ކުރިއަށްއޮތް ރިޔާސީ އިންތިހާބަށް ކުރިމަތިލެއްވީ މަޖުބޫރީ ހާލައްތެއްގައި ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވި ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހާއެކު ކޯލިޝަން ހެދުމަށް، މި ސަރުކާރުގެ ކޯލިޝަންގައި ވެސް ހިމެނޭ ޖޭޕީއާއެކު ވެސް ގިނަ މަޝްވަރާތަކެއް ކުރިއެވެ. ނަމަވެސް ޖޭޕީގެ ކައުންސިލުން ނިންމާފައިވަނީ ރިޔާސީ އިންތިހާބަށް އެ ޕާޓީން ވަކިން ކެންޑިޑޭޓެއް ނެރުމަށެވެ. އެގޮތުގެ މަތިން ޖޭޕީގެ ޓިކެޓުގައި ކުރިއަށްއޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވަނީ އެ ޕާޓީގެ ލީޑަރު ގާސިމެވެ.
ރާއްޖެޓީވީގެ "ފަށާއިރު" ޕްރޮގްރާމުގައި މިއަދު ހެނދުނު ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ކޯލިޝަން ހެދުމަށް ޕީޕީއެމް-ޕީއެންސީ ފިޔަވައި އެހެން ހުރިހާ ބޭފުޅުންނާއެކު މަޝްވަރާތައް ކުރައްވާފައިވާނެ ކަމަށާއި ގާސިމާއެކު އެއްބަސްވުމަކަށް ނާދެވުނީ ވަކި ކަމަކާ އެއްބަސް ނުވެވިގެން ނޫން ކަމަށެވެ.
"އަބަދަވެސް ގާސިމް ވިދާޅުވި މިހުރީ އެކަން ކުރަން ތައްޔާރަށޭ. ތިމަންނަ ދެކޭގޮތުގައި ގައުމަށް އެންމެ ރަނގަޅު ގޮތަކަށް ތިމަންނައަށް ފެންނަނީވެސް، އަޅުގަނޑުމެން އެކީގައި ކުރިއަށްދިއުމޭ. އެހެންނަމަވެސް ގާސިމަށް ލަފާދެއްވާ ބޭފުޅުން އޭގެ ތެރޭގައި ތަފާތު ވާހަކަ ވިދާޅުވި. އެހެންވީމާ މަޖުބޫރީ ހާލަތެއްގައޭ ތިމަންނަ ކުރިމަތި މިލަނީ. އެއީ ގާސިމް ވިދާޅުވާ ވާހަކައަކީ،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ސަރުކާރުގެ ސިޔާސަތުތަކާއި ކުރިއަށްދާ ގޮތާ ދޭތެރޭގައި ވެސް ހިތްހަމަޖެހޭ ކަމަށް ޖޭޕީގެ ބޭފުޅުން ވިދާޅުވާ ކަމަށާއި ކުރިއަށްއޮތް ދައުރުގައި މަސައްކަތްކުރެވޭނީ އެމްޑީޕީއާ އެކީގައި ކަމަށްވެސް ގަބޫލުކުރައްވާ ކަމަށެވެ. ނަމަވެސް ގާސިމްގެ ކައިރީގައި ތިއްބެވި ބައެއް ބޭފުޅުންގެ ވިސްނުން އެއާ އެއްގޮތް ނުވީ ކަމަށް ގަބޫލުފުޅުކުރެއްވޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"ރާއްޖޭގެ ސިޔާސީ މަސްރަހު އެންމެ ބޮޑަށް އެނގިވަޑައިގަންނަވާނެ އެއް ބޭފުޅަކީ ގާސިމް. އަދި މުޅި ރާއްޖެ ވެސް އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނެ އެއް ބޭފުޅެއް ކަމަށް އަޅުގަނޑު ގަބޫލުކުރަނީ އެމަނިކުފާނު. އެހެންނަމަވެސް އެނގިވަޑައިގަންނަވާނެ މި ދޭތެރެއިން ކޮވިޑާ ގުޅިގެން ތަންކޮޅެއް އެކަހެރިކޮށް ވަރަށް ގިނަ ދުވަހު ހޭދަކުރެއްވި. އޭގެ ސަބަބުން މުޅިން މިހާރުގެ ކަރަންޓް ސިޗުއޭޝަން އެނގިވަޑައިގަންނަވާނީ ކައިރީގައި ތިއްބެވި ބޭފުޅުން ދައްކަވާ ވާހަކައަކުން. އެކަހަލަ ކަންތައްތަކެއް ކުރިމަތިވީ ކަމަށް ވެދާނެ،" އެމަނިކުފާނު ވިދާޅުވިއެވެ.
ކުރިއަށްއޮތް ރިޔާސީ އިންތިހާބަށް ރައީސް ސޯލިހު ނުކުންނަވަނީ ކޯލިޝަނަކާއެކުއެވެ. އެ ކޯލިޝަންގައި ހިމެނެނީ މި ސަރުކާރުގެ ވެސް ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ އިތުރުން މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އެވެ.
އިންތިހާބަށް ކުރިމަތިލެއްވީ މަޖުބޫރީ ހާލައްތެއްގައި ކަމަށް ގާސިމް ވިދާޅުވި: ރައީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ