މީޑިއާ ބިލުގެ ވަކިވަކި މާއްދާތަކުގައި ހުރި ކަންބޮޑުވުންތަކަށް އިސްލާހު ހުށަހަޅާނަން: ރައީސް

ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ މީޑިއާ ބިލުގެ ވަކިވަކި މާއްދާތަކުގައި ހުރި ކަންބޮޑުވުންތަކަށް ސަރުކާރުގެ ފަރާތުން އިސްލާހު ހުށަހަޅުއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ބިލާއި ގުޅޭގޮތުން، ނޫސްވެރީންގެ ހުރި ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރެއްވުމަށް އެ އެސޯސިއޭޝަނުން އެދިވަޑައިގަތުމާއި ގުޅިގެން މިއަދު ބޭއްވި ބައްދަލުވުމަގައެވެ.
މި ބައްދަލުކުރެއްވުމުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޖާނަލިސްޓް އެސޯސިއޭޝަންގެ ފަރާތުން ހުށަހެޅުއްވި ހުރިހާ ކަންބޮޑުވުންތައް އަޑުއައްސަވާ އެކަންކަމާއި މެދު ވިސްނާވަޑައިގަންނަވާނެ ކަމަށް ވިދާޅުވެފައެވެ.
އެއް ގަޑިއިރަށް ވުރެ ގިނައިރަށް ދެމިގެން ދިޔަ މި ބައްދަލުވުމުގައި، ނޫސްވެރިންގެ ކަންބޮޑުވުންތައް އަބަދުވެސް އަޑުއައްސަވާނެ ކަމަށާ، މިސަރުކާރަކީ ސަތޭކަ ޕަސެންޓް މީޑިއާ ޕްރޯ ސަރުކާރެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ސަރުކާރުގެ ފަރާތުން މީޑިއާއަށް އަބަދުވެސް އެއްބާރުލުން ލިބޭނެކަމަށާއި މީޑިއާއަށް ފަހި މާހައުލެއް ތަނަވަސްކުރުމަށް މިހާރުވެސް ގިނަ މަސައްކަތްތަކެއް ކުރައްވާ، ގިނަ ކަންތައްތަކެއް ފަހިކޮށްދެއްވަމުން ގެންދަވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި މީޑިއާ ރެގިއުލޭޓްކުރުމުގައި ސަރުކާރުގެ ކޮންޓްރޯލް ބާއްވަން ބޭނުންފުޅުނުވާ ކަމަށާއި، މެންބަރުން އައްޔަނު ކުރުމުގައިވެސް ސަރުކާރުގެ އެއްވެސް ދައުރެއް ބާއްވަން ބޭނުންފުޅު ނުވާކަމަށް ވިދާޅުވިއެވެ.އަދި މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިފައިވާ ބިލުގެ ވަކި ވަކި މާއްދާތަކުގައި ހުރި ކަންބޮޑުވުންތަކަށް ސަރުކާރުގެ ފަރާތުން އިސްލާހު ހުށަހަޅުއްވާނެކަމަށްވެސް ވިދާޅުވިއެވެ.
މަޖިލީހަށް މި ބިލު ހުށަހަޅައި، އޭގެ ބަހުސް ފެށީ މަޖިލީހުގެ ދެވަނަ ދައުރު ދަންމާލުމަށް ފަހު ބޭއްވި ޖަލްސާގައެވެ. ނަމަވެސް އެ ޖަލްސާއާ ދިމާކޮށް ނޫސްވެރިން އިހުތިޖާޖުކުރުމުން ޖަލްސާ ކުރުކޮށްލައި ނިންމާލިއެވެ. އެއަށްފަހު އިއްޔެ މަޖިލީހުގައި ދައުރުން ބޭރުން ޖަލްސާއެއް ބާއްވައި މީޑިއާ ރެގިއުލޭޓް ކުރުމުގެ ނަމުގައި ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލް ހަންނާނު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ބިލުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ވަނީ ވޯޓަށް އަހާފައެވެ.
ޗުއްޓީގައި އޮއްވަ ދައުރުން ބޭރުން އިއްޔެ ބޭއްވި ޖަލްސާގައި ޕީއެންސީގެ 49 މެމްބަރުންގެ ވޯޓުން އެ ބިލު ވަނީ ބަލައިގަންނަން ފާށްކޮށް ވަނީ ކޮމިޓީއަށް ހުށަހަޅާފައެވެ. މި ބިލާ ގުޅޭ ގޮތުން މިއަދު ކޮމިޓީގައި ބޭއްވި ބައްދަލުވުމުގައި ވަނީ އެ ބިލާ މެދު އާންމުންގެ ހިޔާލު ހޯދުމަށް ހުޅުވާލައި އަދި ކަމާ ގުޅޭ މުއައްސަސާތަކާއެކު މަޝްވަރާ ކުރަން ފެންނަ ކަމަށް ނިންމާފައެވެ.
ނޫސްވެރިކަމުގެ މިނިވަންކަމަށް ނުރައްކާތެރި މާއްދާތަކެއް ހިމަނާފައިވާ އެ ބިލު ބަލައިނުގަންނަ ކަން މޯލްޑިވްސް މީޑިއާ ކައުންސިލާއި މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަނުން ހާމަކޮށްފައިވާއިރު، އެ ބިލާ ދެކޮޅަށް "ހަތަރެއްގެ ހައްގުގައި"ގެ ނަމުގައި ހިންގާ ހަރަކާތްތަކުގެ ތެރެއިން ބިލު އަނބުރާ ގެންދިޔުމަށް މެންބަރުންނަށް ގޮވާލައި ނޫސްވެރިން އަންނަނީ ޕެޓިޝަނެއްގައި ސޮއިކުރަމުންނެވެ. މިހާތަނަށް އައި އިރު ގިނަ އަދަދެއްގެ ނޫސްވެރިން އެ ޕެޓިޝަންގައި ވަނީ ސޮއި ކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ