ކޮންމެ މުސްލިމަކުވެސް ވާގިއެދޭނީ ﷲ ތާލާގެ ޙަޟްރަތުންނެވެ. ކަމެއް ބޮޑުވުމުން ނުވަތަ ކަމަކަށް ބޭނުންވުމުން އަޅުކަންކުރުން ގިނަކުރެއެވެ. ދުޢާކުރުންވެސް ގިނަކުރެއެވެ.
ﷲ ތަޢާލާ މީހަކު ދެކެ ލޯބިވެވޮޑިގެންފިނަމަ އެމީހަކަށް ތަކްލީފްތައް ޖައްސަވާ ސަބަބަކީ އެއީއެވެ. އޭނާ އަޅުކަންކުރާވަރު ގިނަކުރުމަށާއި ދުޢާކުރުން ގިނަކުރުމަށެވެ.
އަދި އެމީހާ އެދޭ ކަންތައް ހިންމަވައި ނުދެއްވަވައި ލަސްކުރައްވަވަނީވެސް ހަމަ އެސަބަބަށްޓަކައެވެ. ގިނައިން އަޅުކަންކޮށް ގިނައިން ދުޢާކުރަން ޖެއްސެވުމަށެވެ.
އެއީ އެމީހާ އެކަންކަން ކުރުމުން ﷲ ތަޢާލާއަށް އެއްވެސް މިންވަރެއްގެ ފައިދާއެއް ލިބިވޮޑިގަންނަވާތީއެއް ނޫނެވެ. އެމީހާއަށް ސުވަރުގެއިން ދެއްވަވާ ދަރަޖަ މަތިކުރެއްވެވުމަށްޓަކައެވެ.
ސުވަރުގެއިން މަތީ ދަރަޖަ ލިބެން އޮތީ އެމީހަކު ކުރި މަސައްކަތަކުންނެވެ. ދުނިޔޭގައި ވަކިމީހަކުވެގެން މަތީ ދަރަޖަ ލިބުނަސް ﷲ ތަޢާލާގެ ޙަޟްރަތުގައި އެކަން އޮތީ އެގޮތަކަށް ނޫނެވެ. އެންމެންނަސްވެސް އޮތީ ހަމަހަމަ ދަރަޖައެވެ. ދަރަޖަ މަތިވާން އޮތީ އެމީހަކު ކުރި މަސައްކަތަކުންނެވެ. ވީމާ އެމީހަކަށް އެޖައްސަވަނީ މަސައްކަތްކުރުން އިތުރުކުރަންޖެހޭނެ ޙާލަތެވެ.
ބައެއްމީހުންނަށްވާ ގޮތަކީ ކަމެއް ދިމާވުމުން ދުވަސްކޮޅަކު އަޅުކަންކުރުން އިތުރުކޮށްލާފައި އަދި ދުވަސްކޮޅަކު ދުޢާކޮށްލުމުން ޢިޖާބަ ނުކުރައްވަވައިފިނަމަ މާޔޫސްވެގެން އެކަންކަން ކުރުން ހުއްޓައިލެވެނީއެވެ. އެއިރުން އެމީހަކު ފޭލްވީއެވެ.
ބުނަންހެއްޔެވެ؟ ދުޢާކުރުންމަތީގައި މުޅި ޢުމުރު ހޭދަކުރަންޖެހުނަސް މާޔޫސްނުވާށެވެ. ދުޢާކުރުންމަތީގައި ދެމެހުންނާށެވެ! އެގޮތުގައި ހުއްޓައި މަރުވެއްޖެނަމަ އެއީ މީހަކަށް ލިބޭނެ އެންމެ ބޮޑު އުފަލެވެ. އެންމެ ބޮޑު ކާމިޔާބީއެވެ. އެހެނީ މަރުވެ ފުރާނަ ﷲ ތަޢާލާގެ ހަޟްރަތަށް އުފުލޭ ހިސާބުން އެވަނީ ﷲ ތަޢާލާގެ ތަނަވަސް ރަޙްމަތުގައެވެ. އަދި އެމީހާއަށް ޤިޔާމަތް ދުވަހު ދެއްވަވާ ނިޢުމަތްތައް ފެނުމުން ބުނާނެތެވެ! "އަހުރެންކުރި އެއްވެސް ދުޢާއެއް ދުނިޔޭގައި ހުއްޓައި ޢިޖާބަ ނުކުރެއްވެވިނަމައެވެ."
މިވާހަކަ ގިނަގިނައިން ހަނދާންކޮށްދޭން ޖެހެނީ ﷲ ތަޢާލާގެ ރަޙްމަތަށް މާޔޫސްވެ ތިމާއަށް ދެއްވަވަން އޮތް ނިޢުމަތްތައް ނަގާލައި މަގުގެއްލުވައިލާ މީހުން ގުިނަވާތީއެވެ. އެކަން އެގޮތަށް ނުކުރަން ބުނުމެވެ. ނަޞޭޙަތްދިނުމެވެ.
- މުފްތީ މެންކުގެ ދަރުސަކުން
ކަންކަން ކުރިމަތިވުމުން އަޅުކަންކުރަން ހީވާގިވެލާފައި ފަހަތަށް ޖެހިލެވޭނަމަ އެމީހަކު ފޭލްވީ! ފާސްވާނީ ހީވާގިވެވިގެން!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ