މާލޭގައި ރަށްވެހިވިތާ އަހަރެއް ނުވިޔަސް ގޯއްޗާއި ފުލެޓަށް އެދެވޭ ގޮތަށް ހަދައިފި

މާލޭގައި ރަށްވެހިވިތާ އަހަރެއް ނުވި ނަމަވެސް، ގޯއްޗާއި ފުލެޓަށް ކުރިމަތިލެވޭ ގޮތަށް މިއަދު ގަވައިދު ބަދަލުކޮށްފިއެވެ. މި ސަރުކާރުގެ ބޯހިޔާވަހިކަން އެންމެންނަށް ސިޔާސަތުގެ ދަށުން، މާލެއަށް ރަށްވެހިކަން ބަދަލުކުރި މީހުންގެ ތެރެއިން، ކުރިން ގޯއްޗާއި ފުލެޓަށް އެދި ކުރިމަތިލެވެނީ މާލޭގައި ރަށްވެހިވިތާ އަހަރެއްވީ މީހުންނަށް އެކަންޏެވެ. ނަމަވެސް، މިއަދު ހައުސިން މިނިސްޓްރީން ބުނީ، މާލޭގައި އަހަރަކަށް ވުރެ ކުރު މުއްދަތަކަށް ރަށްވެހިވެފައިވާ މީހުންނަށް ވެސް ގޯއްޗާއި ފުލެޓަށް އެދި ހުށަހެޅޭނެ ކަމަށެވެ. މިގޮތުން، މާލޭގައި ދިރިއުޅޭތާ 15 އަހަރުވެފައިވާ މީހުންގެ ކެޓެގަރީއަށް ޝަރުތުހަމަވާނަމަ، ފޯމް ހުށަހެޅޭނެ ކަމަށް މިނިސްޓްރީން ބުނެއެވެ. ގުޅިފަޅުން ބިންތައް ވެރިފަރާތްތަކާ ހަވާލުކުރުން: މާލޭގައި ރަށްވެހިވިތާ އަހަރެއް ނުވިޔަސް ގޯއްޗާއި ފުލެޓަށް ލެވޭ ގޮތަށް ވަނީ ހަދާފައި -- ފޮޓޯ/ ހައުސިން މިނިސްޓްރީ މިނިސްޓްރީން ބުނި ގޮތުގައި، ގޯއްޗާއި ފުލެޓަށް އެދި އެޕްލިކޭޝަން ހުށަހަޅާއިރު، މެދުނުކެނޑި މާލޭގައި ދިރިއުޅޭތާ 15 އަހަރުވެފައިވާ މީހެއްކަން އެނގޭނެ ލިޔެކިޔުމާއި މާލޭގައި ރަށްވެހިވި ތާރީޚު އަންގައިދޭ ލިޔުމެއް ހުށަހަޅަން ޖެހެއެވެ. މާލޭގައި ރަށްވެހިވިތާ އަހަރެއް ނުވިޔަސް ގޯއްޗާއި ފުލެޓަށް ލެވޭ ގޮތަށް ހެދިއިރު، ގޯއްޗާއި ފުލެޓަށް އެދި މި މަހުގެ ނިޔަލަށް ހުށަހެޅުމުގެ ފުރުސަތު ވަނީ ދީފައެވެ. ނަމަވެސް، އަދި ވެސް ސަރުކާރުން އަންނަނީ ބޯހިޔާވަހިކަމަށް އެދި ކުރިމަތިލެވޭ ޝަރުތުތަކަށް ބަދަލު ގެންނަމުންނެވެ. މިގޮތުން، މިދިޔަ މަހު 12ގައި ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވަނީ، ފުލެޓަށް އެދި ހުށަހެޅުމުގެ ޝަރުތުތައް އިސްލާހުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވެފައެވެ. https://sun.mv/220502 ހައުސިން މިނިސްޓަރު މުއްތަލިބް --- ފޮޓޯ/ ހައުސިން މިނިސްޓްރީ ޖަނަވަރީ މަހު ފުލެޓަށް ހުޅުވައިލި ފަހުން ގެނައި ބައެއް ބަދަލުތަކުގެ ތެރޭގައި ފުލެޓެއް އޮތުމުގެ ސަބަބުން، ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުގެ "ބިންވެރިޔާ" ސްކީމުގެ ދަށުން ދޫކުރި ގޯއްޗަށް ކުރިމަތިނުލެވުނު ފަރާތްތަކަށް، މި ސަރުކާރުގެ ސްކީމްގެ ދަށުން ގޯތި ހަވާލުކުރާނެ ޝަރުތު ހިމަނައި، "ބިންވެރިޔާ" ޚާއްސަ ސްކީމާ ގުޅޭ އުސޫލެއް އާއްމުކުރިއެވެ. އެމްޑީޕީ ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރާ ފްލެޓުތަކަށް ޝަރުތުހަމަވާން 75 ޕޮއިންޓް ލިބުނު މީހުންގެ ތެރެއިން ބާކީވި މީހުންނަށް، ދެ ކޮޓަރީގެ ފުލެޓުތައް ދޭން ކުރިން ބުނި ނަމަވެސް، މިހާރު އެ އުސޫލު ވެސް ބަދަލުކޮށް، ފުލެޓުތައް ދޭނީ ނިކަމެތި ހާލުގައި އުޅޭ މީހުންނަށް ކަމަށް ވަނީ ކަނޑައަޅައިފައެވެ. މީގެއިތުރަށް ވެސް އެހެނިހެން ބަދަލު ވަނީ ގެނެސްފައެވެ. ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން 7،900 ފުލެޓާއި 15،000 ގޯތި ދޫކުރަން ސަރުކާރުން ވަނީ ނިންމާފައެވެ. ޖުމްލަ 7،900 ފުލެޓުގެ ތެރެއިން 4،000 ފްލެޓު ދިނުމަށް ހަމަޖެހިފައިވަނީ މާލޭގެ ރަށްވެހިންނަށެވެ. އަދި މާލޭގައި ރަށްވެހިވެފައިނުވާ މާލޭގައި ދިރިއުޅެމުން އަންނަ މީހުންނަށް 1،500 ފުލެޓު ދިނުމަށާއި، ބާކީ 2،400 ފުލެޓު ސަރުކާރުން ކަނޑައަޅާފައިވާ ޚާއްސަ ކެޓަގަރީތަކަށް ދިނުމަށް ވަނީ ނިންމައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ