ސްލޮވީނިއާއިން ފަނަރަ އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ މަނާކުރަނީ

ސްލޮވޭނިއާ އިން 15 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ ބޭނުންކުރުން މަނާކުރުމުގެ ޑްރާފްޓް ގާނޫނެއް ތައްޔާރު ކުރަމުން އަންނަ ކަމަށް ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބޮޑުވަޒީރުގެ ނައިބު މަޓޭޖް އާކޮން ވިދާޅުވެއްޖެއެވެ. އާކޮން ވިދާޅުވީ އެޑިއުކޭޝަން މިނިސްޓްރީން މި ފިޔަވަޅު އަޅަން ނިންމާފައި ވަނީ ދުނިޔޭގެ އެހެން ގައުމުތަކުގެ ތަޖުރިބާއަށް ބަލައިގެން ކަމަށެވެ. އެ ގާނޫނު އެކުލާލުމުގައި ތައުލީމާއި ޑިޖިޓަލް ޓެކްނޮލޮޖީގެ ތަޖުރިބާކާރުން ވެސް ބައިވެރިވާނެ ކަމަށް އާކޮން އިތުރަށް ވިދާޅުވިއެވެ. ސަރުކާރުން ބޭނުންވަނީ ކޮންޓެންޓް ހިއްސާކުރާ ސޯޝަލް ނެޓްވޯކްތައް ރެގިއުލޭޓް ކުރަން ކަމަށާއި، އޭގެތެރޭގައި ޓިކްޓޮކް، ސްނެޕްޗެޓް އަދި އިންސްޓަގްރާމް ހިމެނޭ ކަމަށް އާކޮން ވިދާޅުވިއެވެ. ގާތްގަނޑަކަށް ދެ މިލިއަން މީހުންގެ އާބާދީއެއް އޮންނަ ސްލޮވޭނިއާ އިން އެގޮތަށް ނިންމުމަށް މަސައްކަތްކުރަމުން އަންނައިރު، ސްޕެއިންއާއި ގްރީސުންވެސް އަންނަނީ ކުޑަކުދިންނަށް ސޯޝަލްމީޑިއާ މަނާކުރުމުގެ ގާނޫނެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންނެވެ. ސްޕެއިން އިން 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ މަނާކުރަން ބޭނުންވާއިރު، ގްރީސްއިން އަންނަނީ 15 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ ބޭނުންކުރުން މަނާކުރާ ގާނޫނެއްގެ މަސައްކަތް ކުރަމުންނެވެ. އިނގިރޭސިވިލާތާއި ފްރާންސް ފަދަ އެހެން ގައުމުތަކުން ވެސް ސޯޝަލް މީޑިއާ ބޭނުން ކުރުމުގައި ހަރުކަށި ފިޔަވަޅުތަކެއް އަޅަން ވިސްނަމުން އަންނައިރު، އޮސްޓްރޭލިއާ އަކީ 16 އަހަރުން ދަށުގެ ކުދިންނަށް މިފަދަ ޕްލެޓްފޯމްތަކަށް ވަނުން މަނާކުރި ފުރަތަމަ ގައުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ