މިއަދު ވައި ސާފުވިޔަސް، މެދު ރާއްޖެތެރެއާއި ދެކުނަށް އޮތީ ވިއްސާރަ

މިއަދު މެދުރާއްޖެތެރެއާއި ދެކުނަށް ވިއްސާރަ ކުރާނެ ކަމަށާއި ވިއްސާރަ ކުރުމުން ވައިސާފުވެފައިވާ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓު އޮފީސް)އިން މިއަދު ބުނެފިއެވެ. މި ދުވަސްވަރު ރާއްޖޭގެ އެކި ހިސާބުތަކަށް އަންނަނީ ނުރައްކާތެރި މިންވަރަކަށް ދުންފުހުގެ އަސަރު ކުރަމުންނެވެ. މިއަދު 'ސަން'އިން ސުވާލުކުރުމުން މެޓުން ބުނީ، އިއްޔެ ވާރޭ ވެހުމުން ދުންފުހުގެ އަސަރު ކުޑަވެ، މިއަދު ވައި ސާފުވެފައިވާ ކަމަށެވެ. މިގޮތުން، މިއަދު ދިހަ ކިލޯމީޓަރަށް ވެސް ދުރު ފެންނާނެ ކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ. އެކަމަކު، ވިއްސާރަ އަލިވުމުން ވައި ނުސާފުވުމުގެ ފުރުސަތު އެބައޮތް ކަމަށް މެޓުން ލަފާކުރިއެވެ. މާލެ ސަރަހައްދުގެ ވައި ނުސާފުވެފައި: ވިއްސާރަ އަލިވުމުގެ ވައި ނުސާފުވުމުގެ ފުރުސަތު އެބަ އޮތް ކަމަށް މެޓުން ބުނޭ -- ސަން ފޮޓޯ: ފާތިމަތު ޝައުނާ ވަރަށް ރީތިކޮށް މޫސުން އޮތުމަށް ފަހުގައި، ކުއްލިއަކަށް އިއްޔެ ވަނީ އެކި ހިސާބުތަކަށް ވިއްސާރަކޮށްފައެވެ. މެޓުން ލަފާކުރި ގޮތުގައި، ކުރިއަށް އޮތް ތިން ދުވަހު ވެސް މެދު ރާއްޖެތެރެއާއި ދެކުނަށް ވިއްސާރަ ކުރާނެއެވެ. އުތުރުގެ އަތޮޅުތަކަށް ކެރީގެ އަސަރުކޮށް، ގުގުރާނެ ކަމަށް އެ އިދާރާއިން ބުނެފައެވެ. އޭގެއިތުރަށް، މިއަދުގެ މޫސުމަށް ބަލާއިރު، މެދު ރާއްޖެތެރެއާއި ދެކުނަށް ވިއްސާރަ ކުރާނެ ކަމަށް މެޓުން ވަނީ ބުނެފައެވެ. އިރު އުތުރާއި އިރުން މެދު ރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކަށް މިއަދު ވައިޖެހޭނީ ގަޑިއަކު ތޭރަ މޭލާއި 23 މޭލާ ދެމެދުގައި ބާރުމިނުގައެވެ. އަދި، ދެކުނުގެ އަތޮޅުތަކަށް ވައި ޖެހޭނީ، ގަޑިއަކު ހަތް މޭލާ 17 މޭލު ބާރުމިނުގައި ކަމަށް މެޓުން ވަނީ ބުނެފައެވެ. މެޓުން ލަފާކުރި ގޮތުގައި، ވިލާގަނޑުގައި އެ އަތޮޅުތަކަށް ގާތްގަނޑަކަށް 35 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށެވެ. އެއާއެކު، މެދުރާއްޖެތެރެއާއި އުތުރުގެ ކަނޑުތައް މިއަދު ގަދަވާނެ ކަމަށާއި ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ