ހ. މިޓާޒުގޭ ގުދަނުގެ ފުރާޅުމައްޗަށް މިދިޔަ 18 އޭޕްރީލްގައި ވެއްޓިފައި އޮއްވާ ފެނުނު ހައްވާ ޔުމްނު ރަޝީދަށް އިންސާފު ހޯދުމަށް ގޮވާލާ މާލޭގައި ކުރިއަށް ގެންދިޔަ ޒުވާނުންގެ މުޒާހަރާތަކުގައި އުޅުނު އަބްދުﷲ މަހުޒޫމް މާޖިދު އާއި އައިޝަތު ޝިމަންގެ މައްޗަށް ދައުވާކުރުމަކީ ތާކުންތާކު ނުޖެހޭ ކަމެއް ކަމަށް ވިދާޅުވެ، އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް އެކަން ކުށްވެރި ކުރައްވައިފި އެވެ.
ވީ ކިހިނެއް؟ - އެ ހާދިސާގެ ތަހުގީގުގައި ފުލުހުން އަމަލުކުރި ގޮތާ މެދު ހިތްހަމަނުޖެހިގެން ކުރި ސިލްސިލާ މުޒާހަރާގެ ތެރެއިން ޝިމަން އާއި މަހްޒޫމް ހައްޔަރުކޮށް ތިން ދުވަހަށް ބަންދު ކުރި އެވެ. އެ ދެ މީހުން ދޫކޮށްލި ނަމަވެސް ދެ މީހުންގެ މައްޗަށް ދައުވާކުރުމަށް ނިންމައި ކްރިމިނަލް ކޯޓަށް ވަނީ މައްސަލަ ހުށަހަޅައިފަ އެވެ.
ތަފްސީލް - އެކަން ކުށްވެރިކުރައްވައި، ފައްޔާޒު ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި އެއްވެ އުޅުމުގެ ހައްގު ބޭނުންކުރި ކަމަށްޓަކައި ދެ ޒުވާނަކު ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއަށް "އެއްލައިލުމަކީ" ތާކުންތާކު ނުޖެހޭ ކަަމެއް ކަމަށެވެ.
ފައްޔާޒު ސިފަކުރެއްވި ގޮތުގައި މިއީ ޒުވާނުންގެ މެދުގައި މި ސަރުކާރާ މެދު އޮތް ނުރުހުމުގެ އަޑު ކަނޑުވާލަން ކުރާ މަސައްކަތެކެވެ.
އެނގުން މުހިއްމު - ޕީޖީން ބުނި ގޮތުގައި މަހްޒޫމްގެ މައްޗަށް ދައުވާކޮށްފައިވަނީ:
ގާނޫނުލްއުގޫބާތުގެ 120 ވަނަ މާއްދާގެ (ށ)ގެ 3 ވަނަ ނަންބަރުގެ ދަށުން
އެ މާއްދާގައި އޮންނަނީ އަނިޔާއެއް ކުރުމުގެ ދައުވާ؛ އަސާސީ އަދަބަކީ އެއް މަހާއި 6 ދުވަސް
ސަބަބެއް ކަމަށް ބުނީ މުޒާހަރާ ކުރަމުންދިޔަ ސަރަހައްދުގައި ތިބި ފުލުހުން އަޑުގަދަކުރާ ނެގި ވަގުތު، މަހްޒޫމް ފުލުހެއްގެ މޭ މަތީގައި ކަނާއަތުން އަޅައި ކޮއްޕާލާފައިވުން
ޝިމަންގެ މައްޗަށް ދައުވާކޮށްފައިވަނީ:
ގާނޫނުލްއުގޫބާތުގެ 532 ވަނަ މާއްދާގެ (ހ)އާ ހަވާލާދީ، އެ މާއްދާގެ (ނ)ގެ ދަށުން
ފުލުހުންގެ ދައުރަށް ހުރަސް އެޅުމުގެ ކުށުގެ ދައުވާ؛ އަސާސީ އަދަބަކީ ހަތަރު މަހާއި 24 ދުވަސް
ސަބަބަކަށް ބުނީ ފުލުހުން އަޑުގަދަކުރާ ނެގި ވަގުތު، ފުލުހުންގެ ސަފު ރޫޅާލުމަށް ފަހު ފުލުހުންގެ ތެރެއަށް ގަދަކަމުން ވަދެ ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްތުގައި ހުރަސްއަޅާފައިވުން
މަހުޒޫމާއި ޝިމަނަށް ދައުވާކުރުމަކީ ތާކުންތާކު ނުޖެހޭ ކަމެއް: ފައްޔާޒު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ