް ނުކުރުން ހިމެނެއެވެ. މީގެ އިތުރުން ހުއްދަ ދީފައިވާ ސަރަހައްދުން ބޭރުން ވެލި ނެގުމާއި، މޫސުން ގޯސްވެ ރީނދޫ ސަމާލު ނެރެފައިވާ ވަގުތުތަކުގައިވެސް މަސައްކަތް ހުއްޓާނުލައި ކުރިއަށް ގެންދާކަން ވަނީ ފާހަގަކުރެވިފައެވެ.
އެހެންކަމުން، މަޝްރޫޢުތަކަށް ފާސްކޮށްފައިވާ އީއައިއޭ ރިޕޯޓުތަކުގައި ބަޔާންކޮށްފައިވާ ފިޔަވަޅުތައް ފުރިހަމައަށް ތަންފީޒު ކުރުމަށް އީއާރުއޭ އިން ވަނީ އަންގާފައެވެ. މީގެ ތެރޭގައި އަތޮޅުތެރެއިން ވެލިނަގާނަމަ މީހުން ދިރިއުޅޭ ރަށްރަށާއި ރިސޯޓުތަކުގެ ހައުސް ރީފްއިން ފެށިގެން މަދުވެގެން 500 މީޓަރުގެ ދުރުމިނެއް ބެހެއްޓުން ހިމެނެއެވެ.
އީއާރުއޭގެ ބަޔާން ނިންމާލަމުން ބުނީ ހުށަހެޅޭ ޝަކުވާތަކަށް ޚާއްސަ އިސްކަމެއްދީގެން ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ. އަދި ކަނޑައެޅިފައިވާ އުސޫލުތަކާއި ހުއްދަތަކާ ޚިލާފަށް މަސައްކަތް ކުރާ ފަރާތްތަކާމެދު ޤާނޫނީ ގޮތުން ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރުވެސް އެ އޮތޯރިޓީން ވަނީ ދީފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ