ބަންގްލަދޭޝް ޖެޓް ވެއްޓުން: ޕައިލެޓް ހިމެނޭހެން މިހާތަނަށް 25 މަރު
ބަންގްލަދޭޝްގެ ވައިގެ ސިފައިން ތަމްރީނު ދޭން ބޭނުންކުރާ މަތިންދާބޯޓެއް ވެރިރަށް ޑާކާގެ ކޮލެޖަކާއި ސްކޫލެއް ހިންގާ ކެމްޕަހަކަށް ވެއްޓުނު ހާދިސާގައި މިހާތަނަށް 25 މީހުން މަރުވެއްޖެއެވެ. އެސޯސިއޭޓް ޕްރެސް (އޭޕީ) ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި މަރުވި މީހުންގެ ތެރޭގައި ބޯޓު ދުއްވަން އިން ޕައިލެޓްވެސް ހިމެނެއެވެ. މަރުވި މީހުންގެ ތެރޭގައި ގިނައީ ކިޔަވާ ކުދިންނެވެ. ބޯޓު ވެއްޓި އަލިފާން ރޯވުމުގެ ސަބަބުން، 171 މީހަކު ވަނީ ޒަޚަމްވެފައެވެ. އެމީހުން ސަލާމަތްކޮށްފައިވަނީ އެ ސްކޫލްގެ ދުން އަރަމުން ދިޔަ ދެބުރީގެ އިމާރާތުން ކަމަށް އޮފިޝަލުން ބުނެފައިވާއިރު، ގިނަ ބަޔަކު ފިހިފައިވާ ކަމަށާއި، އެމީހުން ހޮސްޕިޓަލަށް ގެންގޮސްފައި ވަނީ ހެލިކޮޕްޓަރުތަކާއި އެމްބިއުލާންސްތަކާއި މޮޓޯރައިޒްޑް ރިކްޝާތަކުގައެވެ. ޒަޚަމްވި ގިނަ މީހުންގެ ހާލު ސީރިއަށް ކަމަށްވެސް ޑޮކްޓަރުންނާ ހަވާލާދީ އޭޕީން ރިޕޯޓުކޮށްފައިވެއެވެ. ޗައިނާގައި އުފައްދާފައިވާ އެފް-7 ބީޖީއައި މަތިންދާބޯޓު ޑާކާގެ މައިލްސްޓޯން ސްކޫލް އެންޑް ކޮލެޖު ކެމްޕަހަށް ވެއްޓުނީ ބަންގްލަދޭޝް ގަޑިން އިއްޔެ މެންދުރު 13:00 ހާއިރުއެވެ. އެ ވަގުތު ބައެއް ދަރިވަރުން ދިޔައީ ސްކޫލްގައި ޓެސްޓެއް ހަދަމުން ކަމަށްވެސް މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ. މަންޒަރު ދުށް މީހުން ބުނީ ބޯޓު ވެއްޓުމާ އެކު ވަރަށް ބާރު އަޑުފައްގަނޑެއް އިވިގެން ދިޔަ ކަމަށާއި ބިންހެލުމެއް ފަދަ އިހްސާސެއް ކުރެވުނު ކަމަށެވެ. މަރުވި އެތައް ކުދިންނެއްގެ ހަށިތައް ސިފަ ނޭނގޭ ވަރަށް އަނދާފައި ވާތީ ބެލެނިވެރިން އެ މީހުންގެ ކުދިން ވަކިކުރަން ޖެހުނީ އަތުގައި އަޅާފައިވާ ތަކެއްޗަށް ބަލައިގެންނެވެ. ޖެޓް ވެއްޓުމުގެ ހާދިސާގައި ގެއްލުނު ދަރިވަރެއްގެ ބައްޕަ. ފޮޓޯ/އޭޕީ ޑާކާގެ އުއްތަރު އަވަށުގައި މައިލްސްޓޯން ސްކޫލް ހިންގަނީ, އޭ.ކޭ ޚަންދަކެރު ވައިގެ ސިފައިންގެ މަރުކަޒާ ގާތްގަނޑަކަށް 11 ކިލޯމީޓަރު ދުރުގައެވެ. މި ސްކޫލް ހުންނަނީ މެޓްރޯ ސްޓޭޝަނަކާއި ގިނަ އަދަދެއްގެ ފިހާރަތަކާއި މީހުން ދިރިއުޅޭ އިމާރާތްތައް ހުންނަ އާބާދީ ބޮޑު ސަރަހައްދެއްގައެވެ. ވެއްޓުނު ފްލައިޓްގެ ކެޕްޓަން ލެފްޓިނެންޓް މުހައްމަދު ތޫކިރު އިސްލާމް ވަނީ ބޯޓު ޑައިވާޓް ކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކޮށްފައި ކަމަށް އަސްކަރިއްޔާއިން ބުނެއެވެ. އެ ހާދިސާއާ ގުޅިގެން މިއަދަކީ ބަންގްލަދޭޝްގައި ގައުމީ ހިތާމައިގެ ދުވަހެއް ކަމުގައި ވަނީ އިއުލާނުކޮށްފައެވެ. ބަންގްލަދޭޝްގެ ވަގުތީ ސަރުކާރުގެ އިސްވެރިޔާ މުހައްމަދު ޔޫނުސް ވިދާޅުވީ އެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބު ތަހުގީގުކޮށް އަޅަންޖެހޭ ފިޔަވަޅުތައް އަޅުއްވާނެ ކަމަށެވެ. މިއީ މި ފަހުން ބަންގްލަދޭޝްގައި ހިނގި ވައިގެ ދަތުރުފަތުރުގެ އެންމެ ހިތާމަވެރި ހާދިސާއެވެ. ޑާކާގައި 2008 ވަނަ އަހަރުވެސް ވަނީ ތަމްރީނު ތަކުގައި ބޭނުންކުރާ އެފް-7 މަތިންދާބޯޓެއް ވެއްޓި ޕައިލެޓެއް މަރުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ