ތާލިބާނުން ޣަނީމާގެ ގޮތުގައި އެެމެރިކާ އަތުން 8 ބިލިޔަން ޑޮލަރުގެ ހަތިޔާރު އަތުލައިގަތް

ކާބުލް (13 ޑިސެންބަރު 2025): ދެހާސް އެކާވީސް ވަނަ އަހަރު އެމެރިކާ ސިފައިން އަފްޣާނިސްތާނުން ފޭބިއިރު ނުގެންދެވިހުރި އެމެރިކާގެ ހަތިޔާރުތަކުގެ އަގު ގާތްގަނޑަކަށް އަށް ބިލިޔަން އެމެރިކާ ޑޮލަރަށް އަރާކަމަށް އަލްޖަޒީރާ ބުނެފިއެވެ. މިކަމާބެހޭގޮތުން އަލްޖަޒީރާއިން ތައްޔާރުކުރި ޑޮކިއުމެންޓްރީ ފިލްމެއް ބުނާގޮތުން މި އަށް ބިލިޔަން ޑޮލަރުގެ ހަތިޔާރުގެ ތެރޭގައި ހިމެނެނީ އަފްޣާނިސްތާނުން ގެންދިޔުމަށް އެމެރިކާ ސިފައިން ނުކުޅެދިފައިވާ ހަތިޔާރާއި އަފްޣާނިސްތާނުގައި އެމެރިކާ އުފެއްދި ގޮނޑިކޮއްކޮ ސަރުކާރުގެ ސިފައިންގެ ލަޝްކަރުތަކަށް ދީފައިވާ ހަތިޔާރުތަކެވެ. ދެހާސް އެކާވީސް ވަނަ އަހަރުގެ މޭ މަހުގެ އެއްވަނަ ދުވަހު އެމެރިކާ ސިފައިން އަފްޣާނިސްތާނުން ފޭބުމުގެ ކުރިން ތާލިބާނުންވަނީ ކުއްލިގޮތަކަށް ކާބުލްއަށް އަރައި އަފްޣާނިސްތާނުގައި އެމެރިކާ ގާއިމްކުރި ގޮނޑިކޮއްކޮ ސަރުކާރު ވައްޓާލާފައެވެ. މިއާއެކު އެމެރިކާގެ އިސްތިއުމާރަށް ޚިދުމަތްކުރުމަށް އުފެއްދި އަފްޣާން ސިފައިންގެ ލަޝްކަރުތައްވެސްވަނީ ރޫޅިގެން ގޮސްފައެވެ. ތާލިބާނުން ކާބުލްއަށް އަރަމުން ދަނިކޮށް އަފްޣާން ގޮނޑިކޮއްކޮ ސަރުކާރުގެ ރައީސް އަޝްރަފް ޣަނީ އާއި އޭނާގެ އަރިސް ފަރާތްތައްވަނީ އަފްޣާނިސްތާން ދޫކޮށް ފިއްލަވާފައެވެ. އަދި ސިފައިންގެ އިސްކޮމާންޑަރުންވެސްވަނީ ހަތިޔާރުތަކާއި ސިފައިންގެ މަރުކަޒުތައް ދޫކޮށް ފިލައިގެން ގޮސްފައެވެ. އެމެރިކާ އަފްޣާނިސްތާނަށް ދޫކުރަން މަޖުބޫރުވި ހަތިޔާރުގެ ފުނިވަރުތަކާބެހޭގޮތުން އަލްޖަޒީރާއިން ތައްޔާރުކުރި ޑޮކިއުމެންޓްރީ ފިލްމު ބުނާގޮތުން އަށް ބިލިޔަން ޑޮލަރުގެ މި ހަތިޔާރުތަކުގެ ތެރޭގައި 900 އަށްވުރެގިނަ އާމޯޑް ވެހިކަލް (ހަނގުރާމަމަތީ ވެހިކަލް) އާއި 19 ހާހާއި ގަތްކުރާ އަދަދެއްގެ ހައި މޯބިލިޓީ މަލްޓި ޕާޕަސް ވެހިކަލް އާއި ހައި ޓެކްޓިކަލް ވެހިކަލްގެ 24 ހާހަށް ވުރެގިނަ އަސްކަރީ ވެހިކަލް އެވެ. މީގެއިތުރުން ފައިޓާޖެޓާއި ޓްރާންސްޕޯޓް މަތިންދާބޯޓާއި ޓްރޭނިންގްތަކުގައި ބޭނުންކުރާ މަތިންދާބޯޓު ހިމެނޭގޮތަށް 131 އަސްކަރީ މަތިންދާބޯޓުވެސްވަނީ އެމެރިކާއަށް އެތަކެއްޗަށް ބާރު ނުފޯރުވި އަފްޣާނިސްތާނަށް ދޫކޮށްލަން ޖެހިފައެވެ. މީގެ އިތުރުން ވެސް ގިނަ އަދަދެއްގެ ހެލިކޮޕްޓަރާއި އެތައް ހާސް ބަޑިއާއި އެތަށް މިލިޔަނެއްގެ އުންޑައާއި އެނޫންވެސް ގިނަ އަދަދެއްގެ އެމެރިކާގެ ހަތިޔާރު ތާލިބާނުންގެ އަތްދަށަށްވަނީ ގޮސްފައެވެ. ތާލިބާނުންގެ ކޮމާންޑަރުންނާ ހަވާލާދީ އަލްޖަޒީރާގެ ޑޮކިއުމެންޓްރީ ބުނާގޮތުން މީގެތެރެއިން ގާތްގަނޑަކަށް 90 އިންސައްތަ ހަތިޔާރަކީ ބޭނުންކުރެވޭ ހާލަތުގައި ހުރި އައު ހަތިޔާރެވެ. ބާކީހުރި ހަތިޔާރުގެ ބޮޑުބައެއް ހުރީ މަރާމާތުކޮށްގެން ބޭނުންކުރެވޭ ހާލަތުގައި ބޭނުންނުކުރެވޭ ހާލަތުގައި ވަނީ މަދުހަތިޔާރުތަކެކެވެ. މި ހުރިހާ ތަކެއްޗެއްވަނީ ތާލިބާނުންގެ އަތްދަށަށް ގޮސްފައެވެ. ތާލިބާނުންނަކީ އަފްޣާނިސްތާން މިނިވަން ކުރުމަށް ކުރި ހަނގުރާމައިގަ އެމެރިކާ ސިފައިންނާއި އަފްޣާން ސިފައިންގެ އަތުން ހަތިޔާރުތައް އަތުލައިގަނެގެން އެއިން ހަނގުރާމަ ކުރަމުން ގެންދިޔަ ޖަމާއަތަކަށްވާތީ އެމެރިކާގެ ގިނަ ހަތިޔާރުތަކަކީ އޭގެބޭނުންހިފައިން ތާލިބާން ހަނގުރާމަވެރިންނަށް އެނގޭ ހަތިޔާރުތަކެވެ. އަދި ތާލިބާނުންގެ އިންޖިނޭރުންނަށް އެމެރިކާގެ ގިނަ ހަތިޔާރުތައް މަރާމާތު ކުރަންވެސް އެނގޭކަމަށްވެއެވެ. އަލްޖަޒީރާގެ ޑޮކިއުމެންޓްރީ ބުނާގޮތުން އެމެރިކާވަނީ މިހާ ގިނަ އަދަދެއްގެ ހަތިޔާރު ތާލިބާނުންގެ އަތްދަށަށް ދިޔުމުން އޭގެ ޓެކްނޮލޮޖީ ރަޝިއާ، ޗައިނާ އަދި އަވަށްޓެރި އީރާނަށް ލިބިދާނެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ. ނުރަސްމީ ރިޕޯޓްތައް ބުނާގޮތުން ތާލިބާނުންވަނީ އެމެރިކާ އަތުން ޣަނީމާގެ ގޮތުގައި ލިބުނު ސޮފިސްޓިކޭޓެޑް ހަތިޔާރުތަކުގެ ޓެކްނޮލޮޖީ ރަޝިއާ، ޗައިނާ އަދި އަވަށްޓެރި އީރާނަށް ވިއްކައި އެއިން މާލީ ފައިދާވެސް ހާސިލްކޮށްފައެވެ. ނަމަވެސް އެމެރިކާގެ ޓެކްނޮލޮޖީ ވިއްކައިގެން މާލީ ފައިދާ ހާސިލްކުރިކަން ތާލިބާނުން ކަށަވަރު ކޮށެއް ނުދެއެވެ. ޓެރަރިޒަމާ ހަނގުރާމަ ކުރުމުގެ ނަމުގައި އެމެރިކާ އަފްޣާނިސްތާނަށް އަރައިގަނެ 20 އަހަރުވަންދެން ހަނގުރާމަ ކުރިއިރުވެސް ތާލިބާން ޖަމާއަތް ބަލިކޮށް މުޅި އަފްޣާނިސްތާނަށް އަތްގަދަ ކުރުމުގައި އެމެރިކާ ވަނީ ނާކާމިޔާބުވެފައެވެ. އެމެރިކާއަށް ކުރެވުނުހާވެސް ކަމަކީ އެމެރިކާގެ އުފެއްދުމެއްކަމަށްވާ އަލްގާއިދާގެ ލީޑަރު އުސާމާ ބިންލާދިން މަރާލުމެވެ. މިކަމަށް އެމެރިކާގެ އެތެރެއިން ފާޑުކިޔާ ފަރާތްތައް ބުނާގޮތުން އަފްޣާނިސްތާނަށް އެމެރިކާ އަރައިގަތީ ބޭރުފުށުން ޓެރަރިޒަމާ ހަނގުރާމަ ކުރުމުގެ ނަމުގައި ކަމަށްވީނަމަވެސް މިކަމުގެ ހަގީގީ ބޭނުމަކީ އެމެރިކާގެ ސިޔާސީ އިސްވެރިންނާއި ކޮންގްރެސްގެ މެންބަރުންފަދަ ސިޔާސީ އެލީޓުންނާ އަޑިއަޑިން ގުޅިގައިވާ އެމެރިކާގެ މަހުޖަނުންނާއި ކުންފުނިތަކުގެ ވިޔަފާރި ކުރިއެރުވޭނެ ގޮތްތައް ހަދައިދިނުމެވެ. ވިހި އަހަރުވަންދެން އެމެރިކާ ކުރި މިހަނގުރާމައިގެ ސަބަބުން އެމެރިކާގެ މަހުޖަނުންނާއި ކުންފުނިތައްވަނީ އިތުރަށް މުއްސަނދިވެގެން ގޮސްފައެވެ. އެމެރިކާގެ އާންމު ރައްޔިތުންނަށް ލިބުނު އެކެއްޗެއްވެސް ނެތެވެ. މަރުވެ އަތްފައި ބުރިބުރިވެ ދިޔައީ އެމެރިކާ ސިފައިންގެ ތެރޭގައި އުޅޭ އެމެރިކާގެ އާދައިގެ މީހުންނެވެ. އެމެރިކާގެ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އެމެރިކާ އެއްވެސް ހަގީގީ ބޭނުމެއްނެތި އަފްޣާނިސްތާން ހަނގުރާމައަށް 20 އަހަރު ތެރޭގައި ތިން ޓްރިލިޔަން ޑޮލަރު ޚަރަދު ކުރިކަމަށް ވިދާޅުވެފައެވެ. ޗައިނާ ސިނާއީ ގޮތުން އާދަޔާ ޚިލާފު ބާރުމިނެއްގައި ދެމިގަތީ މިހަނގުރާމައިގާ އެމެރިކާ ތާށިވެފައި އޮތް ވިއްސަކަށް އަހަރު ތެރޭގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ