އެންތްރޯޕިކާ ވާދަކޮށް، އޯޕަންއޭއައި އިން އާ "އޭޖެންޓިކް" ކޯޑިން މޮޑެލްއެއް ނެރެފި
އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އުފައްދާ ދުނިޔޭގެ އެންމެ ބޮޑު ދެ ކުންފުނި ކަމަށްވާ އޯޕަންއޭއައި އާއި އެންތްރޯޕިކްގެ ވާދަވެރިކަން ބޮޑުވެ، އެއް ވަގުތެއްގައި ދެ ކުންފުނިން އާ ކޯޑިން މޮޑެލްތަކެއް ތައާރަފުކޮށްފިއެވެ. ހޯމަ ދުވަހު އޯޕަންއޭއައި އިން ވަނީ ސޮފްޓްވެއާ ޑިވެލޮޕަރުންނަށް ޚާއްސަކޮށް "ކޯޑެކްސް" ނަމަކަށް ކިޔާ އޭޖެންޓިކް ކޯޑިން ޓޫލްއެއް ތައާރަފުކޮށްފައެވެ. މީގެ އިތުރުން، މި ޓޫލްގެ ބާރު ގަދަކުރުމަށްޓަކައި "ޖީޕީޓީ-5.3 ކޯޑެކްސް" ގެ ނަމުގައި އާ މޮޑެލްއެއް ވެސް އެ ކުންފުނިން ވަނީ ނެރެފައެވެ. https://sun.mv/216970 އޯޕަންއޭއައި އިން ބުނާ ގޮތުގައި، މި އާ މޮޑެލްއާއެކު ކޯޑެކްސްގެ މަސައްކަތްތައް ހަމައެކަނި ކޯޑު ލިޔުމާއި ރިވިއުކުރުމަށްވުރެ ފުޅާވެގެންދާނެއެވެ. މިހާރު މިއީ ޑިވެލޮޕަރުން ކޮމްޕިއުޓަރުގައި ކުރާ ގާތްގަނޑަކަށް ހުރިހާ މަސައްކަތެއް ކުރެވޭ ފަދަ "އޭޖެންޓެއް" ކަމަށް އެ ކުންފުނިން ސިފަކުރެއެވެ. މި މޮޑެލް ބޭނުންކޮށްގެން މަދު ދުވަސްކޮޅެއްގެ ތެރޭގައި ފެންވަރު ރަނގަޅު ގޭމްތަކާއި އެޕްލިކޭޝަންތައް މުޅިން އަލުން އުފެއްދޭނެ ކަމަށްވެސް އެ ކުންފުނިން ބުނެއެވެ. ޖީޕީޓީ-5.3 ކޯޑެކްސް އަކީ އޭގެ ކުރީގެ މޮޑެލް (ޖީޕީޓީ-5.2) އަށް ވުރެ %25 އަވަސް މޮޑެލްއެކެވެ. އަދި މިއީ އެ މޮޑެލް އަމިއްލައަށް އުފެއްދުމުގައި އެހީތެރިވެދިން ފުރަތަމަ މޮޑެލްކަން އޯޕަންއޭއައި އިން ފާހަގަކުރެއެވެ. އެގޮތުން، މި ޕްރޮގްރާމްގެ ކުރީގެ ވާޝަންތައް ބޭނުންކޮށްގެން އޭގެ "ބަގް" ތައް ރަނގަޅުކުރުމާއި ފެންވަރު ބެލުމުގެ މަސައްކަތް ކުންފުނީގެ މުވައްޒަފުން ކޮށްފައިވެއެވެ. މި އާ މޮޑެލް ނެރުމުގައި ފެނިގެންދިޔައީ އޯޕަންއޭއައި އާއި އެންތްރޯޕިކްގެ މެދުގައި އޮތް ވަރުގަދަ ވާދަވެރިކަމެވެ. މި ދެ ކުންފުނިން ވެސް އެމީހުންގެ އާ ކޯޑިން ޓޫލްތައް ނެރުމަށް ކުރިން ރާވާފައި އޮތީ ހޯމަ ދުވަހުގެ ހެނދުނު 10:00 (ޕީ.އެސް.ޓީ) ގައެވެ. ނަމަވެސް، އޯޕަންއޭއައި އަށް ވުރެ ކުރި ހޯދުމުގެ ގޮތުން އެންތްރޯޕިކް އިން ވަނީ ކަނޑައެޅި ވަގުތަށްވުރެ 15 މިނެޓު ކުރިން އެމީހުންގެ އުފެއްދުން ބާޒާރަށް ނެރެފައެވެ. މި އާ ކުރިއެރުންތަކާއެކު، ސޮފްޓްވެއާ އުފެއްދުމުގެ ދާއިރާއަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް މާހިރުން ލަފާކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ