މަސްވެރިންގެ ގައުމީ ދަފްތަރެއް އެކުލަވައިލެވުމަކީ ސިނާއަތަށް ލިބުނު ބޮޑު ކުރިއެރުމެއް: ރައީސް

މަސްވެރިންގެ އިޖުތިމާއީ އަދި އިގްތިސާދީ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި މި ސަރުކާރުން ގާއިމު ކުރި މަސްވެރިންގެ ގައުމީ ދަފުތަރަކީ މި ދާއިރާއަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މި އަހަރުގެ ރިޔާސީ ބަޔާން އިއްވަވައިދެއްވަމުން، ރައީސް މުއިއްޒު މިއަދު ވިދާޅުވީ، މަސްވެރިކަމުގައި ހަރަކާތްތެރިވާ ދޯނިފަހަރުގެ 100 އިންސައްތަ ދޯނި ފަހަރު މިހާރު މި ދަފުތަރުގައި ބައިވެރިވެފައިވާކަން އުފަލާއެކު ފާހަގަކުރައްވާ ކަމަށެވެ.
”މި ދަފުތަރުގެ ސަބަބުން މަސްވެރިންނަށް މިއަދު ފައިނޭންޝިއަލް ފެސިލިޓީތަކުގެ ހިދުމަތްތައް ލިބެން ފަށައިފި.“ ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، މިހާތަނަށް ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް 80 ފަރާތަކަށް ޖުމްލަ 10.4 މިލިއަން ރުފިޔާގެ ލޯނު  ދޫ ކުރެވިފައިވާ ކަމަށާއި، ހަމަ އެއާއެކު، މަސްވެރިން މާލީ ދާއިރާގައި ބައިވެރިކުރުވުމުގެ ގޮތުން މަސްވެރިންގެ ގައުމީ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ މަސްވެރިންނަށް އެމީހުންގެ އާމްދަނީއަށް ބިނާކޮށް ޕަރސަނަލް ފައިނޭންސިންގް، ކްރެޑިޓް ކާޑު އަދި ގެދޮރު ގަތުމާއި އިމާރާތްކުރުމާއި މަރާމާތު ކުރުން އަދި މަސްވެރިންގެ ދަރިންނަށް ތައުލީމު ދިނުން ފަދަ އެކި ބޭނުންތަކަށް ފަސޭހައިން ލޯނާއި ފައިނޭންސް ލިބޭނެ ގޮތްވެސް މި ވަނީ ހަމަޖެހިފައި ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ