އިއްޔެ އިއުލާންކުރެއްވީ ބޯހިޔާވަހިކަމުގެ ތަފާތު ދެ މަޝްރޫއު: މުއްތޮލިބު

އިއްޔެގެ ރިޔާސީ ބަޔާނުގައި ރައީސް މުހައްމަދު މުއިއްޒު އިއުލާނުކުރެއްވި ބޯހިޔާވަހިކަމުގެ ދެ މަޝްރޫއަކީ އާއިލީ ބޯހިޔާވަހިކަން މަޝްރޫއާ މުޅިން ތަފާތު ދެ މަޝްރޫއު ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - މި އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވަން ބޭއްވި ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ އަނބިމީހާ ނުވަތަ ފިރިމީހާގެ ނަމުގައި ބޯހިޔާވަހިކަން އޮތް ނަމަވެސް، ބޯހިޔާވަހިކަމަށް ކުރިމަތިލެވޭ ގޮތަށް ހުޅުވާލަން ނިންމާފައިވާ ކަމަށެވެ. އަދި 2022 ވަނަ އަހަރު ހުޅުވާލި 'ބިންވެރިޔާ' ސްކީމުގެ ދަށުން ގޯތި ލިބުނު މީހުންގެ ތެރެއިން ޖޮއިންޓުކޮށް ގޯތި ލިބިފައިވާ ނަމަ، ޖޮއިންވެފައިވާ ހުރިހާ އެންމެން އެ ގޯތި އެއްކޮށް ދޫކޮށްލަން އެއްބަސްވާ ނަމަ، ޖޮއިންޓުކޮށް ގޯތި ލިބުނު ކޮންމެ މީހަކަށް ވަކި ގޯއްޗެއް ލިބޭ ގޮތަށް ވަކި ކެޓަގަރީއަކަށް ހުޅުވާލަން ވެސް ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
ތަފްސީލް - މި ދެ މަޝްރޫއާ ގުޅޭ ގޮތުން މުއްތޮލިބް ލިންކްޑްއިންގައި ލިޔުއްވި ޕޯސްޓެއްގައި ވިދާޅުވީ އިއްޔެ ރައީސް އިއުލާނުކުރެއްވި ދެ މަޝްރޫއަކީ އާއިލީ ބޯހިޔާވަހިކަން ޕްރޮގްރާމާ މުޅިން ތަފާތު، ބޯހިޔާވަހިކަމުގެ ދާއިރާގައި ހުރި ޒަމާންވީ ދަތިތަކަށް ހައްލު ހޯދައިދޭން ފަރުމާކޮށްފައިވާ ދެ މަޝްރޫއު ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ އަނބިމީހާ ނުވަތަ ފިރިމީހާގެ ނަމުގައި މިހާރު ވެސް ބޯހިޔާވަހިކަމެއް ނުވަތަ ބިމެއް އޮތް ނަމަވެސް އަނެއް ފަރާތަށް ހައުސިން ޔުނިޓެއް ނުވަތަ ފްލެޓެއްގެ ބަދަލުގައި ގޯއްޗަކަށް އެދި ހުށަހެޅުމުގެ ފުރުސަތު ދޭން ނިންމީ އެއްވެސް ބޯހިޔާވަހިކަމެއް ނެތް އާއިލާތަކަށް އިސްކަންދޭ އުސޫލަށް ބަދަލެއް ނުގެނެސް، އެހެން ފަރާތްތަކަށް ވެސް ދިގު މުއްދަތުގެ ރައްކާތެރިކަން ކަށަވަރުކޮށްދޭން ބިން މިލްކުކުރުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ކަމަށެވެ.
މީގެ އިތުރުން ޖޮއިންޓް އޯނާޝިޕް މެދުވެރިކޮށް ބިން ލިބުނު މީހުންގެ ތެރެއިން އެ ބިން ދޫކޮށްލުމަށް ހުރިހާ ފަރާތްތަކުން އެއްބަސްވާ ނަމަ، އެ ފަރާތްތަކަށް ވަކިވަކި ގޯއްޗަށް އެދުމުގެ ފުރުސަތު ހުޅުވާލަން ނިންމީ ބިމާ ގުޅޭ މައްސަލަތަކުގައި ދިމާވާ އާއިލީ މައްސަލަތަކަށް  ހައްލު ހޯދައިދޭން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
މުއްތޮޮލިބް ވިދާޅުވީ:
މިއީ މުޖުތަމައުގައި އާންމުކޮށް ދިމާވާ، ނަމަވެސް އެދެވޭ ހައްލެއް ނުލިބި އޮތް އިޖުތިމާއީ މައްސަލައަކަށް ލިބޭނެ ލުޔަކަށް ވާނެ
ބިމާ ގުޅޭ މައްސަލަތަކުގައި ގާނޫނީ އޮޅުންބޮޅުންތަކާއި، އިޖުތިމާއީ ނުތަނަވަސްކަން އުފެދޭ
މާލީ ތަނަވަސްކަމުގެ ތަފާތުތަކާއި އާއިލީ އޮނިގަނޑަށް އަންނަ ބަދަލުތަކުގެ އިތުރުން ތަރިކައިގެ މައްސަލަތަކާއި ކައިވެނީގެ މައްސަލަތަކާއި ގާތްތިމާގެ މީހުންގެ މެދުގައި އުފެދޭ ހިޔާލު ތަފާތުވުންތަކުގެ ސަބަބުން، އެކުގައި ލިބިފައި އޮންނަ ބިމުގައި އިމާރާތްކޮށް ބޭނުންކުރަން ހުރަސްތައް ދިމާވޭ
މުއްތޮލިބު ވިދާޅުވީ ވަކިވަކި ގޯތި ލިބޭނެ މަގު ފަހިކޮށްދިނުމަކީ މިފަދަ ހަމަނުޖެހުންތައް ކުޑަކޮށްދޭނެ ކަމެއް ކަމަށެވެ.
އާއިލީ ބޯހިޔާވަހިކަން ޕްރޮގްރާމާ ގުޅޭ ގޮތުން އޮތް އެއް ކަންބޮޑުވުމަކީ ކައިވެނި ރޫޅުމާއި، ބޯހިޔާވަހިކަމަށް ޝަރުތު ހަމަވުމާ ގުޅޭ ބަހުސްކަން ފާހަގަކުރައްވާ މިނިސްޓަރު ވަނީ ބޯހިޔާވަހިކަން ހޯދުމުގެ މަގްސަދުގައި ވަގުތީ ގޮތުން ދެމަފިރިން ވަކިވާކަމަށް ބުނެ ތުހުމަތުތައް ކުރާކަން ފާހަގަކުރައްވައިފަ އެވެ.
އާންމު ބޯހިޔާވަހިކަމުގެ ސިޔާސަތުތަކަކީ މީހުންގެ އަމިއްލަ ނިޔަތްތަކާ މެދު ކުރެވޭ ހީތަކުގެ މައްޗަށް ބިނާކޮށް އެކުލަވާލެވޭނެ އެއްޗެއް ނޫންކަން ފާހަގަކުރައްވާ ވިދާޅުވީ އާއިލީ ބޯހިޔާވަހިކަން ޕްރޮގްރާމް އަބަދުވެސް ބިނާވެފައި އޮންނާނީ ދައުލަތުގެ މަދު ވަސީލަތްތަކުގެ ބޭނުން ފުރަތަމަ ހިފަންވާނީ އެންމެ ބޮޑަށް އަދި އެންމެ އަވަހަށް ބޯހިޔާވަހިކަމަށް ބޭނުންވެފައިވާ އާއިލާތަކަށް އިސްކަންދިނުމަށް ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ:
އާއިލީ ބޯހިޔާވަހިކަން  ޕްރޮގްރާމުގައި އެންމެ ބޮޑު އިސްކަމެއް ދެނީ އަމިއްލަ އެއްވެސް ބިމެއް ނުވަތަ ގެދޮރެއް ނެތް އާއިލާތަކަށް
މިއީ އަނބިމީހާ ނުވަތަ ފިރިމީހާގެ ފަރާތުން ބޯހިޔާވަހިކަން ލިބިފައިވާ އާއިލާތަކާ މެދު ގޮތް ނިންމުމެއް ނޫން
އަދި ވަރިފަދަ ދިރިއުޅުމަށް އަންނަ ބޮޑެތި ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ނުތަނަވަސްކަމާއި ގޮންޖެހުންތަކަށް ފުރަގަސްދިނުމެއް ވެސް ނޫން 
މިއީ ވަސީލަތްތައް މަދުވުމުގެ ސަބަބުން، ހަމަހަމަކަމާއި އިންސާފުވެރިކަމާ އެކު ކަންކަން ނިންމުމަށް އިސްކަން ދިނުން
މުއްތޮލިބު ވިދާޅުވީ އިންސާފުވެރި ބޯހިޔާވަހިކަމުގެ ނިޒާމަކީ އިންސާނީ ކަރާމާތް ރައްކާތެރިކޮށްދިނުމާ އެކު ދިރިއުޅުމުގެ ހަގީގަތްތަކަށް އަންނަ ބަދަލުތަކާ އެއްގޮތަށް އެ ނިޒާމު މުރާޖާކޮށް އިތުރަށް ފުރިހަމަކުރުމުގެ ފުރުސަތު އަބަދުވެސް ހުޅުވާލެވިފައިވާ ނިޒާމެއް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ