މަސްވެރިންނަށް ފަސޭހައިން ބީއެމްއެލްގެ ފައިނޭންސިންއަށް އެދެވޭނެ 'މަސްވެރިޔާ' ޕޯޓަލް އިފްތިތާހުކޮށްފި

ބީއެމްއެލްގެ ފައިނޭންސިން ފެސިލިޓީތަކަށް މަސްވެރިންނަށް ފަސޭހައިން އެދެވޭނެ 'މަސްވެރިޔާ' ޕޯޓަލް މިރޭ އިފްތިތާހުކޮށްފި އެވެ.
ވީ ކިހިނެއް؟ - މި އަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް މިރޭ ރ. ދުވާފަރުގައި ކުރިއަށްދާ ރަސްމިއްޔާތުގައި ޕޯޓަލް އިފްތިތާހުކޮށްދެއްވީ ޓްރާންސްޕޯޓް މިިނިސްޓަރު މުހައްމަދު އަމީން އެވެ.
ތަފްސީލް - ބޭންކުން ބުނީ މަސްވެރިޔާގެ ނަމުގައި ތައާރަފުކުރި މި ޑިޖިޓަލް ޕޯޓަލް މެދުވެރިކޮށް ބޭންކްގެ އިސްލާމިކް ފައިނޭންސިންގެ ގިނަ ޕްރޮޑަކްޓުތަކަށް ހުށަހެޅޭނެ ކަމަށެވެ.
ފަސޭހައިން ބޭނުންކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ މި ޕްލެޓްފޯމް މެދުވެރިކޮށް، މަސްވެރިންގެ ގައުމީ ދަފްތަރުގައި ރަޖިސްޓާކޮށްފައިވާ މަސްވެރިންގެ ތެރެއިން ޝަރުތު ހަމަވާ މަސްވެރިން ބޭނުންވާ އެކި ބޭނުންތަކަށް ބީއެމްއެލްގެ އިސްލާމީ ފައިނޭންސިން ހިދުމަތްތަކަށް އެދި ހުށަހެޅޭނެ އެވެ.
އޭގެ ތެރޭގައި:
ގެދޮރު ގަތުން
ގެދޮރު އިމާރާތް ކުރުމަށާއި މަރާމާތުކުރުން
• މަތީ ތައުލީމު ހާސިލުކުރުން
އުޅަނދު ބަނުމާއި މަރާމާތު ކުރުން
ގެސްޓްހައުސް ވިޔަފާރިއަށް އިންވެސްޓްކުރުން
ލުއި ފައިނޭންސިން؛ މިއީ މަސްވެރިކަމަށް ބޭނުންވާ ސާމާނު ގަތުން ނުވަތަ އިތުރު އެކި ބޭނުންތަކަށް ދޫކުރާ ފައިނޭންސިންއެއް
ބުނީ ކީކޭ؟ - މި ހިދުމަތާ ގުޅޭ ގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ މަސްވެރިންނަށް މާލީ ހިދުމަތްތަކަށް ވާސިލުވާން ލުއިފަސޭހަ މަގެއް ހޯދައިދިނުމަށް މި އަހަރުގެ ކުރީކޮޅު ބޭންކުން ފިޝަރީޒް މިނިސްރީއާ އެކު އެއްބަސްވެފައިވާ ކަމަށެވެ.
"މަސްވެރިޔާ ޕޯޓަލް އިފްތިތާހުކުރުމަކީ މަސްވެރިކަމުގެ ސިނާއަތަށް އެހީތެރިވެ، މާލީ ހައްލުތަކަށް ފަސޭހައިން ވާސިލުވެވޭނެ ޒަމާނީ އިންތިޒާމެއް ހަމަޖައްސައިދިނުމަށް އެޅުނު މުހިންމު ފިޔަވަޅެއް. އަޅުގަނޑުމެން މަސައްކަތް ކުރަނީ ރާއްޖޭގެ ހުރިހާ ދާއިރާއަކަށް ވެސް އެންމެ ބޭނުންތެރި މާލީ ހައްލުތައް ފޯރުކޮށްދިނުމަށް،" ޝަރީފް ވިދާޅުވި އެވެ.
ފާހަގަކުރެވޭ - މަސްވެރިޔާ ޕޯޓަލްއަކީ ބޭންކުން މަސްވެރިންނަށް އެހީތެރިވުމަށް ކުރަމުން އަންނަ މަސައްކަތްތަކުގެ މުހިންމު އެއް ރަމްޒު ކަމަށް ބީއެމްއެލްއިން ބުންޏެވެ. 
 މިދިޔަ އަހަރުގެ ޑިސެންބަރުން ފެށިގެން ބޭންކުން އަންނަނީ މަސް ކިރުވާތާ 48 ގަޑިއިރު ތެރޭގައި މަސްވެރިންނަށް ދޭން ޖެހޭ ފައިސާ ޖަމާކޮށްދެމުން
 މަސްވެރިންނަށް އެއްވެސް އިކުއިޓީއެއް އަދި ރަހުނަކާ ނުލައި 300،000ރ އާ ހަމައަށް ފައިނޭންސިން ލިބޭނެ ހާއްސަ ފެސިލިޓީއެއް ތައާރަފުކުރި. މި ފައިނޭންސިންއަށް ފައިސާ އަނބުރާ ދެއްކުމުގެ ތާވަލު ހަމަޖައްސަނީ މަސްވެރިކަމުން ލިބޭ އާމްދަނީއަށް އަންނަ ބަދަލުތަކަށް ބަލައިގެން
ބީއެމްއެލްއިން ބުނީ މަސްވެރިޔާ ޕޯޓަލް މެދުވެރިކޮށް ކާޑު ހިދުމަތްތައް ވެސް ވަރަށް އަވަހަށް ތައާރަފްކުރާނެ ކަމަށެވެ.
މަސްވެރިޔާ ޕޯޓަލް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ