އެމެރިކާގެ ރައީސްކަން ޑޮނަލްޑް ޓްރަމްޕް ފުރަތަމަ ކުރިއިރު 2018 ވަނަ އަހަރުން ފެށިގެން 2019 ވަނަ އަހަރުގެ ސެޕްޓެމްބަރ އާއި ހަމައަށް އެމެރިކާ ސަރުކާރުގެ ގައުމީ ސަލާމަތާއި ބެހޭ އެޑްވައިޒަރުގެ މަގާމު އަދާކުރި ޖޯން ބޮލްޓަންއަށް އެމެރިކާގެ ސީކްރެޓް ސާވިސް އިން ދެމުން އައި ސެކިއުރިޓީ ހުއްޓާލައިފިއެވެ. ޖޯން ނެރުނު ބަޔާނެއްގައި ބުނީ އޭނާއަށް ސީކްރެޓް ސާވިސް އިން ދެމުން އައި ސެކިއުރިޓީ ހުއްޓާލިކަން އެންގީ ޓްރަމްޕް ހުވާ ކުރިތާ 12 ވަރަކަށް ގަޑިއިރު ފަހުންނެވެ.
ސެކިއުރިޓީ ހުއްޓާލިކަން އަންގާ ސެކިއުރިޓީ ސާވިސް އިން ފޯން ކުރުމަށްފަހު އެނިންމުން ނިންމީ ޖޯންއަށް ސެކިއުރިޓީ ނުދޭން ރައީސް ޓްރަމްޕް ނިންމުމުން ކަމަށް ބުނި ކަމަށް ވެސް ޖޯންގެ ބަޔާނުގައި ވެއެވެ.
ސީކްރެޓް ސާވިސްއަކީ އެމެރިކާގެ ރައީސުންގެ ސެކިއުރިޓީ ބަލަހައްޓަން އޮންނަ ޔުނިޓެކެވެ. ނަމަވެސް ރައީސްގެ އިތުރުން ސަރުކާރުގެ މަތީ ފެންވަރުގެ ވެރިންނާއި ރައީސް ނިންމަވާ ބޭފުޅުންނަށް ވެސް ސީކްރެޓް ސާވިސް އިން ސެކިއުރިޓީ ދެމުން ގެންދެއެވެ. ޖޯން އަށް ސީކްރެޓް ސާވިސް އިން ސެކިއުރިޓީ ދޭން ފެށީ އޭނާ މަރާލާނެ ކަމުގެ އިންޒާރު އީރާނުން ދިނުމުން ރައީސް ޓްރަމްޕް ޖޯންއަށް ސެކިއުރިޓީ ދިނުމަށް އޭރު އެންގުމުންނެވެ. އަދި ފަހުން ރައީސް ބައިޑެން ވަނީ ޖޯންއަށް ސެކިއުރިޓީ ދޭން ނިންމި މުއްދަތު އިތުރު ކޮށްފައެވެ.
ޖޯން ނެރުނު ބަޔާނެއްގައި ބުނީ އޭނާ މަރާލަދޭނެ މީހަކު ހޯދަން މަސައްކަތް ކުރި އީރާން މީހެއްގެ މައްޗަށް 2022 ވަނަ އަހަރު ދައުވާ ކޮށްފައިވުމާއި ހާލަތު އޮތް ގޮތައް ބަލާއިރު އަދިވެސް އޭނާގެ ފުރާނައަށް ނުރައްކާވާފަދަ ހަމަލާއެއް އަމާޒުވެދާނެ ކަމުގެ ބިރު އެބައޮތް ކަމަށެވެ.
ޖޯންއަށް ސެކިއުރިޓީ ހުއްޓާލުމާއި ގުޅިގެން ސީކްރެޓް ސާވިސް އިން އަދި މިހާތަނަށް އެއްވެސް އެއްޗެއް ނުބުނެއެވެ. ނަމަވެސް އިއްޔެ ނޫސްވެރިންނާއި ވާހަކަދައްކަމުން ޓްރަމްޕް ވިދާޅުވީ އެއްވެސް މީހަކަށް އުމުރު ދުވަހަށް ސެކިއުރިޓީ ދިނުމަކީ ކުރަން ޖެހޭނެ ކަމެއް ނޫން ކަމަށެވެ.
ޖޯން އާއި ޓްރަމްޕްގެ ގުޅުން ގޯސްވީ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރެއްގެ މަގާމުގައި ޖޯން ހުރިއިރު ޓްރަމްޕްގެ ސިޔާސަތުތައް ހުރި ގޮތައް ފާޑުކިޔައި އޭނާ ނެރުނު ފޮތެއްގެ ސަބަބުންނެވެ. އެފޮތަކީ ސިޔާސީ ދޮގުތަކެއް ހިމެނިފައި އޮތް ހަގީގަތާއި ހިލާފު ފޮތެއް ކަމަށް ޓްރަމްޕް ވިދާޅުވެފައި ވެއެވެ.
ގައުމީ ސަލާމަތާއި ބެހޭ ކުރީގެ އެޑްވައިޒަރަށް ސެކިއުރިޓީ ނުދޭން ޓްރަމްޕް އަމުރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ