بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ
اَلْحَمْدُ للَّهِ رَبِّ الْعاَلَمِينْ، وَالصَّلاَة وَالسَّلاَمُ عَلَى رَسُولِ ٱللَّهِ، وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.
އާދެ، މަސްވެރިންގެ ދުވަހުގެ ހެޔޮ ތަހުނިޔާ ހުރިހާ މަސްވެރިންނަށާއި، މަސްވެރި އިންޑަސްޓްރީގައި މަސައްކަތްކުރާ ހުރިހާ ފަރާތްތަކަށް އަދި ދުވާފަރުގެ ރައްޔިތުންނަށްވެސް ވަރަށް ބޮޑަށް ދަންނަވަން.
އާދެ، މިރޭގެ ޖަލްސާ، ރަސްމީ ޖަލްސާއަކީ މިކަމަށް ޚާއްޞަ ކުރެވިގެން އޮންނަ ޤައުމީ ޖަލްސާ. އެ ޖަލްސާގައި އަޅުގަނޑު ޤަޞްދުކުރަން، އިރާދަކުރެއްވިއްޔާ ތިޔަބޭފުޅުންގެ އަދި މަސްވެރި އިންޑަސްޓްރީގެ ހަމަ ވަރަށްގިނަ ކަންކަމާ ގުޅޭގޮތުން ކޮންމެވެސް އެއްޗެއް ދަންނަވާލަން. އެހެންނަމަވެސް، ހަމަ މި ބައްދަލުވުމުގައި ތިޔަބޭފުޅުންނާ މިގޮތަށް ބައްދަލުވިކަމަށްޓަކައި ވަރަށް ބޮޑަށް އުފާކުރަން އަދި ތިޔަބޭފުޅުން ތިޔަ ޙިއްޞާކުރެއްވި ކަންކަމަށްވެސް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. ކުރުގޮތަކަށް ބައެއް ކަންކަމުގައި ހަމަ ޖުމްލަކޮށް އެއްޗެއް ދަންނަވާލާނީ. އެހެންނަމަވެސް، މިރޭ އިރާދަކުރެއްވިއްޔާ ތަންކޮޅެއް ފޯކަސްކޮށް މުޅި މައުޟޫޢަށް ވާހަކަ ދައްކާލަން އަޅުގަނޑު ޤަޞްދުކުރަން.
އާދެ، މަސްވެރިންގެ ފަރާތުން، ކެޔޮޅުންގެ ފަރާތުން، ބޮޑުކަންނެލީގެ މަސްވެރިކަން ކުރާ ފަރާތްތައް، ޕްރޮސެސްކުރާ ފަރާތްތައް، އެކިފަރާތްތަކުން މިދިޔަ ދުވަސްތަކުގައި އަޅުގަނޑާ އެކިފަހަރު ބައްދަލުކުރައްވާފައިވޭ. އަދި މިނިސްޓްރީއާ އެކީގައިވެސް މަޝްވަރާކޮށް، ނޫނީ އެ މަސައްކަތް ކުރަމުން އެ އަންނަނީ. ސަރުކާރުން މަސައްކަތް ކުރަމުން މިދަނީ މެނިފެސްޓޯގައި އަޅުގަނޑު ބަޔާންކޮށްފައި ހުރި ކަންކަމާއި، އަދި ތިޔަބޭފުޅުން އެކިފަހަރު މަތިން އަޅުގަނޑު ގާތު ވިދާޅުވެފައި ހުރި ކަންކަމާއި، މި ހުރިހާ ކަމަކަށް ވަރަށް އީޖާބީ ގޮތެއްގައި ރަނގަޅު ކުރިއެރުންތަކެއް ގެނެސްދޭން.
މިއަދާ ހަމަޔަށް އައިއިރުގައިވެސް އެގޮތުން ބައެއް ކަންކަން ކުރެވިފައި އެވަނީ. އަދި ކުރިއަށް އޮތް ތަނުގައި ފެނިވަޑައިގަންނަވާނީ ހަމަ ތިޔަބޭފުޅުންގެ ޚިޔާލާއި މަޝްވަރާ ތިޔަ ދެއްވާގޮތަށް އެކަންކަމަށްވެސް ރަނގަޅު ޙައްލުގެނެސްދޭން. އެހެންވީމާ، އެއްވެސް ޚިޔާލުފުޅެއް، ނޫނީވިއްޔާ ތިޔަބޭފުޅުން ތިޔަ ފާހަގަކުރައްވާ އެއްވެސް ކަމަކީ ބޭކާރުވެގެންދާނެ ކަމެއްނޫން. އަޅުގަނޑު ބޭނުންވަނީ މި ޞިނާޢަތު ނަގައި ކުރިއަށްގެންދަން. މަސްވެރިކަމުގެ އިންޑަސްޓްރީގައި މަސައްކަތް ކުރައްވާ ބޭފުޅުންގެ ޚިޔާލާއި މަޝްވަރާ އެއީ، މި ޞިނާޢަތު ކުރިއަށް ގެންދިޔުމުގައި މި އިންޑަސްޓްރީ ކުރިއެރުމުގައި އެންމެ މުހިންމު ކަމަކީވެސް.
އެހެންވީމާ، އެކި ހިސާބުތަކުން ރާއްޖޭގެ، އެންމެ ދެކުނުން އަދި އެންމެ އުތުރުން، ރާއްޖޭގެ އެކި ހިސާބުތަކުން މިއަދުގެ މި ޙަފްލާގައި ބައިވެރިވާން ވަޑައިގެންނެވި ބޭފުޅުންނަށްވެސް ޝުކުރު ދަންނަވަން. އަދި ކުރިން އެކި ކަންކަމުގައި އަޅުގަނޑާ ޚިޔާލު ޙިއްޞާކުރެއްވި ބޭފުޅުންނަށްވެސް ޝުކުރު ދަންނަވަން.
އަޅުގަނޑު މެނިފެސްޓޯގައި ބަޔާންކޮށްފައި ހުރި ބައެއް ކަންކަމަކީ ފުރަތަމަ ދުވަހުން ފެށިގެން އެކަމަށްޓަކައި މަސައްކަތްތައް ކުރާ ކަންތައްތައް. އަދި ބައެއް ކަންކަމަކީ ރާއްޖޭގެ އިޤްތިޞާދު އެކަމަކަށް ފައްކާވީމަ ކުރެވެންހުރި ކަންކަން. ބޭރުގެ ބައެއް ލޯނުތަކާ ގުޅިފައި ހުރި މަޝްރޫޢުތައްވެސް އެބަހުރި. އެހެންވީމާ، އެކިކަހަލަ މަސައްކަތްތައް ހުރީ މި ދެންނެވިހެން. ކޫއްޑޫގައި ކުރާ މަސައްކަތް، ނޫނީވިއްޔާ ބައެއް އެހެން ތަންތަނުގައި ފެށިފައި ހުރި، ނޫނީވިއްޔާ ފަށަންހުރި ބައެއް މަސައްކަތް. ބޭރުގެ އެކިއެކި ފައިނޭންސްތަކާއި، ނޫނީވިއްޔާ ފައިނޭންޝަލް އެސިސްޓެންސްތަކާ ގުޅިފައި ހުރި ކަންކަން، އެކަންކަން ފުރިހަމަކުރުމަށްޓަކައި ވަރަށްގިނަ ދުވަސްތަކެއް ނަގާފައި އެބަހުރި. އެއީ، ސަރުކާރުން ވަކި ކަމެއް ގޯސްކޮށް ކޮށްގެނެއްވެސް ނޫން. އަޅައިނުލައިގެނެއްވެސް ނޫން. އަދި އެފަރާތްތަކުން ކަމެއް ގޯސްކޮށް ކޮށްގެނެއްވެސް ނޫން. އަޅައިނުލައިގެނެއްވެސް ނޫން. ހަމަ އެ އޮންނަ ޑިއު ޕްރޮސެސްއިން. ވަކި މަސްވެރިކަމުގެ އިންޑަސްޓްރީވީމަ ވާގޮތެއްވެސް ނޫން. ބޭރުގެ އެހީތަކާ ގުޅިފައި ހުންނަ ކަންކަމަކީ، ބޭރުގެ ލޯނުތަކާ ގުޅިފައި ހުންނަ ކަންކަމަކީ، އެ އޮންނަ ޕްރޮސީޖަރއަކުން، އެފަރާތްތަކުން އެ ސްޓެޕް ބައި ސްޓެޕް ކުރިއަށް ގެންދިޔައިމަ ނިމޭ ކަންކަން.
އެގޮތުން ބައެއް އައިސް ޕްލާންޓްތަކާއި، ބައެއް ފެކްޓްރީތަކާއި، ބައެއް ކަންކަން ފެށުމުގައި ލަސްތަކެއް އައި. މިހާރު މީގައި ހަމަ އަޅުގަނޑު ދަންނަވާނީ ހަމަ ހުރިހާ ކަމެއްހެން، އެ މަރުޙަލާތައް ނިމި ޢަމަލީ މަރުޙަލާއަށް ގޮސްފައި އެހެރީ. ދެން ފެނިވަޑައިގަންނަވާނެ ތިޔަބޭފުޅުންނަށްވެސް ހަމަ މި ދެންނެވި ގޮތަށް ޢަމަލީ މަސައްކަތަށް މިހާރު އެވަނީ މޮބިލައިޒް ކުރެވި، ނޫނީ މަސައްކަތް ފަށައިގަތުމާ ހިސާބަށް މި ހަމަ މީގައި ހުރި ގިނަ މަޝްރޫޢުތައް ގޮސްފައިކަންވެސް. އަދި ބައެއް ކަންކަމަކީ އޭގައި ސަރުކާރުންވެސް ވަރަށްގިނަ ޚަރަދުތަކެއް ކޮށްގެން ކުރިއަށް ގެންދާ ކަންކަން.
އެހެންވީމާ، އެކި ކަންކަމަށް އެކި ދުވަސް ނަގަނީ އެ ސަބަބަށްޓަކައި. އެއީ އެއްގޮތަކަށްވެސް މި އިންޑަސްޓްރީއަށް ފަރުވާކުޑަކޮށްގެން ވާކަމެއް ނޫން. ނޫނީ އަޅައިނުލައިގެން ވާކަމެއްވެސް ނޫން. މި ދެންނެވީ ބައެއް ކަންކަމުގައި ގިނަ ވަގުތު ނަގަނީ އެކަމުގައި އިޤްތިޞާދީ ގޮތުން ކުރިއަށް ގެންދަންހުރި ކަންކަމާއި، އިޤްތިޞާދު ކުރިއަރައިގެންދާ ގޮތަށް ވިސްނައިގެން ކުރަންޖެހޭ ކަންކަންވީމާ.
އެހެންވީމާ، ޖުމްލަކޮށް މި ދަންނަވާލީ އިނގޭތޯ. އެހެންވީމާ، ތިޔަބޭފުޅުން މިއަދު މިތާނގައި ފާހަގަކުރެއްވި ކަންކަން، އެއީ ބޮޑުކަންނެލި ވިއްކާ، މަސްވެރިކަން ކުރާ ބޭފުޅުން ކަމުގައިވިޔަސް، އަދި ޖުމްލަކޮށް ހަމަ މަސްވެރިކަމުގެ އިންޑަސްޓްރީގައި މަސައްކަތްކުރާ ހުރިހާ ކެޔޮޅުންނާއި، އަދި ޕްރޮސެސިންގ މަސައްކަތްކުރާ ފަރާތްތަކާއި، ފަރުމަސްވެރިކަމާއި، ދެން ހުރިހާ ވައްތަރެއްގެ އަދި ކަނޑުގެ އެކިކަހަލަ ރޯދިތަކުން ފައިދާ ހޯދާ، ނޫނީވިއްޔާ އެ މަސައްކަތުގައި އުޅޭ ހުރިހާ ފަރާތްތަކުންވެސް ފާހަގަކުރާ ކަންކަމަށް ހަމަ ވަރަށް ސަމާލުކަންދީގެން އީޖާބީ ގޮތެއްގައި އަޅުގަނޑުމެން މަސައްކަތް ކުރަމުން ގެންދަނީ. އިރާދަކުރެއްވިއްޔާ އެގޮތުގައި ކުރިއަށް އޮތްތާވެސް ހަމަ ކުރިއަށް ގެންދާނަން. ހަމަ އުފާވެރި ޚަބަރުތަކަކީ އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ އެކަމެއް އިޚްލާޞްތެރިކަމާއެކީގައި ފުރިހަމަކުރުމާއެކީގައި ލިބިގެންދާނެ ކަންކަން. އަޅުގަނޑު ބޭނުމެއްނޫން އެއްވެސް ކަމެއް ހަމަ ނަމެއްގައި އިޢުލާނުކޮށްލާކަށް، ނޫނީވިއްޔާ ފަށާކަށް، އެކަމެއް ދެމެހެއްޓެނިވި ގޮތެއްގައި ނުކުރެވޭނެ ގޮތަކަށް. އަޅުގަނޑު ބޭނުންވަނީ ޙަޤީޤީ މާނައިގައި މި އިންޑަސްޓްރީއަށް ކުރިއެރުން ލިބިގެންދާން.
ވަރަށްގިނަ ކަންކަން އެބަހުރި މިގޮތަށް ދަންނަވަން ހުރި. އެ ކޮންމެ ކަމެއްގެ ވާހަކަތައްވެސް ހަމަ ތިޔަބޭފުޅުން، އަޅުގަނޑާ ކުރީގައި ޙިއްޞާ ކުރައްވާފައިވެސް އެބަހުރި އަޅުގަނޑާ ހަމަ ރައީސް އޮފީހުގައި ބައްދަލުކުރައްވާވެސް. އަދި އެކިއެކި ފޯރަމްތަކުގައިވެސް. އެކަންކަމަށް ހަމަ އީޖާބީ ގޮތެއްގައި އިރާދަކުރެއްވިއްޔާ ޙައްލުތައް ގެނެސްދޭނެ ކަމުގެ ޔަޤީންކަން ދެން.
އަދިވެސް އެއްފަހަރު ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. ވަރަށް ބޮޑަށް ޝުކުރިއްޔާ!
وَالسَّلَامُ عَلَيْكُمْ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މަސްވެރިންގެ ފޯރަމްގެ ބައިވެރިންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ