އިއްޔެގެ ތިން ގަޑިއެއްހާއިރުގެ ރިޔާސީ ބަޔާނުގައި ރައީސް މުހައްމަދު މުއިއްޒު ދެއްކެވި ވާހަކަފުޅުތަކުގެ ތެރެއިން ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނީ ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ސަރުކާރު ކުންފުނިތައް މެދުވެރިކޮށް މަދުވެގެން 10 ރިސޯޓު ތަރައްގީކޮށް، އެ ރިސޯޓުތަކުން ލިބޭ ފައިދާ ހުރިހާ ދިވެހި ރައްޔިތުންގެ އެކައުންޓަށް ބޭރު ފައިސާއިން ޖަމާކޮށްދޭން ކެބިނެޓުން ފާސްކުރި ކަމަށް ވިދާޅުވި ވާހަކައަށެވެ.
ސަރުކާރުގެ ކުންފުނިތަކުން ހަދާ ރިސޯޓްތަކުން ދިވެހި ރައްޔިތުންގެ އެކައުންޓްތަކަށް ފައިސާ ޖަމާވާން ފަށާނީ، ރައީސް ވިދާޅުވި ގޮތުގައި، 2030 އިން ފެށިގެންނެވެ.
"ހިސާބު ހަދާލާއިރު އެވަރެޖުކޮށް ކޮންމެ ރައްޔިތެއްގެ އެކައުންޓަށް އަހަރަކު މަދުވެގެން 400 ޑޮލަރު ޖަމާވާނެ. މިސާލަކަށް ފަސް މެމްބަރުންގެ އާއިލާއެއް ނަމަ، އެ އާއިލާގެ ކޮންމެ މެމްބަރަކު މަދުވެގެން 10 ރިސޯޓުގެ ހިއްސާދާރަކަށް ވުމުގެ އިތުރުން އެ އާއިލާއަކަށް އަހަރަކު މަދުވެގެން 2،000 އެމެރިކާ ޑޮލަރު ލިބިގެންދާނެ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.
ދެން ފެށުނީ، އާންމު އެހެން ބޮޑެތި ވާހަކަތައް ފަދައިން، ސޯޝަލް މީޑިއާ ކެކިއަރައިގަތުމެވެ. ތަފާތު 'މީމްސްތަކާ'އި ކޮމެންޓުތަކެވެ. މަޖާ ޖޯކުތަކެވެ. ހަމައެއާ އެކު ވިސްނާލުން މުހިއްމު ސީރިއަސް ވާހަކަތައް ވެސް ހިމެނެ އެވެ.
އާންމުންގެ އިތުރުން ސިޔާސީ އިސް ބޭފުޅުން ވެސް ރައީސްގެ ވާހަކަފުޅަށް ސޯޝަލް މީޑިއާގައި ހިޔާލުފާޅުކުރެއްވި އެވެ.
ޖޯކްޖަހާ މީހުން މަޖާ މިސާލުތަކުގަ އެވެ. ބައެއް މީހުން ސިފަކުރީ 'ގިނިސް ވޯލްޑް ރެކޯޑެއް' ދިވެހިންނަށް ލިބިއްޖެ ކަމަށެވެ. އެއީ އެންމެ ގިނަ ރިސޯޓް އޯނަރުން ތިބި ގައުމުގެ ރެކޯޑެވެ.
އަނެއް ބަޔަކު ބުނީ އެމީހުންގެ ސީވީގައި އެއީ ރިސޯޓު އޯނަރެއް ކަމަށް 2030ގައި ލިއެވޭނެ ކަމަށެވެ.
ރިސޯޓު ހިއްސާއިން ލިބޭ ފައިދާ ޖަމާކުރަން ވަކިން ޑޮލަރު އެކައުންޓް ހުޅުވަން ވެސް ބައެއް މީހުން ތައްޔާރެވެ.
އަނެއް ބަޔަކު ބުނަނީ ރިސޯޓު ފައިދާ ޖަމާވާން ފެށުމުން އާލީ ރިޓަޔާމެންޓަށް ދާނެ ކަމަށެވެ.
ނަމަވެސް ރައީސް ޖެއްސެވި ހިސާބާ މެދު ބައެއް މީހުން ޝަކުވާ ވެސް ކުރި އެވެ.
"އެންމެ 400 ޑޮލަރުން ކިހިނެއް އުޅޭނީ؟" އެކަކު ލިއުނެވެ.
ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ފަތުރުވެރިކަމުގެ ދާއިރާގެ ވިޔަފާރިތައް ކުރެވޭ ގޮތަށް މަގުފަހިކުރަން ޓޫރިސްޓް ރިސޯޓެއް ނުވަތަ އިންޓަގްރޭޓެޑް ޓޫރިސްޓް ރިސޯޓެއް ތަރައްގީ ކުރުމަށް ރަށް، ބިން ނުވަތަ ފަޅު ދޫކުރެވޭ ގޮތަށް މިދިޔަ ޑިސެމްބަރުގައި ރައްޔިތުންގެ މަޖިލިހުން ވަނީ ގާނޫނެއް ހަދައިފަ އެވެ.
ރައީސް މުއިއްޒުގެ ރިސޯޓު ހިއްސާ ވައުދާ އެކު ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ އެއީ ކުރަން ރަނގަޅު ކަމެއް ނޫން ކަމަށް ވިދާޅުވެފަ އެވެ. ޓޫރިޒަމް ދާއިރާގެ ބޭފުޅުން ތިއްބަވާ ވަޓްސްއެޕް ގްރޫޕެއްގައި ނަޝީދު ވިދާޅުވީ ސަރުކާރުން ވިޔަފާރި ކުރަން އުޅެގެން ވާނީ ގެއްލުން ކަމަށެވެ.
"އެމްޓީޑީސީގެ ކަންތައް ނުނިމޭ،" ނަޝީދު ވިދާޅުވި އެވެ.
އެމްޓީޑީސީއަކީ ޓޫރިޒަމް ދާއިރާގައި އިންވެސްޓުކުރަން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި އުފެއްދި ރައްޔިތުންނާއި ސަރުކާރު ހިއްސާވާ ކުންފުންޏެވެ. އާންމުންނަށް ހިއްސާ ވިއްކައިގެން އުފެއްދި ކުންފުންޏަށް ދިމާވި މާލީ ދަތިތަކާ ހުރެ އެ ކުންފުނީގެ މަޝްރޫއުތައް ވެސް ވަނީ ހުއްޓިފަ އެވެ. ސަރުކާރުން ދިން ރަށްރަށް ވިއްކާލީ އެވެ.
ޓޫރިޒަމް ދާއިރާގައި ދިގު މުއްދަތެއް ހޭދަކުރެއްވި ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވީ 2030ގައި 10 ރިސޯޓުން ކޮންމެ ރައްޔިތަކަށް 400 ޑޮލަރު ދެވޭނެވަރުގެ ފައިދާާއެއް ނުލިބޭނެ ކަމަށެވެ.
ރާއްޖޭގެ އާބާދީ 2023ގައި 500،000 އިން މައްޗަށް ދާނެ އެވެ. އެއިން ކޮންމެ ބޮލަކަށް 400 ޑޮލަރު ބަހަން، އަހަރަކު ގާތްގަނޑަކަށް 200 މިލިއަން ޑޮލަރު ބޭނުންވާނެ އެވެ. އެކަމަކު ފައިސަލް ވިދާޅުވީ 10 ރިސޯޓުން އެވަރުގެ ފައިދާއެއް ނެރޭނެ ގޮތެއް ހިސާބުތަކުން ނުދައްކާ ކަމަށެވެ.
މިސާލުތައް ދައްކަވަމުން ވިދާޅުވީ:
މާލޭ ކައިރީގައި 150 ކޮޓަރީގެ ފަސް ތަރީގެ ރިސޯޓެއް ހަދަން މިހާރު ޑޮލަރުގެ އަގު ހުރި މިންވަރާއި ތަކެތީގެ އަގާއި އިމާރާތް ކުރުމުގެ ހަރަދުތަކަށް ބަލާއިރު ގާތްގަނޑަކަށް 80 މިލިއަން ޑޮލަރު ބޭނުންވާނެ
10 ރިސޯޓު ހަދަން 800 މިލިއަނެއްހާ ޑޮލަރު ހޭދަވާނެ
ސޯޝަލް ހައުސިންއަށް ވެސް މި އުޅެނީ ފައިސާ ނުހޯދިގެން
ސަރުކާރުން ފައިވް ސްޓާ ރިސޯޓް ހަދަން ފައިސާ ހޯދާނެ ގޮތެއް ނުވިސްނޭ
ފައިސަލްގެ ވާހަކަ ދެން އެނބުރުނީ ދުނިޔޭގެ އިގުތިސާދަށް އަންނަ ލޮޅުންތަކަށެވެ. އޭގެ އިތުރުން ޓޫރިޒަމް ދާއިރާގެ ވާދަވެރިކަން ބޮޑުވުމުން އެވްރެޖްކޮށް ދުވާލަކަށް 500 ޑޮލަރަށް ރޫމެއް ވިއްކޭނެތޯ އޭނާ ސުވާލު އުފެއްދެވި އެވެ.
"500 ޑޮލަރުގެ ރޭޓުން 65 އިންސައްތައިގެ އޮކިއުޕެންސީއެއްގައި ރޫމް ރެވެނިއު ގޮތުގައި އެންމެ ގިނަވެގެން މި ލިބެނީ 17 މިލިއަން ޑޮލަރާއި 20 މިލިއަން ޑޮލަރާ ދެމެދުގެ މިންވަރެއް،" ފައިސަލް ވިދާޅުވި އެވެ.
އެމަނިކުފާނު ވެސް ފާހަގަކުރެއްވީ ޓޫރިޒަމް ދާއިރާއަށް ސަރުކާރުން ވަދެ ކުރިމަތިވި ނާކާމިޔާބީ އެވެ. އޭގެ ބަދަލުގައި ޓޫރިޒަމްގެ ކާމިޔާބީއަކީ އަމިއްލަ ވިޔަފާރިވެރިން ކަަމަށް ވިދާޅުވި އެވެ.
"ދުނިޔޭގެ އެންމެ މަގުބޫލު މަންޒިލްގެ ގޮތުގައި ރާއްޖެ މިއަދާ ހަމައަށް ދެމިއޮތީ، މި ސިނާއަތުގައި އަމިއްލަ ފަރާތްތަކުން ކުރި ބުރަ މަސައްކަތުން. މިހާތަނަށް އައިއިރު، ސަރުކާރުން ފަތުރުވެރި ކަމުގެ ސިނާއަތަށް ވަދެގެން ކުރި ކޮންމެ މަސައްކަތަކުން އޮތީ އިންތިހާއަށް ގެއްލުން ލިބިފައި،" ފައިސަލް ވިދާޅުވި އެވެ.
ބައެއް އާންމުންގެ ނަޒަރުގައި މިހާރު ވެސް ސަރުކާރު ހިއްސާވާ ކުންފުނިތަކުން ނަގާފައިވާ އެތައް މިލިއަން ޑޮލަރުގެ ލޯނު އެބަ ހުއްޓެވެ. ސަރުކާރުގެ ބަޖެޓުން އެ ކުންފުނިތަކަށް ބޮޑު އެއްޗެއް ހޭދަކުރެ އެވެ. ބައެއް މީހުން ގޮވާލީ ދައުލަތުގެ ބަޖެޓުން ބޮޑު ހޭދައެއް ކޮށްގެން ވެސް ގެއްލުމުގައި ހިންގާ ކުންފުނިތައް ހަމަ މަގަށް އަޅުވާ، އިސްލާހުކުރުމަށެވެ.
ބޮޑެތި ބަލިތަކަށް ފަރުވާ ހޯދާ މީހުންނަށް ބޭނުންވާ ބޭސް ނުލިބުމުގެ ޝަކުވާތަކާއި ކުދިކުދި އާންމު ރޯގާތަކަށް ދޭ ބޭސް ވެސް ލިބުން ދަތިވެފައިވާކަން، މި ބަހުސް ތެރޭގައި، ބައެއް މީހުން ފާހަގަކުރި އެވެ. އެހެންވެ ބައެއް މީހުން އެދުނީ ރައްޔިތުންނަށް ބޭނުންވާ އަސާސީ ކަންތައް ފުރަތަމަ ފުރިހަމަކޮށްދިނުމަށެވެ.
ހުރިހާ ދިވެހިން 'ރިސޯޓް އޯނަރުންނަށް': ސޯޝަލް މީޑިއާގެ ބަހުސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ