މަސްވެރިކަމުގެ ސިނާޢަތުގައި ހުރި ހުރިހާ މައްސަލަތަކެއް ހައްލުކުރުމަށް ސަރުކާރުން ކެނޑި ނޭޅި މަސައްކަތް ކުރަމުންދާކަމަށް މަސްވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. މިކަން އެމަނިކުފާނު ހާމަކުރެއްވީ މަސްވެރިންގެ ދުވަހާ ގުޅިގެން ބޭއްވި މަސްވެރިންގެ ފޯރަމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ވަޒީރު ޝިޔާމް ވިދާޅުވީ، މަސްވެރިންގެ ދުވަސްވީ ގިނަ ކަންބޮޑުވުންތަކަށް ޙައްލު ހޯދައިދިނުމުގެ މަސައްކަތް މިވޭތުވެދިޔަ ދެ އަހަރުގެ ތެރޭގައިވެސް މުހިއްމު މަސައްކަތްތަކެއް ކުރެވިފައިވާކަމަށެވެ. އަދި މަސްވެރިކަމުގެ ސިނާޢަތް ކުރިއެރުވުމަށްޓަކައި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މެނިފެސްޓޯއަށް އަލިއަޅުވާލައްވަމުން ވަޒީރު ވިދާޅުވީ، މަސްވެރިންގެ ހުރި ކަންބޮޑުވުންތަކަށް ހައްލު ގެނެސްދޭނެ މެނިފެސްޓޯއަކީ ރައީސްގެ މެނިފެސްޓޯކަމަށެވެ. "ވަރަށް ގިނަ ކަންކަން އެބަހުރި އަދިވެސް ހައްލުކުރަން. ރައީސްގެ މެނިފެސްޓޯއަކީ މަސްވެރިކަމުގެ ސިނާޢަތުގައި ހުރި ހުރިހާ މައްސަލައަކަށް ﷲ އިރާދަފުޅުން ހައްލުކުރާނެ މެނިފެސްޓޯއެއް. އަޅުގަނޑުމެން މިދަނީ ކެނޑި ނޭޅި އެމަގުން މަސައްކަތް ކުރަމުން." ވަޒީރު ޝިޔާމް ވިދާޅުވިއެވެ.
މަސްވެރިކަމުގެ ދާއިރާގެ މައްސަލަތައް ހައްލުކުރުމަށް ސަރުކާރުން ދެއްވާ އިސްކަން ބޮޑުކަން ފާހަގަކުރައްވައި، ވަޒީރު ވިދާޅުވީ، ކުރިއަށް އޮތްތަނުގައިވެސް މަސްވެރިންނަށް ދިމާވާ ދަތިތައް ނައްތާލުމަށްޓަކައި ބުރަ މަސައްކަތްތަކެއް ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާކަމަށެވެ. އަދި މަސްވެރިކަމުގެ ސިނާޢަތް އިތުރަށް ހަރުދަނާކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމަށްޓަކައި ސިޔާސަތުތައް އެކުލަވާލައި ތަންފީޒުކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށް ވަޒީރު ޝިޔާމް އިތުރަށް ވިދާޅުވިއެވެ.
މަސްވެރިކަމުގެ ހުރިހާ މައްސަލަތައް ހައްލުކުރުމަށް މިދަނީ ކެނޑި ނޭޅި މަސައްކަތް ކުރަމުން: ވަޒީރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ