ޑިއެގޯ ގާސިއާގައި ހުންނަ އެމެރިކާ އާއި އިނގިރޭސިވިލާތުގެ ގުޅިފައިވާ އަސްކަރީ މަރުކަޒަށް އެއްވެސް ހުރަހެއް ކުރިމަތިވެއްޖެ ނަމަ، އަސްކަރީ ގޮތުން އެތަނުގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ ފުރިހަމަ ބާރު އެމެރިކާއަށް އޮންނާނެ ކަމަށް އެ ގައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިއްޔެ ވިދާޅުވެއްޖެ އެވެ.
ޓްރަމްޕް މިހެން ވިދާޅުވީ އިނގިރޭސި ބޮޑުވަޒީރު ކިއަރު ސްޓާމާއާ އެކު ބޭއްވި މަޝްވަރާތަކަށް ފަހު އެވެ.
ޓްރަމްޕްގެ މި ވާހަކަތަކަކީ 2025 ވަނަ އަހަރު ޗާގޯސް ޖަޒީރާގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ދޫކޮށްލުމަށް އިނގިރޭސިވިލާތުން ވެފައިވާ އެއްބަސްވުމާ ގުޅޭ ގޮތުން ދެއްކެވި ވާހަކަތަކެކެވެ.
އެ އެއްބަސްވުމުގެ ދަށުން ޑިއެގޯ ގާސިއާގައި ހުންނަ އަސްކަރީ މަރުކަޒު 99 އަހަރަށް ކުއްޔަށް ނެގުމުގެ އެއްބަސްވުމެއްގެ ދަށުން އިނގިރޭސިވިލާތުގެ ބެލުމުގެ ދަށުގައި އޮންނާނެތީ، އެމެރިކާގެ އަސްކަރީ ހަރަކާތްތައް އެތަނުގައި ކުރިއަށް ގެންދެވޭނެ އެވެ.
ޓްރަމްޕް މި އެއްބަސްވުމަކީ "ވަރަށް ބޮޑު މޮޔަކަމެއް"ގެ ގޮތުގައި ކުރިން ސިފަކުރައްވައި ފާޑުވިދާޅުވި ނަމަވެސް، މިހާރު އޭނާ ވިދާޅުވަނީ މިއީ ބޮޑުވަޒީރު ސްޓާމާއަށް ނިންމެވުނު އެންމެ ރަނގަޅު ނިންމުން ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
"ނަމަވެސް، މުސްތަގުބަލުގެ އެއްވެސް ވަގުތެއްގައި މި އެއްބަސްވުމަށް ބުރޫއަރައި ނުވަތަ އެމެރިކާގެ އަސްކަރީ މަރުކަޒަށް ނުވަތަ އެތަނުގައި ތިބި ސިފައިންނަށް އެއްވެސް ފަރާތަކުން ނުރައްކަލެއް ކުރިމަތިކުރުވައިފި ނަމަ، އެމެރިކާގެ ބާރުގެ ދަށަށް އެތަން ގެނެސް، އަސްކަރީ ގޮތުން އެތަން ވަރުގަދަކުރުމުގެ ހައްގު އަހަރެން ދަމަހައްޓާނަން،" ޓްރަމްޕް ވިދާޅުވި އެވެ.
ބޮޑުވަޒީރުގެ ރަސްމީ އިދާރާ، ޑައުނިން ސްޓްރީޓްގެ ތަރުޖަމާނަކު ވިދާޅުވީ، ޑިއެގޯ ގާސިއާގެ މަރުކަޒަކީ ދެ ގައުމުގެ ސަލާމަތީ މަސްލަހަތުތަކާ ގުޅިފައިވާ މުހިންމު ތަނެއް ކަމަށާއި އެތަނުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް މި އެއްބަސްވުން މުހިންމު ކަމަށް ޓްރަމްޕާއި ސްޓާމާ އެއްބަސްވެވަޑައިގަންނަވާ ކަމަށެވެ. އަދި މި އެއްބަސްވުން ތަންފީޒުކުރުމުގައި ދެ ގައުމުގެ ސަރުކާރުން ގާތުން މަސައްކަތްކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އިނގިރޭސި ސަރުކާރުން ބުނި ގޮތުގައި، މި އެއްބަސްވުމަކީ ގައުމީ ސަލާމަތަށްޓަކައި ނިންމި މުހިންމު ނިންމުމެކެވެ. މިއީ އެ ޖަޒީރާތަކުގެ މިލްކުވެރިކަމާ ބެހޭ ގޮތުން ބައިނަލްއަގުވާމީ ކޯޓުތަކުން ނިންމާފައިވާ ނިންމުންތަކާ ގުޅިގެން ނިންމި ނިންމުމެއް ވެސްމެ އެވެ.
ގާތްގަނޑަކަށް 4,000 ސިފައިން ތިބޭ މި މަރުކަޒަކީ މެދުއިރުމައްޗާއި އަފްގާނިސްތާނުގައި އެމެރިކާއިން ހިންގާ އަސްކަރީ ހަރަކާތްތަކުގައި މުހިންމު ދައުރެއް އަދާކުރާ ތަނެކެވެ.
މި އެއްބަސްވުމުގެ ދަށުން، ކުލީގެ މުއްދަތުގައި އިނގިރޭސިވިލާތުން މޮރިޝަސްއަށް 3 ބިލިއަން ޕައުންޑް (4 ބިލިއަން ޑޮލަރު) ދޭންޖެހޭނެ އެވެ. އަދި 99 އަހަރު ހަމަވުމުން އިތުރު 50 އަހަރަށް މުއްދަތު އިތުރުކުރުމުގެ ފުރުސަތު އޮންނާނެ އެވެ.
އިނގިރޭސިވިލާތުގެ އިދިކޮޅު ކޮންޒަވޭޓިވް ޕާޓީން މި އެއްބަސްވުމަށް ފާޑުކިޔަމުންދާއިރު، މޮރިޝަސްއިން ބުނަނީ އެ ޖަޒީރާތަކުގެ ސިޔާދަތީ ބާރު އެ ގައުމަށް ލިބިފައިވަނީ ބައިނަލްއަގުވާމީ ގާނޫނުތަކުގެ ދަށުން ކަމަށާއި އެއީ އިތުރަށް ބަހުސް ކުރަންޖެހޭ ކަމެއް ނޫން ކަމަށެވެ.
ޗާގޯސް މަރުކަޒުގެ އަސްކަރީ ރައްކާތެރިކަން ކަށަވަރުކުރުމުގެ ބާރު އެމެރިކާއަށް އޮންނާނެ: ޓްރަމްޕް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ