ނޯވޭގެ ކުރީގެ ބޮޑުވަޒީރާއި އެޕްސްޓީންގެ ގުޅުން ހާމަވުމުން ތަހުގީގެއް ފަށައިފި

ނޯވޭގެ ކުރީގެ ބޮޑުވަޒީރު ތޯބްޖޯން ޖަގްލޭންޑާއި އެމެރިކާގެ މަހުޖަނު އަދި ޖިންސީ ކުށްވެރިޔާ ޖެފްރީ އެޕްސްޓީންއާ އޮތް ގުޅުންތަކާ ގުޅިގެން، ނޯވޭގެ ކަމާބެހޭ އިދާރާތަކުން ކޮރަޕްޝަނުގެ ތަހުގީގެއް ފަށައިފި އެވެ.
ނޯވޭގެ މާލީ ކުށްތަކާ ބެހޭ ހާއްސަ ޔުނިޓް، އޮކޯކްރިމް އިން އިއްޔެ ބުނި ގޮތުގައި، އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން އަލަށް އާންމުކުރި ލިޔެކިޔުންތަކުން މި ދެ މީހުންގެ ދެމެދުގައި ގިނަ އަހަރުތަކެއް ވަންދެން މުއާމަލާތްކޮށްފައިވާކަން އެނގެން އެބައޮތެވެ. މީގެ ތެރޭގައި ޖަގްލޭންޑް އެޕްސްޓީންގެ ގޭގައި މަޑުކުރި ކަމަށް ދޭހަވާ އީމެއިލްތަކެއް ވެސް ހިމެނެ އެވެ.
އެހެންކަމުން، ބޮޑެތި ކޮރަޕްޝަނުގެ އަމަލުތަކެއް ހިންގާފައިވޭތޯ ބެލުމަށް އެކަށީގެންވާ ސަބަބުތަކެއް ހުރި ކަމަށް އެ ޔުނިޓުން ދެކެ އެވެ.
އޮކޯކްރިމްގެ ޑިރެކްޓަރު ޕާލް ލޮސެތު ވިދާޅުވީ، ޖަގްލޭންޑްގެ މަގާމުގެ ހައިސިއްޔަތުން އެއްވެސް ހަދިޔާއެއް، ދަތުރެއް ނުވަތަ ލޯނެއް ލިބިފައިވޭތޯ ތަހުގީގު ކުރާނެ ކަމަށެވެ.
ޖަގްލޭންޑަކީ މީގެ ކުރިން ކައުންސިލް އޮފް ޔޫރަޕްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމު އަދާކުރައްވާފައިވާ ބޭފުޅަކަށް ވާތީ، އޭނާއަށް ލިބިވަޑައިގެންފައިވާ ޑިޕްލޮމެޓިކް އިމްތިޔާޒުތައް އުވާލަދިނުމަށް އޮކޯކްރިމް އިން ވަނީ އެދިފަ އެވެ.
ނޯވޭގެ ފޮރިން މިނިސްޓަރު އެސްޕެން ބާތު އީޑޭ ވިދާޅުވީ، ހަގީގަތް ހާމަވާންޖެހޭ ކަމަށާއި ތަހުގީގަށް ހުރަސްއެޅޭ ގޮތަށް ޖަގްލޭންޑްގެ އިމްތިޔާޒުތައް ދެމިނޯންނާނެ ކަމަށެވެ.
މިކަމާ ގުޅިގެން ޖަގްލޭންޑްގެ ވަކީލު ވިދާޅުވީ، ތަހުގީގަށް މަރުހަބާ ކިޔާ ކަމަށާއި އޭގެ ނަތީޖާއާ މެދު ޖަގްލޭންޑް ހުންނެވީ ވަރަށް ހިތްހަމަޖެހިގެން ކަމަށެވެ.
ނޯބެލް ކޮމިޓީގެ ރިޔާސަތު ވެސް ކުރިން ބެލެހެއްޓެވި ޖަގްލޭންޑް މިކަމާ ގުޅޭ ގޮތުން އަދި އާންމުކޮށް އެއްޗެއް ވިދާޅެއް ނުވެ އެވެ.
ނޯވޭގެ އިސް ބޭފުޅުންނާއި އެޕްސްޓީންއާ ދެމެދު އޮތް ގުޅުންތަކުގެ މައްސަލަ ހޫނުވެފައި މިވަނީ، 2019 ވަނަ އަހަރު ޖިންސީ ވަގުފާރީގެ ތުހުމަތުގައި ޝަރީއަތުގެ އިންތިޒާރުގައި ވަނިކޮށް އެމެރިކާގެ ޖަލެއްގައި އެޕްސްޓީން މަރުވި ފަހުންނެވެ.
މި ހަފުތާގެ ކުރީކޮޅު ނޯވޭގެ ވަލީއަހުދުގެ އަނބިކަނބަލުން މެޓޭ-މާރިޓް ވެސް ވަނީ އެޕްސްޓީންއާ މުއާމަލާތް ކުރެވުނު ކަމަށްޓަކައި މާފަށް އެދިވަޑައިގެންފަ އެވެ.
މީގެ އިތުރުން، ވޯލްޑް އިކޮނޮމިކް ފޯރަމްގެ ރައީސް އަދި ސީއީއޯ ބޯޖް ބްރެންޑޭ އާއި އެޕްސްޓީންއާ ދެމެދު އޮތް ގުޅުންތައް ބެލުމަށް އެ އިދާރާއިން ވެސް ވަނީ އަމިއްލަ ތަހުގީގެއް ފަށާފަ އެވެ.
ބްރެންޑޭ ވިދާޅުވީ އޭނާގެ މުއާމަލާތްތަކަކީ ހަމައެކަނި މަދު ފަހަރަކު ބޭއްވި ކެއުންތަކަކާއި މެސެޖުތަކެއް ކަމަށާއި، އެޕްސްޓީންގެ ކުށްތަކުގެ މައުލޫމާތު ކުރިން އެނގިވަޑައިގެންފައި ނުވާ ކަމަށެވެ. މި މައްސަލަ ބެލުމަށް އެދިވަޑައިގަތީ އޭނާ އަމިއްލައަށް ކަމަށާއި، ތަހުގީގަށް ފުރިހަމައަށް އެއްބާރުލުން ދެއްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ