އެއްވެސް ކަމެއް ދެމެހެއްޓެނިވި ގޮތެއްގައި ނުކުރެވޭނެގޮތަކަށް ނަމެއްގައި ފަށާކަށް ބޭނުމެއްނޫން: ރައީސް

އެއްވެސް ކަމެއް ދެމެހެއްޓެނިވި ގޮތެއްގައި ނުކުރެވޭނެނަމަ، ހަމައެކަނި ނަމެއްގައި ފަށާކަށް ނުވަތަ އިޢުލާންކޮށްލާކަށް ބޭނުންފުޅުނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރ. ދުވާފަރަށް ކުރެއްވި ދަތުރުފުޅެއްގައި މަސްވެރިންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް މިހެން ވިދާޅުވީ، ސަރުކާރުން މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ގެންގުޅުއްވާ ސިޔާސަތުތަކުގެ މައްޗަށް އަލިއަޅުވާލައްވަމުންނެވެ.
ރައީސް ވިދާޅުވީ، ސަރުކާރުގެ މެނިފެސްޓޯގައި ހިމެނޭ ކަންތައްތަކުގެ ތެރެއިން މަސްވެރިންގެ ހުރި ކަންބޮޑުވުންތަކަށް ހައްލު ގެނެސްދެވޭނެކަމުގެ ޔަޤީންކަން އެބަހުރި ކަމަށެވެ. އަދި މި ސިނާއަތް ކޮޅަށް ޖެހުމަށްޓަކައި މަސްވެރިންގެ ޚިޔާލާއި ބައިވެރިވުން ވަރަށް މުހިއްމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ސަރުކާރުން ބޭނުންވަނީ މަސްވެރިކަމުގެ ސިނާއަތް ޙަޤީޤީ މާނައިގައި ކުރިއެރުވުން ކަމަށް ރައީސް ވިދާޅުވިއެވެ.
މި ސިނާއަތް ކުރިއަރުވާނީ މަސްވެރިންގެ ހިޔާލާއި މަޝްވަރާ ހޯދައި އެކަންކަމަށް ބަލައިގެންކަމުގެ ޔަޤީންކަން ރައީސް ވަނީ ދެއްވާފައެވެ. ރައީސް މުއިއްޒު ވިދާޅުވިއެވެ. "އަޅުގަނޑު ބޭނުމެއްނޫން އެއްވެސް ކަމެއް ނަމެއްގައި އިއުލާންކޮށްލާކަށް ނޫނީ ފަށާކަށް އެކަމެއް ދެމެހެއްޓެނިވި ގޮތެއްގައި ނުކުރެވޭނެގޮތަކަށް. އަޅުގަނޑު ބޭނުންވަނީ ހަޤީގީ މާނައިގައި މި އިންޑަސްޓްރީއަށް ކުރިއެރުން ލިބިގެންދާން."
މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމުގައި އެންމެ ބޮޑު އިސްކަމެއް ދޭނީ މަސްވެރިންގެ ހުރި ކަންބޮޑުވުންތަކަށް ބަލައި، މި ސިނާއަތު ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމަށް ކަމަށް ރައީސް މުއިއްޒު ވަނީ އިތުރަށް ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ