ލުބްނާނުގެ ދެކުނު ސަރަޙައްދުގެ ހުރި އިތުރު އަވަށްތައް ހުސްކުރަން ޔަހޫދީން އަންގަން ފަށައިފިއެވެ.
ލުބްނާނުގެ ދެކުނުގެ ބޮޑު ސަރަޙައްދެއް ޔަހޫދީން މިހާރުވެސް އަތްދަށުކޮށްފައިވާއިރު، ގެދޮރު ހުސްކުރަން އަންގަމުންދާ އަވަށްތަކަކީ އެ ސަރަޙައްދުގެ ބޭރުގައި ހުރި އަވަށްތަކެކެވެ. އެހެންކަމުން، ޔަހޫދީން ރާވަމުންދަނީ، ލުބްނާނުގެ ދެކުނުގެ އިތުރު ސަރަޙައްދުތައް ހިފުމަށެވެ. ޔަހޫދީންނާއި ލުބްނާނުގައި ޙަރަކާތްތެރިވާ މުޖާހިދުންގެ ޖަމާޢަތް، ޙިޒްބުﷲ ދެމެދު ފާއިތުވި ދެ މަސް ދުވަހު ހިނގަމުންދާ ކުރިމަތިލުންތަކުގައި މިހާތަނަށް 1.2 މިލިއަން މީހުންގެ ގެދޮރު ވަނީ ގެއްލިފައެވެ.
މިދިޔަ މަހުގެ 17ވަނަ ދުވަހުން ފެށިގެން ޙަމަލާތައް މެދުކަނޑައިލުމުގެ އެއްބަސްވުމަކަށް ޢަމަލުކުރަމުންދިޔަ ނަމަވެސް، ޔަހޫދީން އަދިވެސް ދަނީ އެ އެއްބަސްވުމާ ޚިލާފަށް ލުބްނާނުގެ ދެކުނުގެ ސަރަޙައްދުތަކަށް ވައިގެ ޙަމަލާތައް ދެމުންނެވެ. ޔަހޫދީންނާއި ލުބްނާނު މަޝްވަރާގެ މޭޒު ދޮށަށް އައިސް ސުލްޙައިގެ އެއްބަސްވުމެއް ޤައިމުކުރަން އެމެރިކާއިން ވެސް ދަނީ ބާރުއަޅަމުންނެވެ. ނަމަވެސް، ސުލްޙައިގެ އިތުރު މަޝްވަރާއެއް ކުރެވޭނީ، ޙަމަލާތައް މެދުކަނޑައިލުމުގެ އެއްބަސްވުމަށް ޔަހޫދީން ފުރިހަމައަށް އިޙްތިރާމްކުރަން ފެށުމުންކަމަށް ލުބްނާނުން ދަނީ ބުނަމުންނެވެ.
މި މަހުގެ 15އާ ހަމައަށް ޙަމަލާތައް މެދުކަނޑައިލުމުގެ އެއްބަސްވުމުގެ މުއްދަތު އިތުރުކޮށްފައިވީ ނަމަވެސް، އެ އެއްބަސްވުން އޮތީ ހަމައެކަނި ނަމެއްގައެވެ. މިގޮތުން، ޔަހޫދީން ދިން ޙަމަލާތަކުގައި އިއްޔެ އެކަނިވެސް، ލުބްނާނުގެ 10 މީހުން ވަނީ ޝަހީދުވެފައެވެ.
އެއާ އެކު، މާޗް 2ވަނަ ދުވަހުން ފެށިގެން ޔަހޫދީންގެ ނިރުބަވެރި ޙަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު މިހާރު ވަނީ 2،659އަށް އަރައިފައެވެ. އެ ޙަމަލާތަކުގައި އިތުރު 8،000 އެއްހާ މީހުން ވަނީ ޒަޚަމްވެފައެވެ.
ލުބްނާނުގެ ދެކުނަށް ޔަހޫދީންގެ އިސްތިޢުމާރު ފުޅާކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ