ބޮޑު ކަންނެލި މަސްވެެރިންނަށްވީ ވައުދުތައް ނުފުއްދޭނަމަ، ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު އާއި ފިޝަރީޒް މިނިސްޓަރު، އަހުމަދު ޝިޔާމް އިސްތިއުފާދިނުމަށް މަސްވެރިންގެ އިހުތިޖާޖުގެ ބައިވެރިން ގޮވާލައިފި އެވެ.
މަސްވެރިންގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަމުން އިހުތިޖާޖުގައި ބައިވެރިވާ ދޯންޏެއްގެ ކެޔޮޅު ބުނީ މަސްވެރިންނަށްވީ ވައުދުތައް މި ސަރުކާރުން ފުއްދާނެ ކަމަށް މިހާރު ގަބޫލު ނުކުރާ ކަމަށެވެ.
"މިހާރުން މިހާރަށް މުއިއްޒު ވެސް އިސްތިއުފާ ދޭންވީ ސިޔާމު ވެސް އިސްތިއުފާ ދީފައި ގެއަށް ދާންވީ، އެ މީހުންނަކަށް މިކަމެއް ނުވި، އަޅުގަނޑެއް ގަބޫލެއް ނުކުރަން ދެން އޮތް ތަނުގައި ވެސް އެ މީހުންނަށް މިކަން ވާނެ ކަމަކަށް ވެސް، އެ މީހުން އަޅުގަނޑުމެން ކައިރީގައި މުޅީން ވެސް ހަދަނީ ދޮގު،" ޒޫމް ދޯނީގެ ކެޔޮޅު، މުސްތަފާ ބުންޏެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަށްފަހު މަސްވެރިން ވަނީ މިނިސްޓަރު ޝިޔާމުގެ އިސްތިއުފާއަށް ގޮވާލައި އަޑު ވެސް އުފުލައިފަ އެވެ. މުޒާހަރާގެ ބައިވެރިން ވަނީ ޝިޔާމު މިނިސްޓަރުކަމުން އިސްތިއުފާ ނުދެއްވާނަމަ، އޭނާ އެ މަގާމުން ވަކިކުރުމަށް ވެސް ގޮވާލައިފަ އެވެ.
އެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަންގެ ނައިބު ރައީސް، އިމްރާން މުހައްމަދު ވިދާޅުވީ ޝިޔާމް މަސައްކަތް ކުރައްވަނީ ބޮޑު ކަންނެލި މަސްވެރިކަން އެއްކޮށް ހަލާކުކޮށްލުމަށްފަހު ލޭނުގެ މަސްވެރިކަމަށް ފުރުސަތު ދެއްވަން ކަމަށެވެ. އަދި، ލޭނުގެ މަސްވެރިކަމަށް ހުއްދަ ދޭން ސަރުކާރުން ނިންމި ނިންމުން ރައީސުލްޖުމްހޫރިއްޔާ ބަދަލު ކުރެއްވުމަކީ ބޮޑު ކަންނެލި މަސްވެރިން ދެކެ ރުޅި އަންނަންޖެހޭ ސަބަބެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
"މި ހުރިހާ ކަންނެލި މަސްވެރިކަން ކުރާ ދޯނިތައް ހުއްޓުވާލައިފައި ލޯންގްލޭނަށް ދާން ކުރާ މަސައްކަތް އަދިވެސް މިނިސްޓަރު އެ ކުރައްވަނީ، ކޮންމެ ގޮތެއް ހަދާފައި ވެސް އެކަން ކުރާނަމޭ، އަޅުގަނޑުމެންނާ ދިމާލަށް ވެސް މިނިސްޓަރު ބުނެފައި އޮތީ،" އިމްރާން ވިދާޅުވި އެވެ.
ކަންނެލި ދޯނިފަހަރުގައި އުޅޭ ބިދޭސީން ހައްޔަރުކޮށްގެން ގެންދަނީ މަސްވެރިންނަށް ބިރުދެއްކުމުގެ ގޮތުން ކަމަށް އިމްރާން ވިދާޅުވި އެވެ. ނަމަވެސް، މަސްވެރިންނަކީ އެއަށްވުރެ މާ ހިތްވަރު ގަދަ ބައެއް ކަމަށާއި އެގޮތަށް އަދި ބިރުދެއްކިޔަސް އިހުތިޖާޖު ހުއްޓައިނުލާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"މި ކެޔޮޅުންނަކީ އެއަށްވުރެ މާހިތްވަރުގަދަ ބައެއް، މި މަސްވެރިންނަކީ އެއަށްވުރެ މާހިތްވަރުގަދަ ބައެއް، ކަނޑުމަތީގައި އެ ބޭފުޅުން ދުވާލު ހަތަރުދަމު އެ އުޅެނީ ވެހޭހައި ވާރެއެއްގައި ދޭހައި އަތްވެއްގައި، ފަތިހު ތިނެއް ޖަހާއިރު ވެސް ފުންމާލާށޭ ބުނީމާ އެމަށް ވެސް ފަރުތޮޅިއެއް އިނަސް ފުންމާލާނެ،" އިމްރާން ވިދާޅުވި އެވެ.
"އެހެންވީމާ އެހައި ހިތްވަރުގަދަ ބައެއް އަދި އެހައި ފަސޭހައަކުން ނުއެއް ހުއްޓުވޭނެ، އަޅުގަނޑުމެން ބަސްއަހައިގެން މި ތިބީ މި ތަނުގައި. އަޅުގަނޑުމެން އިހުތިޖާޖުގައި ހަމަ ތިބޭނަން. އަޅުގަނޑުމެން މިކަން ހުއްޓައެއް ނުލާނަން."
މަސްވެރިން އިހުތިޖާޖު ކުރަން ފެށީ މިދިޔަ ބުދަ ދުވަހު އެވެ. މަސްވެރިންގެ އިހުތިޖާޖުގައި ސަރުކާރަށް ކުރަނީ ތިން ޑިމާންޑެކެވެ. އެއީ ސަރުކާރުން ކަންނެލި ގަންނަން ފެށުމާއި ކަންނެލީގެ އަގު 80ރ. އާއި 100ރ. އާ ދެމެދު ހިފެހެއްޓުމާއި ބޭސް ރޭޓުގައި ތެލާއި އައިސް ލިބޭނެ ގޮތް ހެދުމެވެ.
ނަމަވެސް، މަސްވެރިންގެ މުޒާހަރާއަށް މިއަދަށް ހަތަރު ދުވަސް ފާއިތުވެގެންދިޔައިރު ވެސް ސަރުކާރުން އެކަމަށް އެދެވޭ ޖަވާބެއް ނުދެއްވަ އެެވެ.
އިހުތިޖާޖު ނުހުއްޓާނަން؛ މުޅިން ވެސް ހަދަނީ ދޮގު، މުއިއްޒު އާއި ޝިޔާމް އިސްތިއުފާ ދެއްވާ: މަސްވެރިން އިހުތިޖާޖު ނުހުއްޓާނަން؛ މުޅިން ވެސް ހަދަނީ ދޮގު، މުއިއްޒު އާއި ޝިޔާމް އިސްތިއުފާ ދެއްވާ: މަސްވެރިން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ