ކުރިއަށް އޮތް ދުވަސްތަކުގައި ލަންކާއަށް ތޫފާންތަކުގެ ނުރައްކާ އެބައޮތް: ޑީއެމްސީ

މި މަހާއި ކުރިއަށް އޮތް ޖެނުއަރީ މަހު ވެސް، ސްރީ ލަންކާ ސަރަހައްދުގައި ކޮޅިގަނޑުތަކާއި ތޫފާންތައް އުފެދުމުގެ ނުރައްކާ އެބައޮތް ކަމަށް އެ ގައުމުގެ މޫސުމާބެހޭ އިދާރާއިން ބުނެފިއެވެ. ލަންކާގެ ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރު (ޑީއެމްސީ)ގެ ޑިރެކްޓާ ޖެނެރަލް، މޭޖަ ޖެނެރަލް ސަމްޕަތް ކޮޓުވެގަޑާ ނޫސްވެރިންނާ ވާހަކަދައްކަވަމުން ވިދާޅުވީ، އެ ނުރައްކަލުގެ އިތުރުން މޫސުމީ ވިއްސާރައިގެ ސަބަބުން އުތުރުގެ ޕްރޮވިންސްތަކަށް، އާންމުކޮށް ވާރޭ ވެހޭ މިންވަރަށްވުރެ ގިނައިން ވާރޭ ވެހޭނެ ކަމަށެވެ. އިތުރު ތޫފާންތަކެއްގެ ބިރު އޮތްއިރު، މިދިޔަ މަހު 28 ގައި އެ ގައުމަށް އެރި ތޫފާން 'ދީތްވާ'ގެ ސަބަބުން ލިބުނު ގެއްލުން ވަރަށް ބޮޑެވެ. އެ ތޫފާނުން ކުރި ވިއްސާރައިގައި މިހާތަނަށް މަރުވި މީހުންގެ އަދަދު 640އަށް އަރާފައިވާއިރު، އެކި ސަރަހައްދުތަކުން 5700 އަށްވުރެ ގިނަ ގެ އެއްކޮށް ހަލާކުވެފައިވާ ކަމަށް އިދާރާތަކުން ހާމަކުރެއެވެ. އެންމެ ގިނައިން ހަލާކުވެފައިވާ ކަމަށް ރިޕޯޓްކޮށްފައިވަނީ ކެންޑީ ސަރަހައްދުންނެވެ. އެ ސަރަހައްދުން 1،568 ގެ އެއްކޮށް ހަލާކުވެފައިވާއިރު، 14،111 ގެއަށް ގެއްލުން ލިބިފައިވެއެވެ. ކުރިއަށް ހުރި ދުވަސްތަކުގައި ލަންކާއަށް ތޫފާންތަކުގެ ނުރައްކާ އެބައޮތް ކަމަށް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަ (ޑީއެމްސީ) ވަނީ ލަފާކޮށްފައި، ފޮޓޯ/އޭޕީ އެންމެ ގިނަ މީހުން މަރުވެފައިވާ ވަނީވެސް ކެންޑީ ސަރަހައްދުންނެވެ. އެ ސަރަހައްދުން 234 މީހުން މަރުވެފައިވާއިރު، ބަދުއްލާއިން 90 މީހުން، ނުވަރަލިޔާއިން 89 މީހުން، ކުރުނެގަލާއިން 61 މީހުން، ޕުއްޓަލަމްއިން 36 މީހުން، ކެގައްލާއިން 32 މީހުން އަދި މަތަލޭ ސަރަހައްދުން 29 މީހުން މަރުވެފައިވާ ކަމަށް ޑީއެމްސީން ވަނީ ހާމަކޮށްފައެވެ. މުޅި ލަންކާއިން، 26،103 އާއިލާއަކަށް ނިސްބަތްވާ ޖުމްލަ 82،813 މީހުން ވަގުތީ ހިޔަލުގައި ދިރިއުޅެމުންދާ ކަމަށްވެސް އެ އިދާރާއިން ބުނެއެވެ. 'ދީތްވާ'ގެ ސަބަބުން ލަންކާގެ ބޮޑު ބަޔަކަށް ފެން ބޮޑުވެ، ބައި މިލިއަނަށްވުރެ ގިނަ މީހުން ވަނީ ހާލުގައި ޖެހިފައެވެ. ތޫފާނުގެ ސަބަބުން ލަންކާއަށް ލިބުނު ގެއްލުމުން އަރައިގަނެ، ގައުމު އާރާސްތު ކުރުމަށް ހަތް ބިލިއަން ޑޮލަރު ބޭނުންވާނެ ކަމަށް އޮފިޝަލުން ލަފާކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ