ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް އަންނާނެކަން ރައްޔިތުން މިހާރު ގަބޫލުކުރާނެ: އިހުސާން
ދިވެހިރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރަން މި ސަރުކާރުން ފެށި މަސައްކަތަށް ދެ އަހަރުވާންދާއިރު، މި ފަސް އަހަރު ތެރޭ އެ ކަމަށް ދާއިމީ ހައްލެއް އަންނާނެކަން މިހާރު ރައްޔިތުން ގަބޫލުކުރާނެ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ރޭ ވިދާޅުވެއްޖެއެވެ. ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން އިހުސާން ވިދާޅުވީ، ގަވައިދާ ޚިލާފަށް ރާއްޖޭގައި ބިދޭސީން އުޅެމުންދަނީ 1990ގެ ފަހުކޮޅުން ފެށިގެން ކަމަށެވެ. އެހާ ގިނަ ދުވަސްވީ ބޮޑު މައްސަލައެއްގެ ހައްލު ހޯދުމުގެ ބުރަ މަސައްކަތް އެ މިނިސްޓްރީގެ ފޮރިން ލޭބާ ޑިޕާޓްމަންޓާއި، މޯލްޑިވްސް އިމިގްރޭޝަން އަދި ފުލުހުންނާ އެކުގައި ކުރާއިރު އެންމެ ބޮޑަށް ކުރާ މަސައްކަތަކީ މި މައްސަލަ ހައްލުކޮށްދެވޭކަން ރައްޔިތުންނަށް އިހުސާސްކޮށްދިނުން ކަމަށް އޭނާ ވިދާޅުވިއެވެ. އެ ގޮތުން، މިހާރު މި ފަސް އަހަރު ތެރޭ މި މައްސަލައަށް ދާއިމީ ހައްލެއް އަންނާނެކަން ރައްޔިތުން ގަބޫލުކުރާނެ ކަމަށް އިހުސާން ވިދާޅުވިއެވެ. އޭނާ ވިދާޅުވި ގޮތުގައި ރެގިއުލަރައިޒްނުވާ ބިދޭސީން ހިފާ ހައްޔަރުކޮށް ރާއްޖެއިން ބޭރުކުރުމުގެ އޮޕަރޭޝަން އަންނަ އޭޕްރިލް މަހަށް ފަހު ފަށާނެއެވެ. އޭގެ ކުރިން ޖަނަވަރީ މަހުން ފެށިގެން މާރިޗު މަހުގެ ނިޔަލަށް އަމިއްލަ މަސައްކަތެކޭ ކިޔައިގެން ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީންނަށް އެފަދަ ވިޔަފާރިތައް ހުއްޓާލައި، ރާއްޖޭގައި ގަވައިދާ ޚިލާފަށް އެޅޭ އުޅުން ދޫކޮށްލަން ފުރުސަތެއް ދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. އޭގެ އިތުރަށް ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް މިހާރު ޚާއްސަ އެޕްލިކޭޝަނެއް ވެސް ހަދާފައިވާ ކަމަށް އިހުސާން ވިދާޅުވިއެވެ. އެޕްލިކޭޝަނެއް ޑިޒައިންކޮށް އޭގެ ޒަރީއާއިން މިހާރު ބިދޭސީއެއްގެ ފޮޓޯ ނެގުމަށް ފަހު، އެ މީހާ އައިސް ހުރި ގޮތާއި ނަމާއި ހުރިހާ ތަފުސީލެއް ސިސްޓަމްގެ ތެރެއިން ބެލޭނެ ނިޒާމެއް ހަދައިފިން. މި ނިޒާމަށް މި ދަނީ އެކްސެސް ދެމުން މިހާރު ފުލުހުންނަށާއި އަދި ވަރަށް އަވަހަށް ކައުންސިލްތަކަށް ވެސް ހުށަހަޅާނަން. އެ ހިސާބުން ރަށްރަށުގައި ތިބެގެން ކައުންސިލްތަކާއި ފުލުހުން ވެސް އެންފޯސްކުރަން ފަށާނެ، ހޯމް މިނިސްޓަރު އަލީ އިހުސާން އިހުސާން ވިދާޅުވީ، އޭގެ މާނައަކީ ދަފުތަރުގައި ނުޖެހި އުޅޭ ބިދޭސީއެއް ވާނަމަ ވަރަށް ފަސޭހައިން އެ އެޕްލިކޭޝަން މެދުވެރިކޮށް ހޯދޭނެ ކަމަށެވެ. އޭރު މަސައްކަތު ސައިޓްތަކަށް ގޮސް، އިންސްޕެކްޓް ވެސް ކުރާނެ ކަމަށާއި، އެ ތަންތަނުގައި ތިބި ބިދޭސީންނަކީ ގަވައިދާ އެއްގޮތަށް ތިބި ބައެއްތޯ ވެސް ކަށަވަރުކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އިހުސާން ވިދާޅުވި ގޮތުގައި ނުގަވާއިދަށް ކުރާ ވިޔަފާރިތަކުގައި ބިދޭސީ މީހުން އިސްކޮށް ތިއްބަސް ވިޔަފާރި ރަސްމީކޮށް ރެޖިސްޓާވެފައި އޮންނަނީ ކޮންމެ ވެސް ދިވެއްސެއްގެ ނަން މަތީގައެވެ. އޭގެ ސަބަބުން ގާނޫނީ ގޮތުން ފިޔަވަޅު އަޅަން އުނދަގޫވާ ކަމަށް އޭނާ ވިދާޅުވިއެވެ. https://sun.mv/215518 މީގެ އިތުރުން މިނިސްޓަރު ވިދާޅުވި ގޮތުގައި ސަރުކާރަށް ދެ އަހަރުވިއިރު ކުރެވުނު އެންމެ ބޮޑު މަސައްކަތަކީ ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތްތައް ފުރިހަމަކޮށް، އެ ޚިދުމަތްތައް އިތުރުކޮށް، އެ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމެވެ. އަޅުގަނޑުމެންނާ ހަވާލުވީއިރު ވެސް ރާއްޖޭގައި ވަރަށް ބައިވަރު ގާނޫނާއި ގަވާއިދުތައް ހެދިފައި އެބަހުރި. އެހެންނަމަވެސް އެ ގާނޫނުތައް ތަންފީޒުނުކުރެވުމުގެ ސަބަބުން ނުވަތަ ތަންފީޒުކުރެވިގެން ނުދާކަމަށް ރައްޔިތުންނަށް ގަބޫލުކުރެވޭތީ ތަންފީޒީ އިދާރާތަކަށް އަބަދުވެސް މި އޮންނަނީ އިނގިލި ދިއްކުރަން ޖެހިފައި، ހޯމް މިނިސްޓަރު އަލީ އިހުސާން އޭނާ ވިދާޅުވި ގޮތުގައި މި ސަރުކާރު އައުމަށް ފަހު އެންމެ ބޮޑަށް ކުރެވުނު ކަމަކީ ދިވެހިރާއްޖޭގެ ގާނޫނު ނެގެއްޓުމެވެ. ގަވައިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލަ އިތުރުވެފައިވާއިރު ކުށުގެ ވެށީގައި ހަަރާކާތްތެރިވާ ބިދޭސީންގެ މައްސަލަ ވެސް ވަކި މަދެއް ނޫނެވެ. މި ސަރުކާރުން ވަނީ، ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ، ދައުރުގެ ފުރަތަމަ ތިން އަހަރުގެ ތެރޭގައި ހައްލުކުރާނެ ކަމަށް ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ